ޚަބަރު

ސަފާރީއެއް ބަލައިފާސްކޮށް ގިނަ އަދަދެއްގެ ބަނގުރަލާއެކު މީހަކު ހައްޔަރުކޮށްފި


މާލެ އަތޮޅު މާފުށީ ބޭރުގައި އޮތް ސަފާރީއެއް ބަލައިފާސްކޮށް ގިނަ އަދަދެއްގެ ބަނގުރާ ހޯދައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މާފުށި ބޭރުގައި އޮތް ސަފާރީއެއްގައި ހުއްދަނެތި ބަނގުރާ ވިއްކާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރޭ ހިންގި އޮޕަރޭޝަނުގައި، އެ ސަފާރީ ބަލައިފާސްކޮށް 200 އަށްވުރެ ގިނަ ބަނގުރާ ފުޅި އާއި ދަޅު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ.

މި މައްސަލައާ ގުޅިގެން 62 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށާއި، އޮޕަރޭޝަން ހިންގާފައިވަނީ މާފުށި ޕޮލިސް ސްޓޭޝަން، ޑްރަގް އެންފޯސްމަންޓު، ފޮރެންސިކް ޑިޕާޓްމަންޓު، މެރިން ޕޮލިސް އަދި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެންކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ.

މި މައްސަލަ އިތުރަށް ތަޙުޤީގުކުރަމުން ގެންދާކަމަށްވެސް ފުލުހުން ޚިދުމަތުން ވިދާޅުވިއެވެ.