ދިވެހި ރާއްޖެއިން އެކުވެރި އަރބި އިމާރާތަށް ކަނޑައެޅުއްވި ސަފީރު މުޙައްމަދު ހުސައިން ޝަރީފް އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، އެކުވެރި އަރަބި އިމާރާތުގެ ރައީސް އަދި އަބޫދާބީގެ ވެރިޔާ މުޙައްމަދު ބިން ޒައިދް އަލް ނަޙްޔާންއަށް އަރުވައިފިއެވެ.
ފަތްކޮޅު އެރުވުން ކުރިއަށްގެންދެވީ އެ ޤައުމުގެ ރިޔާސީ ގަނޑުވަރު "ޤަސްރް އަލް ވަތަން"ގައި އެކަމަށްޓަކާ ބޭއްވި ޚާއްސަ ރަސްމިއްޔާތުގައެވެ. އެމަނިކުފާނަށް މަރުޚާބާ ދެންނެވުމަށް ބޭއްވި ރަސްމިއްޔަތުގައި އެ ޤައުމުގެ މިލިޓަރީ ގަރޑްއެއް ވަނީ އަރުވާފައެވެ. އަދި ދިވެހިރާއްޖޭގެ ޤައުމީ ސަލާމާއެކު، ދިދަ ނެގުންވެސް ވަނީ ކުރިއަށް ގެންދަވާފައެވެ.
ފަތްކޮޅު ހަވާލުކުރެއްވުމުގައި ރަސްމިއްޔާތުގައި، އެކުވެރި އަރަބި އިމާރާތުގެ ރައީސް އަދި އަބޫދާބީގެ ވެރިޔާ މުޙައްމަދު ބިން ޒައިދް އަލް ނަޙްޔާން ވަނީ ސަފީރު ޝަރީފްއަށް މަރުޚާބާ ދަންނަވާފައެވެ. އަދި ރާއްޖޭގެ އާ ވެރިކަމުގެ ދަޢުރުގައި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ތަޞައްވުރު ޙާސިލްކުރެއްވުމުގައި ދެ ޤައުމު ގުޅިގެން މުހިންމު މަސައްކަތްތަކެއް ކުރިއަށްގެންދެވޭނެކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވިއެވެ. އަދި އެކަމަށް އެކުވެރި އަރަބި އިމާރާތުގެ ފުރިހަމަ އެހީތެރިކަމާ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ސަފީރު މުޙައްމަދު ޙުސައިން ޝަރީފް ވަނީ، ޔޫއޭއީން ވިދާޅުވި މަރުޚަބާއަށް ޝުކުރު ދަންނަވާފައެވެ. އަދި މި ދަޢުރުގައި ޔޫއޭއީއާއެކު ސިޔާސީ ގުޅުން ދެމެހެއްޓާ، ގުޅިގެން މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ދެއްވިއެވެ.
Warm congratulations to Ambassador Mohamed Hussain Shareef on presenting credentials to H.H. Sheikh Mohamed bin Zayed Al Nahyan, President of UAE and Ruler of Abu Dhabi.
— Moosa Zameer (@MoosaZameer) June 14, 2024
I am confident that the strong ties of friendship and cooperation that exists between the #Maldives and the… pic.twitter.com/fEKoOq0l31
އެކުވެރި އަރބި އިމާރާތަށް ކަނޑައެޅުއްވި ސަފީރު މުޙައްމަދު ހުސައިން ޝަރީފްއަށް، ފަތްކޮޅު އެރުވުމާއި ގުޅީގެން ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވަނީ ތަހުނިޔާ ވިދާޅުވެފައެވެ. ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، ސަފީރު މުޙައްމަދު ހުސައިން ޝަރީފްގެ ސަފީރުކަމުގައި، ރާއްޖެއާއި ޔޫއޭއީއާއި ދެމެދު އޮތް ގާތް ގުޅުން އިތުރަށް ދަމަހައްޓާ، ގުޅިގެން ބަދަހިކުރެއްވުމުގެ މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަމެއް އެބައޮތްކަމަށެވެ.
ރާއްޖެއާ އެކުވެރި އަރަބި އިމާރާތާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރީ 1978ވަނަ އަހަރުގެ މަރޗް މަހުގެ 15 ވަނަ ދުވަހުއެވެ. މިހާރުގެ ސަފީރު މުޙައްމަދު ޙުސައިން ޝަރީފްއަކީ، ޔޫއޭއީއަށް ރާއްޖެއިން ކަނޑައަޅުއްވާ ސަފީރުކަމުގެ މަޤާމު ފުރުއްވާ 6 ވަނަ ބޭފުޅާއެވެ.