ޚަބަރު

"ބީއެމްއެލް ވާއު ކިޑްސް ރަން" ބާއްވައިފި


ކުޑަކުދިންގެ ދުވަހާއި ގުޅުވައިގެން ދުޅަހެޔޮ ސިއްޙަތުގެ މުހިންމުކަން ކުޑަކުދިންނަށް އަންގައިދިނުމުގެ ބޭނުމުގައި ޓޯޓަލް ފިޓްނަސް ގްރޫޕް ޓީއެފްޖީއާއި ބީއެމްއެލް ގުޅިގެން "ބީއެމްއެލް ވާއު ކިޑްސް ރަން" މިއަދު ބާއްވައިފިއެވެ. 

މިއަދު ހެދުނު ބޭއްވި ބީއެމްއެލް ވާއު ކިޑްސް ރަން ޕްރޮގްރާމަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަކީ ކިހާ މުހިއްމުކަމެއްކަން ކުޑަކުދިންނަށް އަންގައިދިނުމުގެ ގޮތުން ކުރިއަށް ގެންދިޔަ ދުވުމެކެވެ. އެގޮތުން މިދުވުމުގައި ޖުމްލަ 580 ކުޑަކުދިން ބައިވެރިވެފައިވާކަމަށް ޓީއެފްޖީން މައުލޫމާތުދެއެވެ. 

ބީއެމްއެލްގެ މެއިން ބްރާންޗުގެ އިތުރުން ބީއެމްއެލްގެ މަޖީދީމަގު ބްރާންޗާއި ބާޒާރު ބްރާންޗުގެ ކުރިމަތިން ފެށި ދުވުން ނިންމާލީ ރަސްފަންނު ބީޗަށެވެ. މި ދުވުން ފައްޓަވައިދެއްވީ ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އެންޑްރޫ ހީލީއެވެ. މިދިޔަ އަހަރު ފެށި މި ޕްރޮގްރާމް މެދުނުކެނޑި ކޮންމެ އަހަރަކުވެސް ބާއްވާނެކަމަށް ޓީއެފްޖީގެ ސީއީއޯ ހުސެއިން ޒިނާން ވިދާޅުވިއެވެ. އެގޮތުން މިއަހަރުން ފެށިގެން ކުރިއަށް އޮތް ދެއަހަރުވެސް މި ދުވުން ކުރިއަށް ގެންދިއުމަަށް ހަަމަޖެހިފައިވާނީ ބޭންކް އޮފް މޯލްޑިވްސްއާއި ގުޅިގެން " ބީއެމްއެލް ވާއު ކިޑްސް ރަން" މިނަމުގައެވެ.

ދުވުން ކުރިއަށް ގެންދިޔައީ ތަފާތު ތިން އުމުރުފުރާއަކަށް ބަހާލައިގެނެވެ. އޭގެ ތެރޭގައި ތިން އަހަރާއި ފަސް އަހަރާއި ދެމެދުގެ އުމުރުފުރާ އާއި ފަސް އަހަރާއި ހަތް އަހަރާއި ދެމެދުގެ އުމުރުފުރާ އަދި ހަތް އަހަރާއި ނުވަ އަހަރާއި ދެމެދުގެ އުމުރުފުރާ ހިމެނެއެވެ. މި ދުވުމުގައި ބައިވެރިވި ހުރިހާ ކުޑަކުދިންނެއްވެެސް ދުވެފައިވަނީ އެކުއްޖެއްގެ ބެލެނިވެރިއަކާއެކުގައެވެ.

ބީއެމްއެލް ވާއު ކިޑްސް ރަންގައި ބައިވެރިވި ހުރިހާ ކުދިންނަށްވެސް ވަނީ މި ދުވުމުގައި ބައިވެރިވިކަމުގެ މެޑެލް ދީފައެވެ. މީގެ އިތުރުން ކޮންމެ ބައިވެރިޔަކަށް ވެސްވަނީ 100 ރުފިޔާ ގެ ޚާއްސަ ބީއެމްއެލް ގިފްޓް ކާޑެއްވެސް ދީފައެވެ.