ޚަބަރު

ރަޝިޔާ ބައިވެރިނުކޮށް ޔޫކްރެއިން ހަނގުރާމަ ހުއްޓުވުމާ ގުޅޭ މަޝްވަރާތައް ފަށަނީ


ރަޝިޔާ-ޔޫކްރެއިން ހަނގުރާމައަށް ނިމުމެއް ގެނައުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ސްވިޓްޒަލެންޑުގައި ބާއްވާ ސުލްޙައިގެ ސަމިޓުގައި ބައިވެރިވެ ވަޑައިގަންނަވާ ޤައުމުތަކުގެ ވެރިން އެ ޤައުމުގެ ބަރގެންޝްޓޮކަށް ވަޑައިގަންނަވަން ފައްޓަވައިފިއެވެ. ނަމަވެސް, މި ސަމިޓު ކުރިއަށް ދާނީ ރަޝިޔާގެ ބައިވެރިވުމާ ނުލައެވެ. ރަޝިޔާއާ އެކު ގާތް ގުޅުމެއް ބާއްވާ ޗައިނާއިން ވެސް ސަމިޓުގައި ބައިވެރިއެއް ނުވެއެވެ.

ސަމިޓުގައި ބައިވެރިވެ ވަޑައިގަންނަވާ ބައެއް ވެރިންގެ ތެރޭގައި އެމެރިކާގެ ނައިބު ރައީސް ކަމަލާ ހެރިސާއި ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީގެ އިތުރުން އިނގިރޭސިވިލާތާއި, ކެނެޑާއާއި, ޖަރުމަނުވިލާތާއި, އިޓަލީވިލާތާއި ޖަޕާންގެ ވެރިން ހިމެނި ވަޑައިގަންނަވައެވެ. އަދި, ރަޝިޔާއާ ގުޅުން ބާއްވާ ބައެއް ޤައުމުތަކުގެ ތެރެއިން އިންޑިޔާއާއި, ތުރުކީވިލާތާއި ހަންގެރީން ވެސް ސަމިޓުގައި ބައިވެރިވާނެ ކަމަށް ބެލެވެއެވެ.

ޗައިނާއިން މި ސަމިޓުގައި ބައިވެރިނުވާން ނިންމާފައި ވަނީ, ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ އެއް ބައިވެރިޔާ ކަމުގައިވާ ރަޝިޔާއަށް ސަމިޓުގައި ބައިވެރިވުމުގެ ދަޢުވަތު އަރުފާއި ނެތުމުންނެވެ. ޔޫކްރެއިންގެ އެދުމުގެ މަތިން ސްވިޓްޒަލެންޑުން ބާއްވާ މި ސަމިޓު ނާކާމިޔާބުވާނެ ކަމުގައި ރަޝިޔާއިން ވަނީ ބުނެފައެވެ. އަދި, ސަމިޓުގައި ބައިވެރިވާން ބޭނުން ނުވާ ކަމުގައި ވެސް ރަޝިޔާއިން ބުނެފައިވެއެވެ.

މި ސަމިޓު މެދުވެރިކޮށް އެމެރިކާއާއި ހުޅަނގުގެ ބާރުތަކުން ހާސިލު ކުރަން ބޭނުންވާ ލަނޑުދަނޑިތައް ޗައިނާގެ ބައިވެރިވުމާ ނުލައި ހާސިލު ނުކުރޭވޭނެ ކަމަށް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ވެސް ގަބޫލު ކުރެއެވެ. މި ސަމިޓުގެ މައިގަނޑު ބޭނުމަކީ, ރަޝިޔާ އިތުރަށް އެކަހެރިކޮށްލުން ކަމަށް އެ ފަރާތްތަކުން ދެކޭއިރު, ޗައިނާގެ ބައިވެރިވުމާ ނުލައި ހުޅަނގަށް އެކަން ކާމިޔާބެއް ނުކުރެވޭނެއެވެ.

ރަޝިޔާ-ޔޫކްރެއިން ސުލްޙައިގެ ސަމިޓުގެ ނަމުގައި ބައްދަލުވުމެއް ފެށުމަށް ތައްޔާރުވެފައި މި ވަނީ, ހަނގުރާމަ ހުއްޓުމަކަށް ގެންނާނެ ޝަރުޠުތަކެއް ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިން އިޢުލާނު ކުރައްވާފައިވާ ދަނޑިވަޅެއްގައެވެ. ޕުޓިން ވިދާޅުވީ, ޔޫކްރެއިނުން ނޭޓޯގެ މެންބަރު ކަން ހޯދަން ކުރަމުންދާ މަސައްކަތް ހުއްޓައިލައި, ރަޝިޔާއިން އަތްގަދަ ކޮށްފައިވާ ސަރަޙައްދުތައް އެ ޤައުމުގެ ބާރުގެ ދަށަށް ދޫކޮށްލަން ޔޫކްރެއިނުން އެއްބަސްވުމުން ހަނގުރާމަ ހުއްޓައިލާނެ ކަމުގައެވެ.

އެއީ, 2022ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24ވަނަ ދުވަހު ރަޝިޔާއިން ހަނގުރާމަ ފެށި ފަހުން އަތްގަދަ ކޮށްފައިވާ ހަތަރު ސަރަޙައްދު ކަމުގައިވާ ލުހާންސްކާއި ދޮންޏެސްކުގެ އިތުރުން ޒަޕޮރީޜިޔާއާއި ޚަރްސޮނެވެ. އެ ހަތަރު ޕުރޮވިންސުގެ ބޮޑު ސަރަޙައްދުތަކަށް ރަޝިޔާގެ ސިފައިން އަތްގަދަ ކޮށްފައިވާއިރު, ރަޝިޔާއިން ވަނީ އެއީ އެ ޤައުމުގެ ބަޔެއްގެ ގޮތުގައި ކަނޑައަޅާފައެވެ. ނަމަވެސް, ޔޫކްރެއިނުން ދަނީ އެ ސަރަޙައްދުތައް މިނިވަން ކުރަން ހަނގުރާމަ ކުރަމުންނެވެ.

އެ ސަރަޙައްދުތައް ރަޝިޔާއަށް ދޫކޮށްލަން ޕުޓިން ހުށަހެޅުއްވުމުން ޔޫކްރެއިނާއި އެ ޤައުމުގެ އެންމެ ބޮޑު މަދަދުގާރު, އެމެރިކާއިން ވަނީ އެ ކަމާ ދެކޮޅު ހަދާފައެވެ. ޕުޓިންގެ ހުށަހެޅުއްވުމާ ގުޅޭ ގޮތުން ޖަރުމަނުވިލާތުގެ ޗާންސެލަރ އޯލާފް ޝޮލްޓްޒް ވިދާޅުވީ, އެއީ ސީރިޔަސް ހުށަހެޅުމެއް ކަމުގައި ހުޅަނގުން ގަބޫލު ނުކުރާ ކަމުގައެވެ. އަދި, ޕުޓިން މި މޭރުމުން ވާހަކަފުޅު ދައްކަވާފައި މި ވަނީ ސްވިޓްޒަލެންޑުގައި ފަށާ ސުލްޙައިގެ ސަމިޓަށް ހިޔަނި އެޅުއްވުމުގެ މަޤުޞަދުގައި ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.

ބަރގެންޝްޓޮކްގައި ބާއްވާ ދެ ދުވަހުގެ ސަމިޓުގައި 90އަށްވުރެ ގިނަ ޤަައުމާއި ބައިނަލްއަޤުވާމީ އިދާރާތަކާއި ޖަމުޢިއްޔާތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގަންނަވައެވެ. ސްވިޓްޒަލެންޑުން އިސްނަގައިގެން ބާއްވާ މި ސަމިޓުގެ މައިގަނޑު އަމާޒަކީ ރަޝިޔާއާއި ޔޫކްރެއިނާ ދެމެދު ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލުން ކަމުގައި އެ ޤައުމުން ބުނެފައިވެއެވެ.