އިސްރަށްވެހިންގެ ދުޅަހޮޔޮކަމާބެހޭ ސަރަހައްދީ އޮނިގަނޑެއް އެކުލަވާލުމާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައް ކުރިއަށްގޮސްފައިވަނީ އުމުރުން ދުވަސްވުމުގައި ދުޅަހެޔޮކަން ކަށަވަރުކުރުމާއި ގުޅޭގޮތުން ކުރިއަށްދިޔަ ސައުތު އީސްޓް އޭޝިއާގެ ސަރަހައްދީ ބައްދަލުވުމުގައެވެ.
އިންޑިއާގެ ނިއުދިއްލީގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާއިންނެވެ. އެ ވުޒާރާގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވީ އެލްޑާލީ ރައިޓްސް އެންޑް ވެލްބިއިންގ ސެކްޝަނުގެ ފަރާތުން ވަޒީރުގެ ނާއިބު އާމިނަތު އިސްމާއިލެވެ. އޭނާގެ އިތުރުން ޞިއްޙީ ވުޒާރާގެ މަންދޫބުންވެސް މި ބައްދަލުވުމުގައި ބައިވެރިވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި ބައިވެރިވި ރާއްޖޭގެ މަންދޫބުން ވަނީ އުމުރުން ދުވަސްވީ ފަރާތްތަކުގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ރާއްޖޭގައި އެކުލަވާލެވިފައިވާ އެކި ސިޔާސަތުތަކާއި އިސްރަށްވެހިންނަށް ފޯރުކޮށްދެވޭ ތަފާތު ޚިދުމަތްތަކާއި ގުޅޭ ގޮތުން ހުށަހެޅުމެއް ހުށައަޅާފައެވެ.
މި މަހުގެ 12 އިން 13 އަށް ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި ބައްދަލުވުމުގައި އިސް ރަށްވެހިންނަށް ޚާއްސަ ސިޔާސަތުތައް އެކުލަވާލުމުގައި މުޙިންމުކަންދޭންޖެހޭނެ ކަންކަމާއި، އެފަރާތްތަކުގެ ދުޅަހެޔޮކަން ކަށަވަރު ކުރުމުގައި އަދި އެފަރާތްތަކަށް ޚާއްސަ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ހުރި ގޮންޖެހުންތަކާއި ގުޅޭގޮތުން މަޝްވަރާކުރިއެވެ. އަދި އެ ކަންކަން ހައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާއި އަދި މި ބައްދަލުވުމުގައި ބައިވެރިވި 10 ޤައުމުގެ ތަޖުރިބާތައް ވަނީ ހިއްސާކޮށްފައެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާއިން ވިދާޅުވީ މި ބައްދަލުވުމުން ހާސިލްކުރުވޭ އެންމެ މުޙިންމު ކަމަކަށް ވާނީ އިސްރަށްވެހިންގެ ދުޅަހޮޔޮކަމާބެހޭ ސަރަހައްދީ އޮނިގަނޑެއް އެކުލަވާލުންކަމަށެވެ.
އިސްރަށްވެހިންނަކީ މުޖުތަމަޢުގައި އުފާވެރި، ދުޅަހެޔޮ، އަބުރުވެރި، ރައްކަތެރި އަދި މުޖުތަމަޢުގެ ކޮންމެ ކަމެއްގައި އެ ފަރާތްތަކުގެ ބައިވެރިވުން އޮތް ދިރިއުޅުމެއް އުޅޭ ބަޔަކަށް ހެދުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވައެވެ. އަދި މިކަމުގައި ރައީސުލްޖުމުހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަސްއްވުރު ހަޤީގަތަކަށް ހެދުމަށްޓަކައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާއިން އަންނަނީ މުޙިންމު ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.