ޚަބަރު

" ފަހި913 " ކުޅިވަރު ފެސްޓިވަލްގެ ތައްޔާރީތައް ކުރިއަށް


ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ވެރިކަމަށް ދެއަހަރާ ބައި ފުރުން ފާހަގަކުރުމަށް ބާއްވާ "ފަހި913" ކުޅިވަރު ފެސްޓިވަލްގެ ތައްޔާރީތައް ކުރިއަށް އެބަދެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމްގެ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދަވާ "ފަހި913" ފެސްޓިވަލްއާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އެ ފެސްޓިވަލްގެ ވިލަރެސްވެރިޔާ އަދި މިފްކޯގެ މެނޭޖިން ޑިރެކްޓަރ ޢަަދުލީ އިސްމާއިލް ވިދާޅުވީ، މި ކުޅިވަރު ފެސްޓިވަލްގައި އެކި ޢުމުރު ފުރާތަކުގެ މީހުންނަށް ޚާއްސަ ކޮށްގެން ކުޅިވަރުތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާއިރު ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ވެސް ކުޅިވަރު ކުޅެވޭނެ ފުރުސަތުތައް ލިބިގެންދާނެ ކަމަށެވެ.

މާފަންނު ސްޓޭޑިއަމްގައި މިމަހުގެ ސަތާރަ ވަނަ ދުވަހުގެ ހަވީރު ފެށޭ މިފެސްޓިވަލްގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކުޅިވަރު ކުޅެވޭނެ ޚާއްސަ ސަރަހައްދަކާއި ޚާއްސަ ކުޅިވަރުތަކެއް ހުންނާނެ ކަމަށާއި، އެކުދިންނަށް ޚާއްސަ އިސްކަމެއް ދެއްވާނެ ކަމަށް އަދުލީ ވިދާޅުވިއެވެ.

މި ކުޅިވަރު ފެސްޓިވަލް ބޭއްވުމުގެ މަޤްްސަދަކީ ހުރިހާ ޢުމުރެއްގެ މީހުންނަށް ވެސް ކުޅިވަރު ކުޅުމުގެ ފުރުސަތު ހޯދައިދީ އުފާވެރި މާޙައުލެއް ގާއިމްކޮށްދިނުމެވެ.

މިމަހުގެ ސަތާރަ ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ "ފަހި913" ފެސްޓިވަލްގައި ތަފާތު އެތަކެއް ހަރަކާތްތަކެއް ފެނިގެންދާއިރު މޯލްޑިވިއަން އައިޑޮލްގެ ވަނަތައް ހޯދާފައިވާާ ފަރާތްތަކުގެ ހުށަހެޅުންތައް ފެނިގެންދާނެއެވެ. މީގެއިތުރުން ބާބަކިއު ހެދުމާއި ތަފާތު ވައްތަރުގެ ކެއުމުގެ ބާވަތްތައް ލިބެން ހުންނާނެ ކަމަށް މި ފެސްޓިވަލް އިންތިޒާމްކުރާ ފަރާތުން ބުނެއެވެ.

މިކުޅިވަރު ފެސްޓިވަލަށް މާފަންނު ސްޓޭޑިއަމް ތައްޔާރުކުރުމުގެ މަސައްކަތް ފަށާފައިވާއިރު އެ ފެސްޓިވަލްގެ ސެކިއުރިޓީ ބެލެހެއްޓުމަށް ގައުމީ ސަލާމަތީ ބާރުތަކާ ވަނީ ހަވާލުކޮށްފައެވެ.