ޚަބަރު

ދިއްދޫއާއި ވެލިދޫގެ ގޮނޑުދޮށް ޙިމާޔާތްކުރުން އެމްޓީސީސީއަށް


ހއ.ދިއްދޫ އާއި ނ.ވެލިދޫ ގެ ގޮޑުދޮށް ޙިމާޔާތްކުރުމުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކުރައްވައިފިިއެވެ.  

އެންވަޔަރަމަންޓް މިނިސްޓްރީގައި މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިޔާތުގައި ވާހަކަފުޅު ދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ ތޯރިޤް އިބްރާހިމް ވިދާޅުވީ ރަށްގިރުމުގެ މައްސަލައަކީ ސަރުކާރުން ކަންބޮޑުވާ ބޮޑު މައްސަލައެއްކަމަށާއި، ސަރުކާރުން މިކަމަށް ޚާއްޞަ އިސްކަމެއް ދެއްވާކަމަށެވެ. އަދި މިއަހަރު ނިމޭއިރު 17 ކިލޯ މީޓަރގެ ގޮޑުދޮށް ޙިމާޔަތް ކުރެއްވުމުގެ މަސައްކަތް ނިންމާލެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެމް.ޓީ.ސީ.ސީގެ ސީ.އީ.އޯ އިބްރާހިމް ޢަބްދުއްރައްޒާގު ޙަލީމް ވިދާޅުވީ މި ދެރަށުގެ މަޝްރޫޢަކީ މިހާރުން މިހާރަށް ވެސް ފެށިގެން ކުރިޔަށްގެންދެވިދާނެ މަޝްރޫޢުތަކެއްކަމަށެވެ. އަދި ހއ.ދިއްދޫއާއި ނ.ވެލިދޫގައި އެމް.ޓީ.ސީ.ސީގެ މުވައްޒަފުން މަސައްކަތުގައި މިހާރުވެސް ހަރަކާތްތެރި ވަމުންދާކަން ފާހަގަކުރެއްވިއެވެ. 

ހއ.ދިއްދޫގެ އާއި ނ.ވެލިދޫގެ ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ އެއްބަސްވުމުގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެންވަޔަރަމަންޓް މިނިސްޓަރ ތޯރިޤް އިބްރާހީމެވެ. އަދި އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނިގެ ސީ.އީ.އޯ އަބުދުއްރައްޒާގު ހަލީމްއެވެ. މިއެއްބަސްވުމުގެ ދަށުން ހއ ދިއްދޫގައި ގާތްގަނޑަކަށް ހަތަރުސަތޭކަ ފަންސާސް މީޓަރުގެ ގޮނޑުދޮށް ހިމާޔާތް ކުރުމަށްޓަކައި ބޮޑު ހިލަޖަހާނެއެވެ. އަދި ނ ވެލިދޫގައި ގާތްގަނޑަކަށް ދުއިސައްތަ ސާޅިސް ފަސް މީޓަރ ގޮޑުދޮށް ހިމާޔަތް ކުރެވިގެންދާނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.