ޚަބަރު

ގދ.ގައްދޫގައި އަލަށް އިމާރާތްކުރާ މިސްކިތުގެ އެއްބަސްވުން


ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫގައި 900 މީހުންގެ ޖާގައިގެ މިސްކިތެއް ޢިމާރާތްކުރެއްވުމުގެ ކޮންޓްރެކްޓް މަސައްކަތް، މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން އަމީން ކޮންސްޓަރަކްޝަނާ ޙަވާލުކުރައްވައިފިއެވެ.

އިސްލާމިކް އެފެއަރޒް މިނިސްޓްރީގައި ބޭއްވެވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އިސްލާމިކް އެފެއަރޒް މިނިސްޓަރ ޑރ. އަޙުމަދު ޒިޔާދުއެވެ. އަމީން ކޮންސްޓަރކްޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ މުޙައްމަދުއެވެ.

މި އެއްބަސްވުމުގެ ދަށުން އެއްއަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮޖެކްޓަށް 9.4 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދު ވިދާޅުވީ މި ޕްރޮޖެކްޓަކީ ރާއްޖެ ތަރައްޤީކުރެއްވުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ތެރެއިން ހިންގަވާ ޕްރޮޖެކްޓެއްކަމަށެވެ.

ގައްދޫގައި އަލަށް ޢިމާރާތްކުރައްވާ މި މިސްކިތާއެކު ގައްދުއަށް ދިމާވެފައިވާ މިސްކިތުގެ ޖާގައިގެ ދަތިކަމަށް ޙައްލެއް ލިބިގެންދާނެއެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މިހާރުވެސް 47 ރަށެއްގައި މިސްކިތް ޢިމާރާތްކުރެއްވުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑެއްގައި ކުރިޔަށްދާ ކަމަށެވެ. އަދި މި އަހަރުގެ ރޯދަމަހަށް 14 މިސްކިތް ނިންމަވައި، ބޭނުން ކުރަން ފެށޭވަރުވާނެ ކަމަށް ލަފާކުރައްވާ ކަމަށެވެ. އޭގެ ތެރެއިން މިހާތަނަށް 3 މިސްކިތެއްގެ މަސައްކަތް ނިންމަވައި، ބޭނުންކުރަން ފަށާފައިވާއިރު ބާކީ ހުރި 11 މިސްކިތް މި ރޯދަމަހުގެ ތެރޭގައި ނިމި ބޭނުންކުރަން ފެށޭނެ ކަމަށެވެ.