ޚަބަރު

ޤުރުއާނާ ބެހޭ މަރުކަޒުން ކަނޑުހުޅުދޫގައި ކޯސްތަކެއް ހިންގަނީ


ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ކޯސްތައް ހިންގެވުމަށްޓަކައި ކަނޑުހުޅުދޫ ކައުންސިލާއެކު އެއްބަސްވުމެއްގައި ޤުރުއާނާ ބެހޭ މަރުކަޒުން ސޮއިކުރައްވައިފިއެވެ.

ކީރިތި ޤުރުއާނުގެ ޢިލްމު ފޯރުކޮށްދިނުމަށްޓަކައި ޤްރުއާނާ ބެހޭ މަރުކަޒުން ކުރައްވަމުންގެންދަވާ މަސައްކަތުގެ ތެރެއިން މިހާތަނަށް 14 ރަށެއްގައި ކީރިތި ޤްރުއާނާ ބެހޭ މަރުކަޒުގެ ގޮފިތައް ހުޅުވައި 5 ރަށެއްގައި ކްލާސްތައް ފައްޓަވާފައެވެ. މިއަދު ކަނޑުހުޅުދޫ ކައުންސިލާއެކު ވެވުނު އެއްބަސްވުމުގެ ދަށުން، ޤުރުއާނާ ބެހޭ މަރުކަޒުން ހިންގާ ކޯސްތައް ކަނޑުހުޅުދޫގައި ހިންގޭނެކަމަށް ޤުރުއާނާ ބެހޭ މަރުކަޒުގެ ރައިސް އަލްއުސްތާޛު އިބްރާހިމް ރަޝީދު މޫސާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ކަނޑުހުޅުދޫ ކައުންސިލްގެ ރައިސް އަޙުމަދު އިބްރާހިމް ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން، ކްލާސްތައް ހިންގަން ފެށުމުން މިކަމުގެ މަންފާ ހުރިހާ ފަރާތްތަކަށްވެސް ކުރާނެކަމަށެވެ. ޤުރުއާނާ ބެހޭ މަރުކަޒުން އެ މަރުކަޒުގެ ކޯސްތައް އެކި ރައްރަށުގައި ކުރިޔަށްގެންދާއިރު، މި ކޯސްތައް ހިންގަނީ ސަރުކާރުގެ ޚަރަދުގައެވެ. 

ޤުރުއާނާ ބެހޭ މަރުކަޒުން ވިދާޅުވީ ކުރިއަށް އޮތްތާނގައި އިތުރު ކްލާސްތަކާއި ގޮފިތައް ހުޅުވުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށެވެ.