ޚަބަރު

އޮޕަރޭޝަން ކުރަނގި: މާފުށިން 800 އަށްވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތު ނަގައިފި


  • އޮޕަރޭޝަން "ކުރަނގި" ފެށީ މޭމަހުގެ ކުރީކޮޅު

  • 1 އަހަރު ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި އުޅޭ ބިދޭސީންގެ މަޢުލޫމާތު އެއްކުރާނެ

  • ބިދޭސީންގެ މަޢުލޫމާތު ހިމެނޭ ޑާޓާބޭސްއެއް ހަދާނެ

ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް ފަށާފައިވާ އޮޕަރޭޝަން "ކުރަނގި" މާލެ އަތޮޅު މާފުށީގައި ހިންގައި އެރަށުން 800 އަށްވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތު ނަގައިފިއެވެ. މާފުއްޓަކީ މި ޕްރޮގްރާމްގެދަށުން މަޢުލޫމާތު އެއްކުރާ ދެވަނަ ރަށެކެވެ.

މި ޕްރޮގްރާމްގެ ޢަމާޒަކީ ރާއްޖޭގައި ދިރިއުޅޭ ހުރިހާ ބިދޭސީންގެ މަޢުލޫމާތު 1 އަހަރު ދުވަހުގެތެރޭގައި އެއްކުރުމެވެ.

ރާއްޖޭގެ ދިރިއުޅޭ ހުރިހާ ބިދޭސީންގެ މަޢުލޫމާތު ހިމެނޭ ޑޭޓާބޭސްއެއް ޤާއިމުކުރުމަކީ ދާޚިލީ ސަލާމަތާ ފަންނިއްޔަތާ ބެހޭ ވުޒާރާއިން، ބިދޭސީންނާ ގުޅޭ މައްސަލަތައް ޙައްލުކުރުމަށްޓަކާ ފައްޓާފައިވާ އެންމެ ބޮޑު މަސައްކަތެކެވެ. މި ޕްރޮގްރާމްގައި ހުރިހާ ދާއިރާތަކެއްގައި މަސައްކަތްކުރާ ބިދޭސީންގެ މަޢުލޫމާތު އެއްކުރެއެވެ.

މަޢުލޫމާތު އެއްކުރުމަށް މާފުށީގައި ކުރިއަށްގެންދިޔަ އޮޕަރޭޝަންގައި އެ ރަށުގައި މަސައްކަތްކޮށް ދިރިއުޅެމުންދާ 805 ބިދޭސީއެއްގެ މަޢުލޫމާތު ނަގާފައިވާކަމަށް ދާޚިލީ ވުޒާރާއިން ހާމަކުރެއެވެ. މާފުއްޓަކީ ފުޅާ ދާއިރާއެއްގައި ލޯކަލް ޓުއަރިޒަމްގެ ޚިދުމަތް ދެމުންދާ ރަށަކަށްވުމާއެކު، އެ ރަށުގައި އެކި މަސައްކަތްތަކުގައި ގިނަ އަދަދެއްގެ ބިދޭސީން މަސައްކަތްކުރެއެވެ. މި އޮޕަރޭޝަންގައި ބަޔޯމެޓްރިކް ޑާޓާ ކަމަށްވާ އިނގިލީގެ ނިޝާނާއި ފޭޝަލް ރެކޮގްނިޝަން ހަދަން ބޭނުންވާ ފޮޓޯ ނަގައި، ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު ބަލަހައްޓާ ސިސްޓަމަށް އަޕްލޯޑްކޮށްފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

ދާޚިލީ ވުޒާރާއިން ވިދާޅުވީ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތްތައް ދެން ފަށާނީ ޢީދު ބަންދު ހަފްތާއަށް ފަހުގައިކަމަށެވެ. މި ޕްރޮގްރާމްގައި މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ފުރަތަމަ މާލެ ސަރަޙައްދުގައި ކުރިއަށްގެންދިޔަނަމަވެސް، ރާއްޖެ 5 ސަރަޙައްދަށް ބަހާލައިގެން އެ މަސައްކަތް ވަރަށް އަވަހަށް އެހެން އަތޮޅުތަކުގައިވެސް ފަށާނެއެވެ.

މި ޕްރޮގްރާމް މިމަހުގެ 2 ވަނަ ދުވަހު ފަށާފައިވަނީ މާލެ އަތޮޅު ހިންމަފުށިންނެވެ. ހިންމަފުށީގައި ވަނީ އެރަށުގައި ދިރިއުޅޭ 705 ބިދޭސީންގެ ތަފްސީލީ މަޢުލޫމާތު ނަގާފައެވެ.

ދާޚިލީ ވަޒީރު އަލީ އިޙުސާން މީގެކުރިން ހާމަކޮށްފައިވާގޮތުގައި، މި ޕްރޮގްރާމްގެ އެންމެ ބޮޑު ބޭނުމަކަށްވަނީ ރާއްޖޭގައި އުޅޭ ބިދޭސީން ދިރިއުޅޭ ތަންތަނާ އެމީހުން ރާއްޖޭގައި ކުރަމުންދާ މަސައްކަތްތައް ދެނެގަތުމެވެ. އަދި އެއީ ރާއްޖޭގައި ބިދޭސީން އުޅުމުމުގެ އުސޫލުން ތެރެއިން މަސައްކަތްކުރާ މީހުންތޯ ދެނެގަތުމެވެ.

މި ޕްރޮގްރާމުގެ ފުރަތަމަ މަރުހަލާގައި ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު އެއްކުރި ނަމަވެސް އެ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަކީ މަގުސަދެއް ނޫންކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން ގަވާއިދުގެ ތެރެއަށް ވަންނަން ބޭނުންވާ ބިދޭސީންނަށް އެ ފުރުސަތު ފަހިކޮށްދިނުންވެސް ކުރިއަށްދާނެއެވެ.

ފުރަތަމަ މަރުހަލާ ނިމުމަށްފަހު ރަސްމީ ލިޔެކިޔުން ނެތި، ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ ބަޔޯ މެޓްރިކް އައިޑެންޓިފިކޭޝަނެއް ހަދައި، ގައުމުތަކުގެ އެމްބަސީތަކާއި ގުޅިގެން އެމީހުން ފޮނުވާލުމަށް ވަނީ ނިންމާފައެވެ.