ކުޅިވަރު

އޮސްޓްރިއާ ބަލިވީ ނަސީބު ނެތުމުން: ރަންގްނިކް


"
ފްރާންސް މޮޅުވީ އެމީހުންގެ ނަސީބު ރަނގަޅުވެ، އެފިޝަންޓް ވުމުން،
އޮސްޓްރިއާގެ ކެޕްޓަން، މާސެލް ސަބިޓްޒާ

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ޑީ ގައި ރޭ ފްރާންސް އަތުން 1-0 އިން ބަލިވި މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޮސްޓްރިއާގެ ކޯޗު، ރަލްފް ރަންގްނިކް ބުނީ، މިއީ ނަސީބުދެރަކޮށް ދިމާވުމުން ބަލިވި މެޗެއް ކަމަށެވެ.

ރަންގްނިކް ބުނީ، އޭނާގެ ޓީމުން މެޗަށް ނިކުތްއިރު ވެސް ފްރާންސް އަތުން ބަލިވެދާނެކަން އެނގޭ ކަމަށެވެ. އެހެންކަމުން، އަނެއް ބުރަށް ދިއުމަށްޓަކައި ޕޮލެންޑް ބަލިކުރުން ނޫން ގޮތެއް ނެތް ކަމަށެވެ.

ރަންގްނިކް ބުނީ، އޭނާގެ ޓީމުން މުޅި މެޗުގެ 100 އެއްހާ މިނެޓުގެ ތެރޭގައި ބޮޑުބައިގައި ފްރާންސް ހުއްޓުވިކަމަށާއި، އެކަމަކު ނަސީބުދެރަވެ ބައިކޮޅަށް ވަތް ގޯލަކުން ނަތީޖާ ބޭނުންވި ގޮތަށް ނުނިކުތީ ކަމަށެވެ.

މެޗުން ޕޮއިންޓެއް ނުލިބުމުން އޭނާގެ ޓީމުގެ ކުޅުންތެރިން ތިބީ ދެރަވެ، މާޔޫސްވެފައިކަމަށާއި މިހާރު ހުރިހާ ފޯކަސްއެއް އޮތީ ދެން އޮތް މެޗަށް ކަމަށް ރަންގްނިކް ބުންޏެވެ.

އޮސްޓްރިއާގެ ކެޕްޓަން، މާސެލް ސަބިޓްޒާ ބުނީ، މެޗު ފެނިގެންދިޔައީ ވަރަށް އެއްވަރުކޮށް ކަމަށެވެ. އެމީހުންނަށް ކުރެވެން އޮތް ވަރަކަށް މަސައްކަތްކުރި ކަމަށާއި، ފްރާންސްގެ ތަންކޮޅެއް ނަސީބު ރަނގަޅުވުމުން އެމީހުން މޮޅުވީ ކަމަށެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އޮސްޓްރިއާ އަށް ދެން އޮތީ މި މަހުގެ 21 ވާ ހުކުރު ދުވަހު ޕޮލެންޑާ ބައްދަލުކުރާ މެޗެވެ.