ޚަބަރު

ކަނޑުހުޅުދޫ އައު ޞިއްޙީ މަރުކަޒުގެ ފުރަތަމަ ފިޔަވަހި ނިމިއްޖެ


ގއ. ކަނޑުހުޅުދޫގައި ޢިމާރާތްކުރާ ޞިއްޙީ މަރުކަޒުގެ އައު ޢިމާރާތުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމިއްޖެއެވެ. 

ޞިއްޙީ މަރުކަޒުގެ އާ ޢިމާރާތް ނިމުމުން މިހާރު އެރަށުން ނުލިބޭ އެތައް ޚިދުމަތްތަކެއް ލިބިގެންދާނެ ކަމަށް އެރަށު ޞިއްޙީ މަރުކަޒުން ވިދާޅުވެއެވެ. ގއ. ކަނޑުހުޅުދޫގައި މިހާރު ބޭނުންކުރާ ސިއްޙީ މަރުކަޒު ބާވެ އެމަރުކަޒުން ދެއްވާ ސިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރެއްވުމުގެ ގޮތުން އެރަށުގައި އަލަށް އިމާރާތްކުރައްވާ ސިއްޙީ މަރުކަޒުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް މިހާރު ނިމިފައި ވާއިރު، މި މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށް އެރަށު ސިއްޙީ މަރުކަޒް ހިންގެވުމާއި ހަވާލުވެހުންނެވި، ފަސީމް މުހައްމަދު ވިދާޅުވިއެވެ. 

ފަސީމް ވިދާޅުވީ، ސިއްޙީ މަރުކަޒުގެ އައު ޢިމާރާތް ނިމުމުން މިހާރު އެރަށުން ނުލިބޭ ލެބޯޓްރީގެ ޚިދުމަތްފަދަ މުހިންމު ޚިދުމަތްތައް ލިބިގެންދާނެކަމަށެވެ. އެރަށުން ވާހަކަދެއްކި ބައެއް ރައްޔިތުން ބުނީ އާ ސިއްހީ މަރުކަޒުގެ ޚިދުމަތް ލިބެންފެށުމުން މިހާރަށްވުރެ ފެންވަރު ރަނގަޅު ހިދުމަތް ލިބޭނެކަމަށް ގަބޫލު ކުރާކަމަށެވެ.

ކަނޑުހުޅުދޫގައި އަލަށް ޢިމާރާތްކުރާ ސިއްޙީ މަރުކަޒު ނިމުމުން ސިއްހީ މަރުކަޒަކުން ލިބޭ އެންމެ ފުރިހަމަ ހުރިހާ ޚިދުމަތްތަކެއް ލިބެން ހުންނާނެކަމަށް އެރަށު ސިއްޙީ މަރުކަޒުން މައުލޫމާތުދެއްވައެވެ.