ޚަބަރު

ދިވެހި ދަޢުލަތަށް ގިނަގުނަ ޚިދުމަތްތަކެއް ކުރެއްވި ޒަކީ ނިޔާވުމާއި ގުޅިގެން ރައީސްގެ ތަޢުޒިޔާ


  • ޒަކީ ދަޢުލަތަށް ޚިދުމަތް ކުރައްވަން ފެއްޓެވީ 1973ގައި

  • 47 އަހަރު ވަނީ ޚިދުމަތް ކުރައްވާފައި

  • ގިނަ ދުވަހު މަސައްކަތް ކުރެއްވީ ޕަބްލިކް އެގްޒެމިނޭޝަންސްގައި

ތަޢުލީމީ ދާއިރާއަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްދެއްވާފައިވާ މުޙައްމަދު ޒަކީ ނިޔާވުމާ ގުޅިގެން އެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ނިޔާވިއިރު ޢުމުރުފުޅަކީ 68 އަހަރެވެ.

ޒަކީ ވަނީ 47އަހަރަށްވުރެ ގިނަ ދުވަހު ތަޢުލީމީ ދާއިރާއަށް ޚިދުމަތްކުރައްވާފައެވެ. ޒަކީއަށވަނީ ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު 2023 ވަނަ އަހަރު ލިބިވަޑައިގެންފައެވެ.

ޒަކީ ނިޔާވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މަރުޙޫމް މުޙައްމަދު ޒަކީއަށް މާތްﷲ ހެޔޮ ރަޙްމަތްލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރެއްވުމަށް އެދި ދުޢާކުރައްވާކަމަށެވެ. އަދި މަރުޙޫމް މުޙައްމަދު ޒަކީގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ރައީސުލްޖުމްހޫރިއްޔާ ވަނީ ދުޢާ ކުރައްވާފައެވެ.

ޒަކީ ނިޔާވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފްވެސް ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވެފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ދިވެހި ދައުލަތަށް ގިނަގުނަ ޚިދުމަތަތްތަކެއް ކޮށްދެއްވާފައިވާ މުޙައްމަދު ޒަކީ ނިޔާވި ޚަބަރު އެއްސެވީ ކުއްލި ހައިރާންކަމާއި އެކުކަމަށެވެ. އަދި ޒަކީގެ ފުރާނަފުޅަށް ރަޙްމަތްލެއްވުން އެދި ވަނީ ދުޢާކުރައްވާފައެވެ.

މުޙައްމަދު ޒަކީ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 3 މާރިޗު 1973 ގައެވެ. 28 އޮކްޓޫބަރު 2020 ގައި އުމުރުން 65 އަހަރުވެގެން، ޚިދުމަތުން ރިޓަޔަރކުރެއްވިއިރު ހުންނެވީ، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ ސީނިއަރ ޕްރިންޓިންގ ސުޕަވައިޒަރެއްގެ މަގާމުގައެވެ. އެންމެ ގިނަދުވަހު މަސައްކަތްކުރެއްވީ ޗާޕާ ބެހޭ މަސައްކަތެވެ. އަދި އިމްތިހާނު ކަރުދާސްތައް ރަށްރަށާއި، ސެންޓަރުތަކަށް ފޮނުވުމުގައިވެސް ޒަކީވަނީ މުހިންމު މަސައްކަތްތަކެއް ކުރައްވާފައެވެ.

ތަޢުލީމީ ދާއިރާގެ އިތުރުން ސަރުކާރުގެ އެހެން ދާއިރާކުންވެސް ޒަކީ ވަނީ ޚިދުމަތްކުރައްވާފައެވެ.