ޚަބަރު

ޔޫތް އެކްސްޗޭންޖް ޕްރޮގްރާމް- ދިވެހި ޒުވާނުން އިންޑިއާގައި


ރާއްޖެއާ އިންޑިޔާގެ ސަރުކާރުން ވެވަޑައިގަންނަވާފައިވާ އެއްބަސްވުމެއްގެ ދަށުން ދެޤައުމުގެ ގުޅުން ބަދަހިކުރުމުގެ މަޤްޞަދުގައި ކުރިޔަށްގެންދެވޭ ޔޫތް އެކްސްޗޭންޖް ޕްރޮގްރާމްގެ ދަށުން ފަންސާސް ޒުވާނުން ވަނީ މި ދަތުރުގައި ބައިވެރިވެފައެވެ. މީގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 45 ޒުވާނުންނާއި، ފަސް އޮފިޝަލުން ހިމެނެއެވެ.

ޔޫތު އެކްސްޗޭންޖް ޕްރޮގްރާމާއި ގުޅޭ ގޮތުން ޕީ.އެސް.އެމް އާއި ވާހަކަދައްކަވަމުން މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ޑެޕިއުޓީ މިނިސްޓަރ ނާއިފް ޝައުކަތު ވިދާޅުވީ މިފަދަ އިތުރު ޕްރޮގްރާމްތައް އަދިވެސް ކުރިއަށް އެބަހުރިކަމަށެވެ. މިގޮތުން އިންޑިއާގެ އިތުރުން ޗައިނާ އާއި ނޭޕާލުންވެސް މިފަދަ ޝައުޤުވެރިކަން ފާޅުކޮށްފައިވާކަމަށާއި ނޭޕާލާއި އެކު މިފަދަ އެއްބަސްވުމެއްގައި ވަރަށް އަވަހަށް ސޮއިކުރެވިގެންދާނެކަމަށް ނާއިފް ވިދާޅުވިއެވެ. އަދި އިންޑިއާއިން ޔޫތު އެކްސްޗޭންޖް ޕްރޮގްރާމަށް ދެއްވާ ތަރުހީބާއި ގުޅިގެން އަންނަ އަހަރުވެސް މި ޕްރޮގްރާމް ކުރިއަށްގެންދަވާނެކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ ޒުވާނުން އިންޑިއާއަށް ދިއުމުން އިންޑިއާއިން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.

މި ދަތުރުގައި ރާއްޖޭގެ ޒުވާނުންގެ ޓީމަށް އިންޑިއާގެ އާދަކާދައާއި ސަޤާފަތާއި ބެހޭ މަޢުލޫމާތު ދިނުމުގެ އިތުރަށް އިންޑިއާގެ އާސާރީ ބައެއް ތަންތަނަށް ޒިޔާރަތްކުރުމުގެ ފުރުޞަތުވެސް ލިބިގެންދާނެއެވެ. މިގޮތުން މިހާތަނަށް މި ޓީމުން ވަނީ ޤުތުބް މިނާރ އާއި، ކްރާފްޓް މިއުޒިއަމްއާއި، ނޭޝަނަލް މިޔުޒިއަމް، އިންޑިއާ ގޭޓް ފަދަ ތަންތަނަށް ޒިޔާރަތްކޮށްފައެވެ.

މީގެ އިތުރުން އިންޑިއާގެ ބައެއް މަޝްހޫރު ތަންތަނަށްވެސް މި ޓީމުން ޒިޔާރަތްކުރާނެއެވެ.

ރާއްޖެއިން އިންޑިއާއަށް އައި މިޓީމުން ތިބީ މިދަތުރާއި މެދު ވަރަށް ހިތްހަމަ ޖެހިފައެވެ. ދަތުރުގެ ބައިވެރިން ބުނީ އިންޑިއާގެ މި ދަތުރަކީ ވަރަށް އާ ތަޖުރިބާތަކެއް ލިބިގެންދާ ދަތުރެއްކަމަށެވެ.