ޚަބަރު

ރާއްޖޭގެ ޞިއްޙީ ދާއިރާގެ ޙާލަތުގެ މައްޗަށް އެމްޑީޕީން ރިޕޯޓެއް!


ރާއްޖޭގެ ޞިއްޙީ ދާއިރާގެ ޙާލަތުދެނެގަނެ، އެކަމުގެ މައްޗަށް ރިޕޯޓެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމް.ޑީ.ޕީން ބުނެފިއެވެ.

އެޕާޓީގެ ހެލްތް އެންޑް ވެލްފެއަރ ކޮމެޓީން މިހާރު ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މީޑިއާއަށް މައުލޫމާތުދެއްވަމުން، އެކޮމެޓީގެ މުޤައްރިރު އަދި އެމް.ޑީ.ޕީގެ ސަރުކާރުގައި ފިޝަރީޒް މިނިސްޓަރުކަންވެސް ކުރެއްވި ޑރ. އިބްރާހީމް ދީދީ ވިދާޅުވީ، ސަރުކާރު ޒިންމާދާރު ކުރެއްވުމަށްޓަކައި މުޅި ހެލްތް ދާއިރާގެ ކަންކަން ކުރިޔަށްދާ ގޮތް ބައްލަވައި ދިރާސާ ކުރެއްވުމަށާއި، އެކަމަށް ޚާއްޞަ ރިޕޯޓެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ.

އޭނާ ވިދާޅުވީ، ރާއްޖޭގެ ޞިއްޙީ ދާއިރާގައި ކަންބޮޑުވާންޖެހޭ ފަދަ މައްސަލަތަކެއް އެބަހުރިކަމަށާއި، އެފަދަ ކަންކަން ޙައްލު ކުރެއްވުމަށް ބޮޑެތި ޢިމާރާތްތައް އެޅުމަށްވުރެ، ސަރުކާރުން، ރާއްޖެއަށް ބޭނުންވާ ޚާއްޞަ ޑޮކްޓަރުން އުފެއްދެވުން މުހިންމުކަމަށް އެ ޕާރޓީން ދެކޭކަމުގައެވެ.

ރާއްޖޭގެ ޞިއްޙީ ދާއިރާގައި މިހާރު ހުރި މައްސަލަތަކުގެ ގޮތުގައި ކަންތައްތަކެއް ފާހަގަކުރައްވައި އެކަންކަން ހައްލުކުރުމަށް ގޮވާލައްވައި، ސަރުކާރުގެ ޞިއްޙީ ސިޔާސަތުތަކަށް އިބްރާހީމް ދީދީ ވަނީ ފާޑުވިދާޅުވެފައިވެއެވެ.

އެމް.ޑީ.ޕީން ޞިއްޙީ ދާއިރާގެ ކަންކަން ބަލައި ދިރާސާކުރުމުގެ މައިގަނޑު އެއް ބޭނުމަކީ، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އެޕާޓީގެ މެނިފެސްޓޯގައި ޞިއްޙީ ދާއިރާއިން ކުރައްވާނެކަންކަން ހިމެނުމާއި، އެކަމަށް ތައްޔާރުވުން ކަމަށްވެސް ޑރ. ޑީޑީ ވިދާޅުވިއެވެ.