ޚަބަރު

މާރާމާރީއެއް ހިންގި މީހަކު ފުލުހެއްގައިގައި ކާރަކުން ޖެއްސުމަށްފަހު ފިލައިފި


ހުޅުމާލޭގައި އިތުރު މާރާމާރީއެއް ހިނގައިފިއެވެ.

ފުލުހުން ވިދާޅުވީ، ހުޅުމާލެ ފިލިގަސް މަގުގައި މާރާމާރީއެއް ހިންގި މީހަކު، އެ ސަރަހައްދުގައި އޮތް ކާރަކަށް އަރައި ފުލުހެއްގެ ގައިގައި ޖެއްސުމަށް ފަހު ފިލާފައިވާކަމަށެވެ.

މާރާމާރީގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިއަދު ފަތިހު 04:07 ގައި ކަމަށް ފުލުހުން ވިދާޅުވިއެވެ. އެގޮތުން މާރާމާރީގެ ރިޕޯޓު ލިބުމާއެކު ފުލުހުން އެ ސަރަހައްދަށް ދިއުމުން މާރާމާރީ ހިނގި މީހާ އެ ސަރަހައްދުގައި އޮތް ކާރަކަށް އަރައި، ފިލަން މަސައްކަތް ކުރި ކަމަށް ފުލުހުން ވިދާޅުވެއެވެ. އެ މީހާ ހުއްޓުވުމަށް ފުލުހަކު މަސައްކަތް ކުރުމުން ފުލުސް މީހާ ގައިގައި ކާރުން ޖައްސާފައި ވަނީ ފިލާފައިކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މި މާރާމާރީގައި އަނިޔާވި މީހާއާއި ކާރުން ޖެއްސި ފުލުސް މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ. މިމައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވެއެވެ.

ފުލުހުން މިމައްސަލަ ތަހުޤީޤުކުރަމުންދާއިރު، ރޭގެ ވަގުތެއްގައި މާލޭ ދަރުބާރުގޭ ސަރަހައްދުގައިވެސް ވަނީ މާރާމާރީއެއް ހިނގާފައެވެ.