ޚަބަރު

އިންޓަރޕްރިޓާސް ކޯސް ފުރިހަމަކުރި ފަރާތްތަކަށް ހަދާނީ ލިއުން ދީފި


ޑެފް އެސޯސިއޭޝަނުން ބޭއްވި ފުރަތަމަ އިންޓަރޕްރިޓާސް ކޯސް ފުރިހަމަ ކުރި ފަރާތްތަކައް އެކަމުގެ ހަދާނީ ލިޔުން ދީފިއެވެ.

އިވުމުން މަހްރޫމްވެފައިވާ ފަރާތްތައް ދައްކާ ވާހަކަ އަނެކާއަށް އިޝާރާތުގެ ބަހުން ބުނެދޭން ދަސްކޮށްދޭ މިކޯހުގެ މައިގަނޑު އަމާޒަކީ މިފަދަ ގިނަ މީހުން ބިނާ ކުރުން ކަމަށް ޑެފް އެސޯސިއޭޝަނުން ބުނެއެވެ. އެއްމަހުގެ މުއްދަތަށް ކުރިޔަށް ގެންދިޔަ މިކޯހުގައި ޖުމްލަ ތިރީސް ގަޑިއިރު ބައިވެރިންނަށް ކިޔަވައިދީފައިވެއެވެ.

ޖުމްލަ ބާރަ ބައިވެރިން ސެޓިފިކެޓް ޙާޞިލްކޮށްފައިވާއިރު، ކިޔަވައިދެއްވި ފަސް ބޭފުޅުންނަކީވެސް އިވުމުން މަހްރޫމްވެފައިވާ ބޭފުޅުންކަން ފާހަގަކޮށްލެވެއެވެ. އިންޓަރޕްރިޓަރ ކޯސް ފުރުހަމަ ކުރި ފަރާތްތަކައް އެވޯޑް ކުރުމަށް ބޭއްވި މިޙަފްލާ ޝަރަފްވެރިކޮށްދެއްވާ، ސެޓިފިކެޓް ޙަވާލުކޮށްދެއްވީ އޯޓިޒަމް އެސޯސިއޭޝަނުގެ ރައީސް އިފްހާމް ޙުސައިންއެވެ.

މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން އިފްހާމް ވިދާޅުވީ، އޯޓިޒަމާ އިވުމުން މަހްރޫމްވެފައިވާ ކުދިންގައިގެ ބޭރުފުށުން އާއްމުކޮށް ނުކުޅެދުންތެރިކަމުގެ ސިފައެއް ފެންނަން ނުހުންނަކަމަށާއި، އޭގެ ސަބަބުން ޚިދުމަތް ލިބިގަތުމަށާއި އެހީ ހޯދުމަށް ދަތިވެފައިވާކަމަށެވެ. އަދި މިކަމުން އަރައިގަތުމަށް ޑެފް އެސޯސިއޭޝަނާއި ގުޅިގެން މަސައްކަތްކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް އިފްހާމް ވިދާޅުވިއެވެ.

ރޭގެ ހަފްލާގައި އަޑު ހިވުމުން މަހްރޫމްވެފައިވާ ކުދިންގެ ޙަރަކާތްތަކެއްވެސް ކުރިޔަށް ގެންގޮސްފައިވެއެވެ. ޑެފް އެސޯސިއޭޝަނުން ބުނީ، އިންޓަރޕްރިޓަރ ލެވެލް އެކެއްގެ އިތުރު ކޯސްތަކެއް ފަށަން ޤަސްތުކޮށްފައިވާކަމަށެވެ.