ޚަބަރު

ހަނގުރާމައިގެ ކެބިނެޓު އުވައިލައި ބާރުތައް ނަތަންޔާހޫގެ މުށުތެރެއަށް


ޒަޔަނިސްޓު އިސްރާއީލުގެ ހަނގުރާމައިގެ ކެބިނެޓު އުވައިލައި, ޣައްޒާ ޢުދުވާނާ ގުޅޭ ހުރިހާ ބާރުތަކެއް އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ މުށުތެރެއަށް ޖަމާކޮށްފިއެވެ. އިސްރާއީލުގެ ހަނގުރާމައިގެ ކެބިނެޓަކީ, ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގެ މައި މޭސްތިރިއެވެ.

ނަތަންޔާހޫގެ ހަނގުރާމައިގެ ކެބިނެޓު އުވައިލާފައި މި ވަނީ އެ ކެބިނެޓުގައި އިސް ދައުރެއް އަދާކުރި ބެނީ ގަންޓްޒް އިސްތިޢުފާ ދިނުމާ ގުޅިގެންނެވެ. އޭނާގެ އިސްތިޢުފާއާ ގުޅިގެން, ނަތަންޔާހޫގެ ސަރުކާރުގައި ހިމެނޭ ހައްދުފަހަނަ އެޅި ޕާޓީތަކުން ދަނީ ޢުދުވާނާ ގުޅޭ ގޮތުން ލަފާދޭނެ އައު ކެބިނެޓެއް އެކުލަވައިލަން ނަތަންޔާހޫއަށް ބާރު އަޅަމުންނެވެ.

ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން މީގެ އަށް މަސް ކުރިން ފެށި ޢުދުވާން ހުއްޓައިނުލައި ކުރިއަށް ގެންދަން, އޭނާގެ ސަރުކާރުގައި ހިމެނޭ ފިނޭންސް މިނިސްޓަރު ބިޓްޒަލްއެލް ސްމޮޓްރިޗާއި ޤައުމީ ސަލާމަތާ ބެހޭ ވަޒީރު އިތަމާރް ބެން-ގްރީވް ދަނީ ގޮވައިލަމުންނެވެ. އަދި, ފަލަސްޠީނުގެ ވީހާވެސް ގިނަ ޢަދަދެއްގެ ބަޔަކު ޝަހީދު ކޮށްލުމަށް ނަތަންޔާހޫއަށް ބާރު އަޅަމުންނެވެ.

ހަނގުރާމައިގެ އައު ކެބިނެޓެއް އެކުލަވައިލަން ގޮވައިލަމުންދާ އަނިޔާވެރި ވަޒީރުންގެ ތެރޭގައި އެ ދެ މީހުން ހިމެނެއެވެ. ނަމަވެސް, ނަތަންޔާހޫ އެ މީހުންގެ ގޮވައިލުމަށް އިޖާބަ ދީފައެއް ނުވެއެވެ. އޭނާ ވަނީ ހަނގުރާމައިގެ ކެބިނެޓު އެކުލަވައިލާފައި ވަނީ ގަންޓްޒް ބޭނުންވެގެން ކަމަށް ބުނެ, އޭނާގެ ވަކިވުމާ އެކު އެ ކެބިނެޓުގެ ބޭނުން ކެނޑިފައިވާ ކަމަށް ބުނެފައެވެ.

ކުރިއަށް އޮތް ތަނުގައި ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޢުދުވާނާއި ގަތުލުއާންމުގެ ކަންކަމާ ގުޅޭ ގޮތުން އޭނާ މަޝްވަރާ ކުރަމުން ދާނީ ސަރުކާރުގެ ކެބިނެޓުގައި ހިމެނޭ މަދު ޢަދަދެއްގެ ވަޒީރުންނާއެވެ. އޭގެ ތެރޭގައި ދިފާޢީ ވަޒީރު ޔޮއަވް ގަލަންތާއި ޜޯން ދެރްމެރް ހިމެނެއެވެ. އެއީ, އުވައިލާފައިވާ ހަނގުރާމައިގެ ކެބިނެޓުގައި ވެސް އިސް ދައުރެއް އަދާކޮށް, ފަލަސްޠީނުގެ މުސްލިމުންގެ ލޭ އޮހޮރުވައިލަން ގޮވައިލަމުން ދިޔަ ދެ ވަޒީރުންނެވެ.

އިސްތިޢުފާ ދިނުމަށް ފަހު ގަންޓްޒް ބުނީ, ޣައްޒާ ޢުދުވާނަށް ފަހު އެ ސަހަރުގެ ވެރިކަން ބައްޓަން ކުރާނެ ގޮތުގެ ރޭވުލެއް އެކުލަވައިލަން ނަތަންޔާހޫ ފޭލުވެފައިވާ ކަމުގައެވެ. އަދި, އަވަސް އިންތިޚާބެއް ބޭއްވުމަށް ވެސް އޭނާ ވަނީ ގޮވައިލާފައެވެ. އޭނާގެ އިސްތިޢުފާއާ އެކު, އަނިޔާވެރި ނަތަންޔާހޫގެ ސަރުކާރަށް އޮތް ޕްރެޝަރު އިތުރުވެގެން ދިޔަ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ގަބޫލު ކުރެއެވެ.

ސްމޮޓްރިޗާއި ބެން-ގްވީރް އިސްކޮށް ބައިތިއްބައިގެން ހަނގުރާމައިގެ އައު ކެބިނެޓެއް ނަތަންޔާހޫ އެކުލަވައިލައިފި ނަމަ, އިސްރާއީލާއި ބައިނަލްއަޤުވާމީ މުޖުތަމަޢާ ދެމެދު އުފެދިފައިވާ ނުތަނަވަސް ކަން, ޚާއްޞަކޮށް އެމެރިކާއާ ދެމެދު އޮތް ނުތަންވަސް ކަން, އިހުނަށް ވުރެ ގޯސްވާނެ ކަމަށް ވެސް އެ ފަރާތްތަކުން ގަބޫލު ކުރެއެވެ.

ޔަހޫދީ ފައުޖުން ޣައްޒާގެ އެންމެ ދެކުނުން އޮތް ރަފަޙަށް އެއްގަމު މަގުން އަރައި ޢުދުވާން ފުޅާކޮށްފައި ވަނީ އެމެރިކާއިން އެ ކަމާ ދެކޮޅަށް އަޑު އުފުލަމުން ދިޔަ ދަނޑިވަޅެއްގައެވެ. ނަމަވެސް, އެއިރު ވެސް, އަދި މިހާރު ވެސް, އެމެރިކާއިން ދަނީ ޔަހޫދީންގެ ލާއިންސާނީ ޢުދުވާނަށް ބޭނުންވާ އަސްކަރީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ޣައްޒާގެ މުސްލިމުންގެ ގެދޮރާއި, ހަސްފަތާލުތަކާއި, މަދަރުސާތަކާއި މިސްކިތްތަކަށް ޙަމަލާދިނުމަށް ޔަހޫދީ ފައުޖުން ބޭނުން ކުރަމުންދާ ނުރައްކާތެރި އަދި ފަނާކުރަނިވި މިސައިލްތަކާއި ބޮންތައް ފޯރުކޮށްދެމުންނެވެ.

މީގެ އަށް މަސް ކުރިން ޣައްޒާގައި ޔަހޫދީ ފައުޖުން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 37,347އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭއިރު, ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 85,372އަށް އުފުލިފައެވެ. އދއިން ބުނީ, ޣައްޒާގައި ހައިހޫނުގައި ޖެހިފައިވާ މީހުންގެ ޢަދަދު މިލިޔަނަކަށް އުފުލިފައިވާ ކަމުގައެވެ.