ޚަބަރު

އުރީދޫގެ ފުރަތަމަ ޑިޖިޓަލް އައިލެންޑްގެ ލަގަބު ލަންދޫއަށް ހަވާލުކޮށްފި


  • މީގެ ސަބަބުން އިޖްތިމާޢީ އަދި އިޤްތިޞާދީ މަންޒަރަށް އިންގިލާބީ ބަދަލެއް އަންނާނެ

  • ލަގަބު އެރުވުމުގެ ރަސްމިއްޔާތުގައި ލަންދޫގެ ވެބްސައިޓްވަނީ އިފްތިތާހްކޮށްފައި

އުރީދޫ މޯލްޑިވްސްގެ ޑިޖިޓަލް އައިލެންޑްގެ ލަގަބު ދިން ފުރަތަމަ ރަށުގެ ލަގަބު ނ.ލަންދޫއާ ހަވާލުކޮށްފިއެވެ.

ޑިޖިޓަލް އައިލެންޑްގެ ލަގަބު ލަންދޫއަށް އެރުވީ ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން ދުވަހުގެ މުނާސަބަތުގައި އުރީދޫ މޯލްޑިވްސްގެ ޑިޖިޓަލް މޯލްޑިވްސް، ޕަވާޑް ބައި އޭއައި ކެމްޕެއިންގެ ދަށުންނެވެ.

ޑިޖިޓަލް އައިލެންޑްގެ ގޮތުގައި ލަންދޫ ކަނޑައަޅައި އުރީދޫންވަނީ އެރަށަށް ހަނދާނީ ފިލާ އަރުވާފައެވެ.
މިފިލާއާ ހަވާލުވީ ނ. ލަންދޫ ކައުންސިލްގެ ރައީސް އަބްދުލް އަޒީޒެވެ.

އުރީދޫން ބުނީ މިލަގަބު ލަންދޫއަށް ލިބުމާ ގުޅިގެން ނ.ލަންދޫ ކައުންސިލާއި ގުޅިގެން އުރީދޫން އެރަށުގެ އިޖްތިމާޢީ އަދި އިޤްތިޞާދީ މަންޒަރަށް އިންގިލާބީ ބަދަލުތަކެއް ގެނައުމަށް މަސައްކަތްކުރާނެ ކަމަށެވެ. އަދި ހައިސްޕީޑް ޓެލެކޮމިއުނިކޭޝަން ނެޓްވޯކާއި އެންމެ ފަހުގެ ޓެކްނޮލޮޖީއާއެކު އީޖާދީ ޚިދުމަތްތަކުގެ ބޭނުންހިފައި، މި އައު ޑިޖިޓަލް ޒަމާނުގައި އެންމެ ކުރީ ސަފުގައި ލަންދޫ ދެމިއޮންނާނެ ކަން ކަށަވަރުކޮށް، ޑިޖިޓަލް މި ޒަމާނުގައި އެންމެ ފަހުގެ ކުރިއެރުންތައް ރައްޔިތުންނަށް ލިބޭނެކަން ކަށަވަރުކޮށްދޭނެކަމަށެވެ.

ލަންދޫއަށް މިލަގަބު އެރުވުމުގެ ރަސްމިއްޔާތުގައިވަނީ ނ.ލަންދޫގެ ރަސްމީ ވެބްސައިޓް (www.landhoo.gov.mv) އިފްތިތާހްކޮށްފައެވެ. މިވެބްސައިޓް އިފްތިތާހްކޮށްދެއްވީ އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރ ޙުސައިން ނިޔާޒުއެވެ.

އުރީދޫ ޑިޖިޓަލް އައިލެންޑް ޕްރޮގްރާމުގެ އަމާޒަކީ ޞިއްޙީ ދާއިރާ، ތައުލީމީ ދާއިރާ އަދި ވިޔަފާރި ފަދަ ނާޒުކު ދާއިރާތައް ކުރިއެރުވުމާއި ކުރިއެރުމަށް އިތުރު މަގުތަކެއް ފަހިކޮށްދިނުން ކަމަށް އުރީދޫން ހާމަކުރެއެވެ.