ވިޔަފާރި

އޭޕްރީލްމަހު މީރާ މެދުވެރިކޮށް ދައުލަތަށް 887 މިލިއަން ރުފިޔާ


މިއަހަރުގެ އޭޕްރީލްމަހު މީރާ މެދުވެރިކޮށް ދައުލަތަށް އަށްސަތޭކަ އަށްޑިހަ ހަތް މިލިއަން ރުފިޔާ ލިބިފައިވާކަމަށް މީރާއިން ހާމަކޮށްފިއެވެ.

އޭޕްރީލްމަހު ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީގެ ތަފްސީލް ހާމަކޮށް، މީރާއިން ނެރެފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ އޭޕްރީލް މަހާއި އަޅާބަލާއިރު، މިއަހަރުގެ އޭޕްރީލްމަހު މީރާ މެދުވެރިކޮށް ދައުލަތަށް ލިބުނު އާމްދަނީ ވަނީ ފަހެއް ޕޮއިންޓް ހައެއް އިންސައްތަ ދަށަށް ގޮސްފައެވެ. އަދި މިދިޔަ އަހަރުގެ އޭޕްރީލް މަހާއި އަޅާބަލާއިރު، މިއަހަރުގެ އޭޕްރީލްމަހު މީރާ މެދުވެރިކޮށް ދައުލަތަށް ލިބުނު އާމްދަނީ އަންދާޒާ ކުރި މިންވަރަށްވުރެ ނަވާރަ އިންސައްތަ ދަށަށް ގޮސްފައިވާކަމަށްވެސް މީރާއިން ބުނެފައިވެއެވެ.

އޭޕްރީލް މަހު މީރާއަށް ޑޮލަރުގެ ގޮތުގައި ބަލައިގަނެފައިވަނީ، ތިރީސް ފަހެއް ޕޮއިންޓް ނުވައެއް މިލިއަން ޑޮލަރެވެ. މީރާއިން މައުލޫމާތުދިން ގޮތުގައި އޭޕްރީލްމަހު މީރާއަށް ބަލައިގަނެފައިވާ ފައިސާގެ އަދަދު މަދުވެފައިވަނީ، ބައެއް ފަރާތްތަކުން އޭޕްރީލްމަހު ދައްކަންޖެހޭ ޓީޖީއެސްޓީގެ ފައިސާ މި ހިނގާ މެއި މަހުގެ ފުރަތަމަ ހަފްތާގައި ދައްކާފައިވާތީއެވެ. 

މިދިޔަމަހު މީރާއަށް އެންމެ ގިނައިން ފައިސާ ބަލައިގަނެފައިވަނީ، ޖީ.އެސް.ޓީންނެވެ. މިދިޔަމަހު ޖީ.އެސް.ޓީގެ ގޮތުގައި ހަސަތޭކަ ހަތެއް ޕޮއިންޓް އަށެއް މިލިއަން ރުފިޔާ ލިބިފައިވެއެވެ.