ޚަބަރު

އެންމެ ފަހުން ފީފާއިން ބައްސާމް ސަސްޕެންޑުކޮށްފި


  • މި ސަސްޕެންޝަންގެ ދުވަސް ގުނަން ފަށާފައިވާކަން ފީފާއިން ވަނީ ބައްސާމަށް އަންގާފައި

  • ބައްސާމް ސަސްޕެންޑުކޮށްފައިވަނީ ފުޓްބޯޅައިގެ އެއްވެސް ހަރަކާތެއްގައި ނޫޅެވޭ ގޮތަށް

ފީފާ އިން ރާއްޖޭގެ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް، (އެފްއޭއެމް)ގެ ރައީސް، ބައްސާމް އަދީލް ޖަލީލް، ނުވަ މަސް ދުވަހަށް ސަސްޕެންޑްކޮށްފިއެވެ.

ފީފާއިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއީ ރާއްޖޭގެ ޕްރޮސިކިއުޓަރ ޖެނެރަލް އޮފީސް (ޕީޖީ އޮފީސް) އިން ކުރަމުން އަންނަ ތަހުގީގުގެ ކަންކަމަށް ބަލައި، ފީފާގެ އިންވެސްޓިގޭޓަރީ ޗެންބަރުން ނިންމި ނިންމުމެއްކަމަށެވެ.

ފީފާއިން ބުނީ ބައްސާމްގެ މިސަސްޕެންޝަންގެ ދުވަސް ގުނަން ފަށާފައިވާކަން އޭނާ އަށް މިއަދު އަންގާފައިވާނެ ކަމަށެވެ. ފީފާގެ އިންވެސްޓިގޭޓަރީ ޗެމްބަރުން ހޯދި ހޯދުމުން، އެފްއޭއެމްގެ އެންމެ އިސްވެރިއާގެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބައްސާމް ހަދިޔާ ހޯދުމާއި ރާއްޖެއަށް ލިބޭ ފަންޑް/ފައިސާ ނަަހަަމަ ގޮތުގައި ބޭނުންކުރުމުގެ ކަންތައްތަކެއް ކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފީފާގެ ބަޔާނުގައިވެއެވެ. އަދި މި ކަންކަމުގެ ތަހުގީގު އިތުރަށް ކުރިއަށްގެންދަން ފީފާ އިން ނިންމާފައިވާކަމަށްވެސް މިބަޔާނުގައި ހާމަކޮށްފައިވެއެވެ.

ފުޓްބޯޅައިގެ އެއްވެސް ހަރަކާތެއްގައި ނޫޅެވޭ ގޮތަށް ފީފާއިން ބައްސާމަށް ދީފައިވާ މިސަސްޕެންޝަންގެ މުއްދަތު ގުނަން ފަށާފައިވާއިރު، އެފްއޭއެމްގެ ރައީސްގެ މަގާމުގައި އޭނާގެ ދެ ވަނަ ދައުރު އަންނަ މަހުގެ ދެ ވަނަ ދުވަހަށް ހަމަވާނެއެވެ.

ބައްސާމްގެ މައްޗަށް، ޕީޖީ އޮފީހުން އުފުލި ޚިޔާނާތާއި ލޯންޑަރިންގެ ދައުވާގެ މައްސަލަ ނިމެންދެން އޭނާގެ ޕާސްޕޯޓް ވެސް އޮތީ ހިފަހައްޓާފައެވެ.