ޚަބަރު

ޢީދު ފާހަގަކުރާއިރު އިސްލާމް ދީނާއި ދިވެހިންގެ އިޖުތިމާޢީ މިންގަނޑާ ޚިލާފުނުވުމަށް އަންގައިފި


  • ޢީދުގެ ޙަރަކާތްތައް އިންތިޒާމުކުރަންވާނީ އިސްލާމްދީނާ ފުށުނާރާގޮތަށް

  • އިސްލާމް ދީން ނޫން އެހެން ދީންތަކުގެ ރަމްޒުތައް ބޭނުން ނުކުރުމަށްވަނީ އަންގާފައި

  • ޖިންސީ ފުރައްސާރަތަކުން ދުރުހެލިވެ ތިބުމަށް އަންގާފައިވޭ

ކުރިއަށް އޮތް އަޟްޙާ ޢީދު ފާހަގަކުރުމަށް ކުރިއަށްގެންދާ ޙަރަކާތްތަކަކީ އިސްލާމް ދީނާއި ދިވެހިންގެ އިޖުތިމާޢީ މިންގަނޑުތަކާ އެއްގޮތަށް ކުރިއަށްގެންދާ ޙަރަކާތްތަކަކަށް ހެދުމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާއްމު މަސައްކަތްތަކާއި ބެހޭ ވުޒާރާއިން ކައުންސިލްތަކަށް އަންގަވައިފިއެވެ.

އެވުޒާރާއިން ކައުންސިލްތަކަށް ފޮނުއްވާފައިވާ ސަރކިއުލާގައި ވަނީ، އަޟްޙާ ޢީދާ ގުޅިގެން ކައުންސިލްތަކުން، ސިޓީތަކާއި އަދި ރަށްރަށުގައި ކުރިއަށްގެންދާ ޙަރަކާތްތައް، އިސްލާމްދީނާއި ދިވެހީންގެ އިޖުތިމާޢީ މިންގަނޑުތަކާއި ޚިލާފު ނުވާނެ ގޮތަށް އިންތިޒާމުކުރާ ކަންކަމަށް ހެދުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އަންގަވާފައެވެ.

ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގައި ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީންކަމުގައި ބަޔާންކޮށްފައި އޮތުމާއެކު، އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަސްދަރުކަމަށްވުމުން ޢީދުގެ ހުރިހާ ޙަރަކާތްތަކެއް މާތްވެގެންވާ އިސްލާމްދީނުގެ އަސާސްތަކާއި ޚިލާފުނުވާނެހެން ކުރިއަށްގެންދިޔުމަށްވަނީ އަންގާފައެވެ. މީގެއިތުރުން، ޢީދު ފާހަގަކުރުމުގައި ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނަށް ރިޢާޔަތްކުރުމަށްވެސް ވަނީ އަންގަވާފައެވެ.

އަދި ޢާއްމު އިޖުތިމާޢީ މިންގަނޑުތަކާއި ޚިލާފު ޢަމަލުތައް ހުއްޓުވުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާފަދަ އެއްވެސްކަމެއް ހިންގުމަށް ޖާގަދީގެން ނުވާނެކަމަށްވެސް މިސަރކިއުލާގައިވަނީ އަންގަވާފައެވެ. އެގޮތުން ޖިންސީ ގުނަވަން ނުވަތަ ޖިންސީ ޙަރަކާތެއް ސިފަކޮށްދޭ މަންޒަރު ނުވަތަ ލިޔުން އެކުލެވޭ އެއްޗެއް ބޭނުން ނުކުރުމަށާއި، އިސްލާމް ދީން ފިޔަވާ އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ނުގެންގުޅުމަށްވަނީ އަންގަވާފައެވެ.

ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކުލަގަދަކޮށް ބަރަކާތްތެރި އަޟްޙާ ޢީދު ފާހަގަކުރެއެވެ. އިސްލާމީ އާދަކާދަތަކާއި، ރާއްޖޭގެ އާދަކާދައާއި ޘަޤާފަތުގެ ތެރެއިން އައިސްފައިވާކަންކަން ޢީދުގެ ތެރޭގައި ފާހަގަކުރެއެވެ. މަދުން ނަމަވެސް ދީނާ ޚިލާފު ބައެއް ކަންކަން ފެންނަމުންދާތީ އެފަދަ ކަންކަމަށް ޖާގަ ނުދެއްވުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރައްވައެވެ.