ޚަބަރު

ހޫނުގަދަވުމުގެ ސަބަބުން ޙައްޖާޖީންގެ ތެރެއިން 19 މީހަކު މަރުވެއްޖެ


  • އުރުދުން އާއި އީރާންގެ ޙައްޖާޖީންގެ ތެރެއިން 19 މީހަކުވަނީ މަރުވެފައި

  • ސައުދީގެ ހޫނުމިން މި ދުވަސްވަރު 40 ޑިގްރީ ސެލްސިއަސްއަށް ވުރެ މަތިވާނެކަމަށް ބެލެވޭ

މިއަހަރުގެ ޙައްޖު މޫސުމުގައި ހޫނުގަދަވުމުގެ ސަބަބުން ޙައްޖާޖީންތަކެއް މަރުވެއްޖެއެވެ.

އެގޮތުން އުރުދުން އާއި އީރާންގެ ޙައްޖާޖީންގެ ތެރެއިން 19 މީހަކު މަރުވެފައިވާ ކަމަށާއި އޭގެ ތެރެއިން ގިނަ ބަޔަކު މަރުވީ ގަދަ ހޫނުގައި ކުރިމަތިވި މައްސަލަތަކުގެ ސަބަބުން ކަމަށް ޚަބަރުތައް ބުނެއެވެ.

މިއަހަރު 1.8މިލިޔަން މީހުން ޙައްޖުގެ އަޅުކަމުގައި ބައިވެރިވަމުން ދާއިރު ސައުދީ އަރަބިއްޔާއިން ކުރިން ވެސް ވަނީ އާންމުކޮށް ހޫނު ގަދަވާ ވަރަށްވުރެ މިއަހަރު ޙައްޖު މޫސުމާ ދިމާކޮށް ހޫނު ގަދަވާނެ ކަމަށް ލަފާކުރެވޭތީ ރައްކާތެރިވާން އިލްތިމާސްކޮށްފައެވެ.

މިހާރު ޙައްޖުވެރިން ޙައްޖުގެ މަނާސިކުތައް އަދާކުރުމަށްޓަކައި ތިބީ މިނާގައެވެ. މިނާގައި ތިބެ ޖަމްރާތަކަށް ހިލައުކުން ކުރިއަށްގެންދާއިރު ގަދަ ހޫނުގައިވެސް ޙައްޖުވެރިން އަންނަނީ އެކަން ކުރަމުންނެވެ. ހޫނުމިން 40 ޑިގްރީއަށްވުރެ މަތީގައި ހުރިއިރު ޖަމްރާތަކަަށް ހިލައުކަންދާ ފަރާތްތައް އަނބުރައިގެން ވެއްޓި ހޭނެތުމުގެ ހާދިސާތައްވެސް އަންނަނީ ހިނގަމުންނެވެ. އިއްޔެ ބޮޑު ޖަމްރާއަށް ހިލަ އުކުމުގެ ތެރޭގައި ބައެއް ދިވެހިންވެސް ވަރުބަލިވެގެން އެކި ސަރަޙައްދުތަކުގައި މަޑުކުރަންޖެހި އެހީތެރިކަން ފޯރުކޮށްދޭން ޖެހުނެވެ. އެހެންކަމުން މިއަދު 3 ޖަމްރާއަށް ހިލައުކަން ދިއުމަށް ހަމަޖެހިފައިވަނީ ކޮންމެވެސް ވަރަކަށް ފިނިވުމުންނެވެ.

ސައުދީގެ ހޫނުމިން މި ދުވަސްވަރު 40 ޑިގްރީ ސެލްސިއަސްއަށް ވުރެ ވެސް މައްޗަށް ދާނެ ކަމަށް ވަނީ ބެލެވިފައެވެ. އެހެންކަމުން ގިނައިން ފެން ބުއިމާއި ދިޔާތަކެތި ބޭނުން ކުރުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ އިލްތިމާސްކުރަމުންނެވެ.

މިދިޔަ އަހަރު ވެސް ހޫނު ގަދަވުމުގެ ސަބަބުން 240 މީހަކު ޙައްޖުގެ އަަޅުކަމުގެ ތެރޭގައި މަރުވިއެވެ. އޭގެ ތެރޭގައި ގިނައީ އިންޑޮނީޝިއާ މީހުންނެވެ. މިދިޔަ އަހަރު ހޫނުގެ ސަބަބުން ޞިއްޙީ މައްސަލަތައް ދިމާވި ޙައްޖާޖީންގެ އަދަދު 10،000 އަށް އަރާއިރު އޭގެ ތެރެއިން 10 ޕަސެންޓް މީހުންނަކީ ހީޓް ސްޓްރޯކް ޖެހުނު މީހުންނެވެ.