ޚަބަރު

މާލީ ދާއިރާ ތަރައްޤީކުރުމަށް ޕެންޝަން ފަންޑުގެ ބޭނުން ހިފަނީ


މާލީ ދާއިރާ ތަރައްޤީކުރުމަށް ޕެންޝަން ފަންޑުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިއްޕަވާނެކަމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ސީއީއޯ މުޙައްމަދު ޙުސައިން މަނިކު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ، ރާއްޖޭ މާލީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ޚާއްޞަކޮށްގެން ކުރުނބާ މޯލްޑިވްސްގައި ކުރިއަށް ގެންދިޔަ މޯލްޑިވްސް ފައިނޭންސް ފޯރަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުންނެވެ. މޯލްޑިވްސް ފައިނޭންސް ފޯރަމް އެންމެ ފުރަތަމަ ބާއްވާފައިވަނީ 2012 ވަނަ އަހަރުއެވެ. މިއީ މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން މި ފޯރަމް ބާއްވަވާ ފަސްވަނަ ފަހަރުއެވެ. ކުރުނބާ މޯލްޑިވްސްގައި ކުރިއަށްދިޔަ މިފޯރަމްގައި ރާއްޖޭގެ މާލީ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކުން ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި ބޭންކުތަކާއި އިންޝިއުރަންސް ކުންފުނިތަކާއި އަމިއްލަ ފަރާތްތަކުގެ އިތުރުން ބޭރުގެ ބައެއް ފަރާތްތަކުންވެސް ބައިވެރިވިއެވެ. 

ފައިނޭންސް ފޯރަމްގެ މިއަހަރުގެ ޝިޢާރަކީ މާލީ ދާއިރާ ޒަމާނީކޮށް އިޞްލާޙުކުރުމެވެ. މި ފޯރަމްގެ މަޤްޞަދަކީ މާލީ ދާއިރާގެ ކުރިއެރުމަށް ހުރި ދަތިތަކާއި ގުޅޭގޮތުން މަޝްވަރާކޮށް ރަނގަޅުކުރުމަށް ހުރި ކަންކަން ދެނެގަތުމެވެ. މިފޯރަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ސީއީއޯ މުޙައްމަދު ޙުސައިން މަނިކުވަނީ، މާލީ ދާއިރާ ތަރައްޤީ ކުރުމަށް ޕެންޝަން ފަންޑުގެ ބޭނުން ހިފުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އޭނާ ވިދާޅުވީ، މާލީ ދާއިރާގައި ހުރި މައްސަލަތަކަކީ މިދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތްތައް ގުޅިގެން ހައްލުކުރެވޭނެ ކަންކަންކަމަށެވެ. އުންމީދަކީ ޕެންޝަން ފައިސާއިން މިހާރު އިންވެސްޓްކުރަމުންދާ ކަންކަމުގެ އިތުރުން އެހެން ދާއިރާތަކުންވެސް އިންވެސްޓްކުރުންކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ރާއްޖެއިން ބޭރުގައި އިންވެސްޓް ކުރުމަށް ޝައުޤުވެރިކަން އެބަހުރި ކަމަށާއި، އެކަމާ ގުޅޭ މަސައްކަތްތަކެއް ކުރެވެމުންދާކަމަށް މަނިކު ވިދާޅުވިއެވެ.

މި ފޯރަމްގައި ވާހަކަ ދެއްކެވި ފަރާތްތަކުން އިޤްތިޞާދީ ކުރިއެރުމަށް ޕެންޝަން ފަންޑުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ. އެފަންޑުން އިންވެސްޓްކޮށްގެން މިދާއިރާއިން އިތުރު ކުރިއެރުންތަކެއް ހޯދިދާނެކަމަށް އެ ފަރާތްތަކުން ފާހަގަކުރައްވައެވެ.

ޕެންޝަން ފަންޑަކީ މިހާތަނަށް ރާއްޖޭގައި އޮތް އެންމެ ބޮޑު ފައިސާގެ ފަންޑެވެ. މި ފަންޑުގައި މިހާރު ހުރި ފައިސާގެ އަދަދު 5.1 ބިލިއަނަށް އަރައެވެ. ޕެންޝަން ފަންޑަށް 82،000 އަށްވުރެ ގިނަ މުވައްޒަފުން ފައިސާ ޖަމާކުރަމުން ގެންދެއެވެ. އެއްދުވަހަށް ކުރިއަށް ގެންދިޔަ މިފޯރަމްގައި ބައިވެރިވި ބައެއް ބޭންކުތަކާއި އިންޝިއުރެންސް ކުންފުނިތަކުން ޕްރެޒެންޓޭޝަންތައް ހުށައަޅާދީފައިވެއެވެ. އަދި ރާއްޖޭގެ މާލީ ދާއިރާގައި ހަރަކާތްތެރިވާ އިސްފަރާތަކުގެ ޕެނަލް ޑިސްކަޝަނެއް ކުރިއަށް ގެންދިޔައެވެ.