ކޮމިއުނިޓީ އަޕްސްކިލިން ޕްރޮގްރާމާއެކު އެ ރަށެއްގައި ޑިމާންޑް އޮތް ދާއިރާތަކުން ކޯސް ހިންގުމުގެ ފުރުޞަތު ކޮންމެ ރަށަކަށް ފަހިވެފައިވާ ކަމަށް ޒުވާނުން ބާރުވެރިކުރުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. މިކޯސްތައް ހިންގަނީ ވުޒާރާއާއި ރަށު ކައުންސިލް ގުޅިގެންނެވެ.
"ކޮމިއުނިޓީ އަޕްސްކިލިން ޕްރޮގްރާމް" (ކަޕް) ތަޢާރަފުކުރުމުގެ ބޭނުމަކަށްވީ، ރަށްރަށުގައި ތަމްރީން ޕްރޮގްރާމްތައް ހިންގާ އަމިއްލަ ރަށުގައި ހުރެގެންވެސް އެކި ދާއިރާތަކުން ފަންނީ ހުނަރު ލިބުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ.
ޒުވާނުން ބާރުވެރިކުރުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވަޒީރުގެ ނައިބު މުޙައްމަދު އަސީލް ވިދާޅުވީ މި ޕްރޮގްރާމް އަމާޒުކުރަނީ އެރަށެއްގައި އާމްދަނީ ހޯދުމަށް ހުރި ފުރުޞަތުތަކަށް ބަލާ، އެކަމަށް ބޭނުންވާ މަޢުލޫމާތާއި ތަމްރީން ފޯރުކޮށްދިނުމަށްކަމަށެވެ. މީގެކުރިން މިފަދަ ފުރުޞަތު ލިބެނީ މާލެއަށް އައިސްގެން ނަމަވެސް، މިޕްރޮގްރާމުގެ ދަށުން އެރަށެއްގައި އާމްދަނީ ހޯދުމަށް ހުރި ފުރުޞަތަށް ބިނާކޮށް އެރަށެއްގައި ޕްރޮގްރާމް ހިންގާނެކަމަށެވެ.
ކޮމިއުނިޓީ އަޕްސްކިލިން ޕްރޮގްރާގައި ކުރިއަށްގެންދަނީ ޤައުމީ ސަނަދުގެ ލެވެލް 3ގެ ކޯސްތަކެވެ. އަސީލް ވިދާޅުވީ އެކި ރަށްރަށުގައި އާމްދަނީ ހޯދުމަށް ކުރާ މަސައްކަތްތައް ތަފާތުކަމަށާއި، ކޯސް ހިންގާނީ އެރަށަކަށް މުހިންމު ދާއިރާއަކުންކަމަށެވެ.
އަސީލް ވިދާޅުވީ މިޕްރޮގްރާމް ރަށުގައި ރާވާ ހިންގާނީ ވުޒާރާއިންކަމަށާއި އަދި ޕްރޮގްރާމްގެ ފީ ވެސް ދައްކާނީ ސަރުކާރުންކަމަށެވެ. އަދި ޕްރޮގްރާމް ނިމުމުން، ވަޒީފާއާއި އާމްދަނީ ހޯދޭނެ ގޮތް ފަހިކޮށްދިނުމަކީވެސް މި ޕްރޮގްރާމްގެ އެއް އަމާޒުކަމަށް އަސީލް ވިދާޅުވިއެވެ.
"އެކި ރަށްރަށުގައި އޮތީ ވަޒީފާގެ އެކި ޑިމާންޑްތައް. މިސާލަކަށް ރަށެއްގެ އަންހެން ބޭފުޅުން ބޭނުންވަނީ ޕޭސްޓްރީ ނޫނީ ކޭކު ކޯސް ހިންގަން. އެހެންވީމަ އެ ރަށެއްގައި ހިންގައިދޭނީ އޭގެ ކޯސްތައް. މިގޮތަށް ވަކިވަކި ދާއިރާ ޚިޔާރުކުރެވޭނެ." ޒުވާނުން ބާރުވެރިކުރުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވަޒީރުގެ ނައިބު މުޙައްމަދު އަސީލް ވިދާޅުވިއެވެ.
ކޮމިއުނިޓީ އަޕްސްކިލިން ޕްރޮގްރާމް ހިންގަން ބޭނުންވާ ކައުންސިލްތަކަށް، އެކަމަށް އެދުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. އެގޮތުން ރަށަށް އެންމެ ބޭނުންތެރި ދާއިރާތައް ކަނޑައަޅާ، ޒުވާނުން ބާރުވެރިކުރުވުމާ މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއަށް މެއިލްކުރުމުން އެކަމާ ގުޅޭ މަސައްކަތްތައް ވުޒާރާއިން ފަށާނެކަމަށް ވުޒާރާގެ ކޮންސަލްޓަންޓް އަޙުމަދު ނިޝާމް ވިދާޅުވިއެވެ. ނިޝާމް ވިދާޅުވީ ކޯސްތައް ހިންގުމުގައި ހަމައެކަނި މަޢުލޫމާތެއް ފޯރުކޮށްދިނުމުގެ ބަދަލުގައި، އެ މަސައްކަތަކާ ހުނަރު ދަސްކޮށްދިނުމަކީ އެންމެ ބޮޑު އަމާޒުކަމަށެވެ.
"މިސާލަކަށް އިލެކްޓްރިކް މަސައްކަތާ ގުޅޭ ކޯހެއްނަމަ، އޭގެ ލެބެއްގެ ސެޓަޕް އެރަށެއްގައި ހަދައިގެން ކިޔަވައިދޭނީ. ތިއަރީ އެކަންޏެއް ނޫން. އެ ހުނަރު އެ މީހާއަށް ދަސްވިކަން ޔަގީންކުރާނަން." އަޙުމަދު ނިޝާމް ވިދާޅުވިއެވެ.
ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާގެ ކޮމިއުނީޓީ އަޕްސްކިލިން ޕްރޮގްރާމް މިހާތަނަށް 171 މީހުން ވަނީ ފުރިހަމަކޮށްފައެވެ. އަދި މިވަގުތު ހިންގަމުންދާ ޕްރޮގްރާމްތަކުގައި 46 މީހުން އަންނަނީ ތަމްރީންވަމުންނެވެ. އަދި އިތުރު 300 ބައިވެރިންގެ ޕްރޮގްރާމެއް ރޭވިފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. މި އަހަރު ނިމެންވާއިރަށް މި ޕްރޮގްރާމްގެ ޒަރިއްޔާއިން ގިނަ ބަޔަކު ތަމްރީންކުރެވޭނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
މި ޕްރޮގްރާމާއެކު ޒުވާނުން ބާރުވެރިކޮށް، އާމްދަނީ ހޯދޭނެ މަސައްކަތެއް ދަސްކޮށްގެން ތިބި ގިނަ ބަޔަކު އުފެއްދޭނެ ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.