ޚަބަރު

އިންސާނީ ވަގުފާރީގެ ޝިކާރައަކަށްވާ ފަރާތްތައް ހިމާޔަތްކުރުން


އިންސާނީ ވަގުފާރީގެ ޢަމަލުތަކުގެ ޝިކާރައަކަށްވާ ފަރާތްތަށް ހިމާޔަތްކުރުމަށްޓަކައި ޝަރުޢީ ދާއިރާ އެންމެ ކުރީ ސަފުގައި އޮވެގެން މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް ޢަބްދުﷲ ސަޢީދު ދެއްވައިފިއެވެ.

މި ޔަޤީންކަން އުއްތަމަ ފަނޑިޔާރު ދެއްވީ، "ފަނޑިޔާރުންގެ މަހާސިންތާ 2016" ނިންމުމަށް އިސްލާމީ މަރުކަޒުގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ފަނޑިޔާރުންގެ މަހާސިންތާ 2016 ގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި، ހައިކޯޓުގެ ފަނޑިޔާރުންނާއި، ސުޕީރިއަރ ކޯޓުތަކުގެ ފަނޑިޔާރުންނާއި، އަތޮޅުތަކުގެ އިސް މެޖިސްޓްރޭޓުން ބައިވެރިވެ ވަޑައިގެންނެވިއެވެ. 

މި މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް ޢަބްދުﷲ ސަޢީދު ވިދާޅުވީ، އިންސާނީ ވަގުފާރީގެ ލާއިންސާނީ ޢަމަލުގެ ޝިކާރާއަކަށްވާ ފަރާތްތަކަށް ޙިމާޔަތްދިނުމަށްޓަކައި ޝަރުޢީ ދާއިރާއިން އެ ފަރާތްތަކަށް އޯގާތެރި، ހަމްދަރުދީގެ އަތެއް ދިއްކުރާނެ ކަމަށެވެ. އަދި، މި ވަބާއިން ދިވެހިޤައުމު ސަލާމަތްކުރުމަށްޓަކައި ދައުލަތުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން ކުރީސަފުގައި އޮވެގެން ޝަރުޢީ ދާއިރާ އިސް ދައުރެއް އަދާކުރައްވާނެކަމުގެ ޔަޤީންކަން އުއްތަމަ ފަނޑިޔާރު ދެއްވިއެވެ.

އުއްތަމަ ފަނޑިޔާރުގެ ވާހަކަފުޅުގައި، ޝަރުޢީ ދާއިރާގެ އެކްޝަން ޕްލޭނާ އެއްގޮތަށް ކުރިއަށް ރާއްވަވާފައިވާ ބައެއް ކަންކަން ޙިއްޞާކުރެއްވިއެވެ. މިގޮތުން އިންސާނީ ވަގުފާރިއާއި ގުޅޭ އެކްޝަން ޕްލޭނެއް އެކުލަވާލައްވާ، މިކަމުގައި އިސްކޮށް ހަރަކާތްތެރިވާ ވަރކިންގ ގްރޫޕެއް ކަނޑައަޅައި، ގުޅިގެން ގާތުން މަސައްކަތްކުރެވޭނެ ނިޒާމެއް އެކުލަވާލައްވާ، ދުރުރާސްތާ ޕްލޭނެއް އެކުލަވާލައްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ޝަރުޢީ ދާއިރާއާއި، ނޭޝަނަލް ސްޓެޓިސްޓިކްސް ބިޔުރޯ ގުޅިވަޑައިގެން އިންސާނީ ވަގުފާރިއާ ބެހޭ ތަފާސްހިސާބު އެއްކުރައްވާނެކަމުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ. މިކަމާގުޅޭ މަސައްކަތު ބައްދަލުވުމެއް ސެޕްޓެމްބަރު މަހު ބާއްވަވާ، އިންސާނީ ވަގުފާރިއާ ގުޅޭގޮތުން ޕޮލިސީ ލެވެލްގައި ނިންމަންޖެހޭ ކަންކަން ދެނެގަނެ އެކަމާގުޅޭގޮތުން މަޝްވަރާ ކުރައްވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ފަނޑިޔާރުންނަށް ކުރިއަށް ގެންދެވި މަހާސިންތާގައި، މަދަނީ މައްސަލަތަކުގައި ޝަރީޢަތް ނުކޮށް އަދުލު ހޯދާދެވޭނެ ގޮތްތަކާއި، ޝާރުޢީ ދާއިރާގެ އިޖުރާޢަތްތައް އެއް އުޞޫލަކުން ކުރިއަށް ގެންދިއުމަށާއި، ޝަރުޢީ ދާއިރާގެ ތަފާސްހިސާބާ ގުޅޭގޮތުން ޕްރޮސެކިއުޓަރ ޖެނެރަލާއި، ބަންޑާރަ ނާއިބާއި، އަދި ޕޮލިސް ކޮމިޝަނަރ އާއި ބައްދަލުކުރައްވާ މަޝްވަރާ ކުރައްވާފައިވެއެވެ.

މިރަސްމިއްޔާތުގައި ޝަރުޢީ ދާއިރާގައި 40 އަހަރު ވަންދެން ޚިދުމަތްކުރެއްވި ޏ.ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އިބްރާހީމް ޝަރީފް ރިޓަޔަރކުރައްވާ، ހަނދާނީ ރިހި މުގުރު އުއްތަމަ ފަނޑިޔާރު އޭނާއަށް އެރުއްވިއެވެ.