ޚަބަރު

މިސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާ ތާވަލާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް ރައީސް ނިންމަވައިފި


  • ލެޖިސްލޭޓިވް އެޖެންޑާގައި 15 މައުޟޫޢަކާ ގުޅޭ ޖުމްލަ 213 ބިލެއް އެކުލެވިގެންވޭ

  • މުޅިން އަލަށް އެކުލަވާލަންޖެހޭ 78 ޤާނޫނަކާގުޅޭ ބިލުވެސް ހިމެނޭ

ހިނގަމުން މިދާ ވެރިކަމުގެ ފަސް އަހަރު ދުވަހުގެ ދައުރުގައި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޤަޞްދުކުރާ ބިލުތައް އެކުލެވޭ، "ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާ 2023-2028" ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ކުރިއަށް ގެންދެވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދިޔަ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި އެޓަރނީ ޖެނެރަލްގެ އޮފީހުން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހުގައެވެ.

ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާއަކީ، އެއިރެއްގައި ވެރިކަމަށް އަންނަ ސަރުކާރަކުން، އެ ސަރުކާރުގެ ފަސް އަހަރު ދުވަހުގެ ދައުރުގައި ފުރިހަމަކުރާނެ ކަމަށް ބަޔާންކޮށްފައިވާ ވަޢުދުތަކާއި ކުރިއަށް ގެންދަން ނިންމާފައިވާ އިޞްލާޙީ މަސައްކަތްތަކާ ގުޅިގެން އަދި ދައުލަތް ހިންގުން ހަރުދަނާކުރުމަށާއި ޤައުމާއި ރައްޔިތުންގެ ރައްކާތެރިކަމާއި ކުރިއެރުމަށްޓަކައި އެންމެ އިސްކަމެއްދީގެން ތަޢާރުފުކުރަން ނިންމާ ޤާނޫނުތަކާ ގުޅޭ ބިލުތައް އަންގައިދޭ އެޖެންޑާއެކެވެ.

ލެޖިސްލޭޓިވް އެޖެންޑާގައި 15 މައުޟޫޢަކާ ގުޅޭ ޖުމްލަ 213 ބިލެއް އެކުލެވިގެންވެއެވެ. އޭގެތެރޭގައި މުޅިން އަލަށް އެކުލަވާލަންޖެހޭ 78 ޤާނޫނަކާގުޅޭ ބިލާއި، މިހާރު ޢަމަލުކުރެވޭ ޤާނޫނުތަކުގެ ތެރެއިން އިޞްލާޙު ގެންނަންޖެހޭ ނުވަތަ އުވާލަންޖެހޭ ޤާނޫނުތަކަށް އިޞްލާޙު ގެނައުމަށްޓަކައި ހުށަހަޅަން ޤަޞްދުކުރާ 135 ބިލެއް ހިމެނެއެވެ.