ކުޅިވަރު

މިއަދު އަހަރެމެންގެ ކޮންމެ ކުޅުންތެރިއަކަށްވެސް ތައުރީފުކުރެވިދާނެ: ޑެ ލަ ފުއެންޓޭ


މިއަހަރުގެ ޔޫރޯގެ ގްރޫޕް ބީ ގައި ކްރޮއޭޝިއާ އަތުން 0-3 އިން މޮޅުވި މެޗަށްފަހު ޕްރެސް ކޮންފަރެންސްގައި ސްޕެއިނުގެ ކޯޗު، ލުއިސް ޑެ ލަ ފުއެންޓޭ ވަނީ، އޭނާގެ ޓީމުގެ ކޮންމެ ކުޅުންތެރިއަކަށް ވެސް މިއަދު ތައުރީފުކުރެވިދާނެ ކަމަށް ބުނެފައެވެ.

ޑި ލާ ފުއެންޓޭ ބުނީ، އޭނާގެ ޓީމުން ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިއާ މެދު ޔަގީންކަން އެބައޮތް ކަމަށާއި، އެކަން އެ ގޮތަށް ގަބޫލުކޮށް ސުޕަސްޓާރުން ހިމެނޭ ގޮތަށް އެ ޓީމުގެ ހުރިހާ ކުޅުންތެރިން ވަރަށް ފުރިހަމަ މަސައްކަތެއްކޮށްފައިވާ ކަމަށެވެ. އޭނާގެ ޓީމު ފެނުނީ ވަރަށް ވަރުގަދަކޮށް ކަމަށާއި، ކެނޑިނޭޅި ބުރަ މަސައްކަތްތަކެއްކޮށް އެންމެންގެ މެދުގައި އޮތް އެއްބައިވަންތަކަން ރޫޚު ފެނިގެންގޮސްފައިވާ ކަމަށް ޑި ލާ ފުއެންޓޭ ވަނީ ބުނެފައެވެ.

ކްރޮއޭޝިއާ އާ ދެކޮޅަށް ސްޕެއިނުގެ ފަރާތުން ފެނިގެންދިޔައީ ވަރަށް ފުރިހަމަ، މޮޅު ކުޅުމެއް ކަމަށާއި، ފުޓްބޯޅައިގައި ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފައިވާ ޒުވާން ކުޅުންތެރިންނާއި ތަޖުރިބާކާރު ކުޅުންތެރިން ހިމެނޭ ގޮތަށް އޭނާގެ ޓީމުން ދައްކުވައިދިނީ އަދިވެސް އިތުރު ކާމިޔާބީ ހޯދުމަށް ބޭނުންވެފައިވާ މިންވަރު ކަމަށް ވެސް ޑި ލާ ފުއެންޓޭ ބުންޏެވެ.

ރޭގެ މެޗުގައި ކްރޮއޭޝިއާ ކޮޅަށް ސްޕެއިނުގެ ފުރަތަމަ ލަނޑުޖަހައިދިން އެ ޓީމުގެ ކެޕްޓަން، އަލްވާރޯ މޮރާޓާ ބުނީ، މެޗުން ފުރިހަމަ މޮޅެއް ހޯދައިދިނުމަށް ތަފާތު ދެއްކީ ސަޕޯޓަރުން ކަމަށެވެ. މޮރާޓާ ބުނީ، ބޮޑު މެޗެއްގައި ރަނގަޅަށް ފަށައި، ފަސޭހަކަމާއެކު ތިން ޕޮއިންޓް ހޯދުމަށް ހިތްވަރާއި ޖޯޝު ލިބުނީ ސަޕޯޓަރުންގެ ފަރާތުން ލިބުނު އެހީތެރިކަމުގެ ސަބަބުން ކަމަށާއި، އެކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ.

މޮރާޓާ ބުނީ، އެމީހުން ވަރަށް ރަނގަޅަށް ކުޅުނު ކަމަށާއި، ހާއްސަކޮށް ކްރޮއޭޝިއާ ފަދަ ވަރުގަދަ ޓީމަކަށް ޕްރެޝަރު ކުރިމަތިކޮށްފައިވާ ކަމަށެވެ. އެ މެޗުގައި ލަނޑެއްޖަހަން ލިބުނު ފުރަތަމަ ފުރުޞަތުގެ ބޭނުންނުހިފުނުނަމަވެސް، ފަބިއަން ދިން ޕާސް އައިގޮތުން އެ ފުރުޞަތު ލަނޑަކަށް ބަދަލުކޮށްލެވިދާނެ ކަމަށް ގަބޫލުކުރެވުނު ކަމަށް ވެސް މޮރާޓާ ބުންޏެވެ.

މުބާރާތުގެ އެންމެ ކާމިޔާބު އެއްޓީމު ކަމަށްވާ، ސްޕެއިނުން ދެން ކުޅޭ މެޗުގައި އަންނަ ބުރާސްފަތި ދުވަހުގެ ރޭ ރާއްޖޭގަޑިން 12 ޖަހާއިރު ނިކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން އިޓަލީއާ ދެކޮޅަށެވެ. މި ދެ ޓީމު ވެސް ވަނީ ގްރޫޕުގެ ފުރަތަމަ މެޗު ކާމިޔާބުކޮށްފައެވެ.