މިއަހަރު ރާއްޖެއިން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދިޔަ ހުރިހާ ޙައްޖާޖީންވެސް މިވަގުތު ތިބީ އަރަފާތު ބިމުގައި ކަމަށާއި، ހުރިހާ ޙައްޖާޖީންގެ ޙާލުވެސް ރަނގަޅުކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ އަރަފާތު ބިމުގައި ހުންނަވައިގެން، ޕީއެސްއެމް ނިއުސްއާ ވާހަކަފުޅުދައްކަވަމުންނެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ، ސަޢުދީ އަރަބިއްޔާއިންް ހައްޖުވެރިންނަށް ޤާއިމްކޮށްފައިވާ ޚިދުމަތްތައް ވަރަށް ފުރިހަމަކަމަށާއި އަރަފާތު ބިމުގެ އިންތިޒާމުތައް އެހެން އަހަރުތަކަށްވުރެ މިއަހަރު ރަނގަޅުކަމަށެވެ. އަދި ޙައްޖުގެ އިންތިޒާމުތައް ފުރިހަމަކަމުން ވަޒީރު ވަނީ ސަޢޫދީ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.
ވަޒީރު ވިދާޅުވީ ދިވެހި ހުރިހާ ހައްޖާޖީންވެސް އަރަފާތު ބިމަށް ގޮސްފައިވާއިރު، ހުރިހާ ހައްޖާޖީންގެ ހާލުވެސް ރަނގަޅުކަމަށެވެ. އަދި އަރަފާތު ބިމުގައި ހުރިހާކަމެއްވެސް ކުރިއަށްދަނީ ވަރަށް އަމާންކަމާއެކުކަން ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ދިވެހި ޙައްޖާޖީންގެ ހުރިހާ ކަމެއްވެސް ޙައްޖު ކޯޕަރޭޝަނުން އިންތިޒާމްކޮށްފައިވަނީ ވަރަށް ތަރުތީބުން ކަމަށާއި، އަދި އެމަނިކުފާނު އަމިއްލަފުޅަށްވެސް ހުރިޙާކަމެއް ވަރަށް ގާތުން ބައްލަވާކަމަށެވެ.
"ޙައްޖުވެރިންނާއި ޙައްޖުވެރިންގެ އާއިލާތަކަށް އަޅުގަނޑު ދަންނަވާނީ، އިންޝާﷲ އަޅުގަނޑުމެންގެ ހެޔޮ ދުޢާއަކީ، ޙައްޖުވެރިންނަށް މަބުރޫރު ޙައްޖެއް މިންވަރުކުރައްވާ، އަމާންކަމާއި އޮމާން ކަމާއި ސަލާމާތް ސިއްޙަތާއިއެކު އަޅުގަނޑުމެންގެ ގައުމަށް އެނބުރި ދިއުމުގެ ނަސީބު މާތްﷲ މިންވަރުކުރެއްވުން" ޝަހީމް ވިދާޅުވިއެވެ.
އަރަފާތާއި މުޒްދަލިފާގައި މަޑުކުރުމަށްފަހު ޙައްޖުވެރިން އެނބުރި ދާނީ މިނާއަށެވެ. އެގޮތުން ޙައްޖު މަހުގެ 11، 12 އަދި 13 ވަނަ ދުވަހުވެސް ހޭދަކުރަނީ މިނާގައެވެ.