ޚަބަރު

"ސަރުކާރުން މުވައްޒަފުންގެ މުސާރަ ކުޑައެއް ނުކުރާނެ"


ބޭރުގެ ފަރާތެއްގެ ރިޕޯޓެއްގައި ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ކުޑަކުރުމަށް ލަފާދެއްވާފައި އޮތްނަމަވެސް މުވައްޒަފުންގެ މުސާރަ ކުޑަނުކުރައްވާނެކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ. މިކަން ބަޔާންކުރައްވާފައިވަނީ ރާއްޖޭގެ ތަރައްޤީގެ އިންވެސްޓްމެންޓްތަކާއި އެކަމުން ރައްޔިތުންނަށް ކުރާނެ މަންފާއާއި ތަރައްޤީއަށް ހޭދަކުރަން ނެގޭ ލޯނު އަދާކުރުމާއި ގުޅޭގޮތުން ވާހަކަދައްކަފުޅު ދައްކަވަމުން އިޤްތިޞާދީ ތަރައްޤީއާގުޅޭ ވަޒީރު މުޙައްމަދު ސަޢީދުއެވެ.

ރައްޔިތުންނަށް މަދަނީ ޚިދުމަތް ދިނުމުގައި ޙަރަކާތްތެރިވާ އެތައްހާސް ސިފައިންނަށް ސަރުކާރުން މުސާރައިގެ ގޮތުގައި ކުރައްވާ ހޭދައިގެ ބޮޑުކަން ރާއްޖޭގެ އިޤްތިޞާދު މޮނިޓަރކުރައްވާ ބޭރުގެ ފަރާތްތަކުން އަންނަނީ ތަކުރާރުކޮށް ފާހަގަކުރަމުންނެވެ. އަދި މުސާރައަށް ހޭދަވާ މިންވަރު މަދުކުރުމަށްޓަކައި މުވައްޒަފުންނަށް ހޭދަވާ މިންވަރު ކުޑަކުރުމަށް މުވައްޒަފުން މަދުކުރުމާއި އަދި މުވައްޒަފުންނަށް ކުރެވޭ ޚަރަދު ކުޑަކުރުމަށް ލަފާދެއެވެ. މީގެތެރޭގައި މުވައްޒަފުންގެ މުސާރަ ކުޑަކުރުމަށް ދޭ ލަފާވެސް ހިމެނެއެވެ. އެހެންނަމަވެސް މިފަދަ ލަފާތަކަށް އިޖާބަދެއްވުމުގެ ބަދަލުގައި ސަރުކާރުން އިސްކަން ދެއްވަނީ މުއައްޒަފުންގެ މަސައްކަތުގެ މިންވަރާއި އެކަމުގެ މަންފާ އިތުރުކުރުމަށް މުވައްޒަފުންގެ މަސައްކަތުގެ މިންވަރާއި އެކަމުގެ މަންފާ އިތުރުކޮށް އަދި ޤައުމުގެ އިޤްތިޞާދު ރަނގަޅުކުރައްވައިގެން މުސާރަ ދެއްވަމުން ގެންދެވުމަށެެވެ. މިނިސްޓަރ ވަނީ ކާޑުގެ ސަބްސިޑީގެ ކަންތައްތައް ހަމައަކަށް އަޅުވަންޖެހިފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

img:http://s3.psmnews.mv/images/660x400/14630432246484.jpg|ސަރުކާރުގެ އިކޮނޮމިކް އެންޑް ޔޫތް ކައުންސިލުން ނޫސްވެރިންނަށް މަޢުލޫމާތުދެއްވަނީ / ފޮޓޯ: ރައީސް އޮފީސް

"ރައީސް ޔާމީން އެވަނީ ވިދާޅުވެފައި މިރައީސެއް ދިވެހިރައްޔިތުންނަށް ލިބެމުންދާ އާމްދަނީ ހުއްޓުވާކަށް މަސައްކަތެއް ނުކުރައްވާނަމޭ. އޭގެ ބަދަލުގައި ޢާމްދަނީ އިތުރުކުރެއްވުމަށް މަސައްކަތްކުރައްވާނީ. ދިވެހި ޒުވާނުންނަށް އުއްމީދުތަކަކާއި ތަރައްޤީގެ އާ ޒަމާނެއް ގެނެސްދިނުމަށް މަސައްކަތްކުރާނީ. އެހެންވީމާ ސިވިލްސަރވިސްގެ ތެރޭގައި ތިއްބެވި ޓީޗަރުންނާއި، ނަރުހުންނާއި ސިވިލްސަރވިސްގެ އެކިއެކި މަޤާމުތަކުގައި ތިއްބެވި ބޭފުޅުންގެ މުސާރަ އަދި ރިޕޯޓެއްގައި އޮތްކަމުގައި ވިޔަސް މިސަރުކާރަކުން ކުޑައެއް ނުކުރާނެ." އިކޮނޮމިކް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ އާމްދަނީ އިތުރުކުރައްވާ ކުރިއެރުން ގެނެސްދެއްވައި، ވަޒީފާގެ ބާޒާރަށްވެސް ތިޔާގިކަން ގެނެސްދެއްވުންކަމަށެވެ. އަދި ބާޒާރުގެ އަގުތައް ކޮންޓްރޯލް ކުރެވި ދިވެހިރާއްޖެއަކީ އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ މިނިވަން މުސްތަޤިއްލު ޤައުމަކަށް ހެއްދެވުމަށްކަމަށްވެސް ވިދާޅުވިއެވެ.މުވައްޒަފުންގެ މުސާރައިގެ އިތުރަށް ސަރުކާރުން ރައްޔިތުންނަށް އެކި ދާއިރާތަކުން ދެއްވާ ސަބްސިޑީ ކަނޑާލެއްވުމަށް ވޯލްޑް ބޭންކާއި މިނޫންވެސް ރާއްޖޭގެ އިޤްތިޞާދު މޮނިޓަރކޮށް ލަފާދޭ ފަރާތްތަކުން ބާރުއަޅައެވެ.

img:http://s2.psmnews.mv/images/660x400/14630432377389.jpg|ސަރުކާރުގެ އިކޮނޮމިކް އެންޑް ޔޫތް ކައުންސިލުން ނޫސްވެރިންނަށް މަޢުލޫމާތުދެއްވަނީ / ފޮޓޯ: ރައީސް އޮފީސް

މިނިސްޓަރ އޮފް އެކޮނޮމިކް ޑިވަލޮޕްމަންޓް މުޙައްމަދު ސަޢީދު ވިދާޅުވީ، ސަރުކާރުންވެސް ސަބްސިޑީ ޙައްޤުވާ ވަކިފަރާތަކަށް އަމާޒުކުރައްވައި، ބައެއް ސަބްސިޑީ ޙައްޤުނޫން ފަރާތްތަކަށް ލިބިދެވޭކަމާއިމެދު ވާހަކަދެކެވެމުންދާ ކަމަށެވެ. މިގޮތުން ކާޑުތައް ބާވަތްތަކުގެ ސަބްސިޑީ މިނިސްޓަރ ފާގަކުރެއްވިއެވެ.

”ހަނޑޫ، ހަކުރު، ފުށް، ހަނޑުލުގެ އާދައިގެ ހަނޑޫ މިސާލަކަށް ހަކުރުފުށް މިއިން ސަބްސިޑި ސަރުކާރުން މިދެނީ ޒިޔާރަތްކުރާ ފަތުރުވެރިންނަށްވެސް ހިމެނޭގޮތަށް. ބިދޭސީ މަސައްކަތު މީހުންވެސް ހިމެނޭނެ. ވަރަށްބޮޑު އާބާދީއެއް އެބައުޅޭ ބިދޭސީ ލޭބަރުންވެސް ރާއްޖޭގައި އުޅޭ." މިނިސްޓަރ ވިދާޅުވިއެވެ. 

މީގެ އިތުރުން ދިވެހި އާބާދީއާއި ފަތުރުވެރިންވެސް ސަބްސިޑީ ހިމެނޭ ބާވަތްތައް ބޭނުންކުރަމުން އަންނަކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ، މިކަން ހަމައަކަށްއަޅުވައި ސަބްސިޑީ ލިބެންޖެހޭ މީހުންނަށް ދެވޭ އެއްޗެއްކަން ކަށަވަރުކުރަން ޖެހޭކަމަށެވެ. 

މުޙައްމަދު ސަޢީދު ވިދާޅުވީ، މިކަމަކީ އެއްވެސް ސަރުކާރަކުން ޙައްލުނުކުރެވި އޮތް އެކަމަކު ޙައްލުކުރަންޖެހިފައިވާ ކަމެއްކަމަށެވެ. ސަރުކާރުންވެސް ގެންދަނީ މިފަދަ ކަންކަން ރަނގަޅުކުރައްވަމުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.