ޚަބަރު

ފަތުރުވެރިކަމަށް ލިބުނު ކުރިއެރުމުގެ ފައިދާ އެހެން ސިނާޢަތްތަކަށްވެސް


  • މަސްވެރިކަމުގެ ސިނާއަތް ފިޔަވައި އެހެން ސިނާއަތްތަކަށް ވަނީ ކުރިއެރުން ލިބިފައި

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި މަސްވެރިކަމުގެ ސިނާއަތް ފިޔަވައި އެހެން ސިނާއަތްތައް ކުރިއަރާފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ހާމަކޮށްފިއެވެ.

އެމްއެމްްއޭއިން މިކަން ހާމަކޮށްފައިވަނީ އަހަރުގެ ފުރަތަމަ 3 މަހު އިޤްތިޞާދީ ހަރަކާތްތައް ހުރި ގޮތުގެ މައްޗަށް އެކުލަވާލާފައިވާ ކުއާޓްލީ އިކޮނޮމިކް ބުލެޓިންގައެވެ.

އެމްއެމްއޭއިން އާއްމުކޮށްފައިވާ ރިޕޯޓްގައިވާ ގޮތުން ރާއްޖޭގެ އިޤްތިޞާދުގައި ހިމެނޭ މައިގަނޑު ސިނާޢަތްތަކުގެ ތެރެއިން މަސްވެރިކަމުގެ ސިނާއަތް ފިޔަވައި އެހެން ސިނާއަތްތައް ވަނީ މިދިޔަ އަހަރުގެ ފަހު ކުއާޓަރާއި އަޅާބަލާއިިރު، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ކުރިއަރާފައެވެ.

ފުރަތަމަ ކުއާޓަރުގައި ފަތުރުވެރިކަމުގެ ސިނާއަތުން ބޮޑެތި ކުރިއެރުންތަކެއް ހޯދި މައިގަނޑު ސަބަބަކީ ފަތުރުވެރިން ޒިޔާރަތްކުރި މިންވަރު އިތުރުވެ، ފަތުރުވެރިން ރާއްޖޭގައި ހޭދަކުރި ދުވަސްތަކުގެ އަދަދުވެސް ކުރީ ކުއާޓަރާއި އަޅާބަލާއިރު އިތުރުވުންކަމަށް ރިޕޯޓްގައިވެއެވެ. މީގެއިތުރުން މިއަހަރުގެ ފުރަަތަމަ ކުއާޓަރުގައި ރާއްޖެއަށް ބައި މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީވެސް ފުރަތަމަ ކުއާޓަރުގައި ހާސިލުކުރި ބޮޑު ކާމިޔާބީއެއްކަން ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. އަދި މި ކާމިޔާބީ ހާސިލުވީ ޔޫރަޕާއި، އޭޝިޔާ އަދި ޕެސިފިކް ސަރަހައްދުތަކުގެ މާކެޓުން ރާއްޖެއަށް ރެކޯޑް އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރުމުންކަމަށްވެސް އެމްއެމްއޭގެ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. މީގެއިތުރުން ކޯވިޑަށްފަހު އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ ފަތުރުވެެރިން ރާއްޖެ ޒިޔާރަތްކުރީވެސް ފުރަތަމަ ކުއާޓަރުގެ ތެރޭގައިކަންވެސް ވަނީ ރިޕޯޓްގައި ފާހަގަކޮށްފައެވެ.

ފަތުރުވެރިކަމަށް ސިނާއަތަށް ލިބުނު ކުރިއެރުންތަކާއެކު، ފަތުރުވެރިކަމާއި ގުޅިފައިވާ ސިނާއަތްތައްކަމަށްވާ، ދަތުރުފަތުރުގެ ސިނާއަތާއި މުވާސަލާތީ ޚިދުމަތްތަކުގެ ސިނާއަތާއި، ހޯލް ސޭޕް އަދި ރީޓެއިލް ޓްރޭޑްގެ ސިނާއަތަށްވެސް ކުރިއެރުން އައިސްފައިވާކަމަށް އެމްއެމްއޭގެ ރިޕޯޓްގައިވެއެވެ.

އެމްއެމްއޭގެ ރިޕޯޓްގައިވާ ގޮތުން މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި މަސްވެރިކަމުގެ ސިނާއަތަށް ކުރިއެެރުން އައިސްފައިވީނަމަވެސް، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ވަނީ މަސްވެރިކަމުގެ ސިނާއަތް ކުރިއަރާ ދުވެލި ވަނީ މަޑުޖެހިފައެވެ.

މިދިޔަ އަހަރުގެ 4 ވަނަ ކުއާޓަރުގައި އިޤްތިޞާދީ ކުރިއެރުން މަޑުޖެހުނުނަމަވެސް، ކޯވިޑްގެ ކުރިން އިޤްތިޞާދީ ދުވެލި ހުރި މިންވަރާއި އަޅާބަލާއިރު މިއަހަރު ފުރަތަމަ ކުއާޓަރުގައި އިޤްތިޞާދަށް 8.8 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާކަމަށްވެސް އެމްއެމްްއޭގެ ރިޕޯޓްގައިވެއެވެ.

ރާއްޖޭގެ އިޤްތިޞާދަށް ކުރިއެރުންތަކެއް ލިބެމުންދާއިރު، ސަރުކާރުން ދަނީ އިޤްތިޞާދީ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން އިޤްތިޞާދީ ހަރަކާތްތައް ފުޅާކޮށް، އިޤްތިޞާދު ސިންދަފާތުކުރުމަށްވެސް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި މި މަސައްކަތްތަކާއެކު ދައުލަތުގެ އާމްދަނީ އިތުރުކޮށް، ޙަަރަދުތައް ކުޑަކޮށް، ފަހަށް ރައްކާ ކުރާ މިންވަރު އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ހެޔޮ ނަތީޖާ ފެންނަމުންދާކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.