ޚަބަރު

އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް ސެޕްޓެމްބަރު މަހު އުކުޅަހުގައި ބާއްވަނީ


  • މިއަހަރު ބާއްވާ ކޮންފަރެންސް އޮންނާނީ ސެޕްޓެމްބަރު 28 އިން 30އަށް

  • ރާއްޖޭގައި "އެކަޑެމިކް ޓުއަރިޒަމް" ފުޅާކުރަން މިކޮންފަރެންސް މުހިއްމު

  • ކޮންފަރެންސްގައި ކަރުދާސް ހުށަހެޅުމަށް މިހާރުވަނީ ފުރުޞަތު ހުޅުވާލާފައި

7 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް، އަންނަ ސެޕްޓެމްބަރު މަހު އއ. އުކުޅަހުގައި ބޭއްވުމަށް ނިންމާފައިވާކަމަށް ތަޢުލީމީ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

މި ކޮންފަރެންސަކީ މުދައްރިސުންނާއި ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ ފަންނީ މުއައްޒަފުންގެ މެދުގައި ދިރާސާ ކުރުމުގެ ސަގާފަތެއް ޤާއިމު ކުރުމުގެ މަޤްޞަދުގައި 2012ވަނަ އަހަރުން ފެށިގެން ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނުން، ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވަމުން އަންނަ ކޮންފަރެންސްއެކެވެ.

ބައިނަލްއަޤްވާމީ ފެންވަރުގައި ބާއްވާ މިކޮން ފަރެންސް މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު 28 އިން 30 އަށެވެ.

މި ކޮންފަރެންސްގައި ތަޢުލީމީ ދާއިރާގެ ޚިދުމަތްތެރިންނަށް ދިމާވާ ގޮންޖެހުންތަކާއި އެގޮންޖެހުންތައް ޙައްލު ކުރާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކޮށް، ކިޔަވައިދިނުން އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރެވިދާނެ ތަފާތު ކަންކަމާމެދު ޚިޔާލު ބަދަލު ކުރުމުގެ ފުރުޞަތު މުދައްރިސުންނަށް ފައިވެގެންދާނެއެވެ.

މީގެ އިތުރުން ބޭރު ޤައުމުތަކުގެ ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ރާއްޖެ ހުޅުވައިދިނުމާއިއެކު، ރާއްޖޭގައި "އެކަޑެމިކް ޓުއަރިޒަމް" ފުޅާކުރުމުގައި މިފަދަ ކޮންފަރެންސްތައް މުހިންމު ދައުރެއް އަދާކުރާކަމަށް ތަޢުލީމީ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

މިއަހަރުގެ ކޮންފަރެންސްގައި ކަރުދާސް ހުށަހެޅުމަށް ކަނޑައެޅިފައިވާ ދާއިރާ ތަކުގެތެރޭގައި އެއްވެސް ކުއްޖަކު ބާކީ ނުކޮށް ތަޢުލީމީ ފުރުޞަތު ދިނުމާ، ކަރިކިއުލަމްއާ ކިޔަވައިދިނުމުގެ ޕްރޮފެޝަނަލް މިންގަނޑުތަކާގުޅޭ ދާއިރާ ހިމެނެއެވެ. އަދި ކިޔަވައިދިނުމުގައި ޓެކްނޮލޮޖީއާއި ޒަމާނީ ވަސީލަތްތައް ބޭނުންކުރުމާއި، ދިވެހި އިސްލާމް އަދި ދިވެހިންގެ ސަޢާފަތް ކިޔަވައިދެވޭނެ ގޮތްތައް ހަރުދަނާ ކުރުމާއި، ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކުގެ އިތުރުން، ދަރިވަރުންނަށް ފަރުދީ ޒިންމާއާއި ގުޅޭ ގޮތުން އުންގަންނައިދިނުމަށް ކުރެވޭނެ މަސައްކަތްތަކާ ގުޅޭ ކަރުދާސްތައް ހުށަހެޅޭނެއެވެ.

މި އަހަރުގެ ކޮންފަރެންސްގައި ކަރުދާސް ހުށަހެޅުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެބްސްޓްރެކްޓް ހުށައެޅުމުގެ ފުރުޞަތު އަންނަ މަހުގެ 31ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

އެންމެ ފަހުން މި ކޮންފަރެންސް ބޭއްވީ 2022 ވަނަ އަހަރު ރާއްޖޭގެ އުތުރުން ކުޅުދުއްފުށި ސިޓީގައެވެ. އެ ކޮންފަރެންސްގައި ރާއްޖެއާއި ރާއްޖޭން ބޭރުން 220 އަށް ވުރެ ގިނަ ޓީޗަރުންނާއި، ޢިލްމީ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.