ޚަބަރު

ޗުއްޓީ ހޭދަކުރާއިރު ގައިން ގަޔަށް އަރާ ބަލިތަކުން ރައްކާތެރިވުމަށް ސަމާލުވޭ!


  • ޗުއްޓީ ދުވަސްވަރު ގައިން ގަޔަށް އަރާބަލިތަށް އިތުރުވޭ

  • ކޯވިޑް19 އާއި އިންފްލުއެންޒާ ފަދަ ރޯގާތަކުން ރައްކާތެރިވާން ވެކްސިން މުހިންމު

  • ޑެންގީ އާއި ޗިކުންގުންޔާއިން ރައްކާތެރިވުމަށް މަދިރިން ރައްކާތެރިވާންޖެހޭ

ކުރިއަށް އޮތީ ބޮޑުއީދު ބަންދަށްވެފައި، ގިނަބަޔަކު ޗުއްޓީއަށް ފުރައިގެން އެކި ތަންތަނަށް ދަތުރުކުރުމާއި އީދު ފާހަގަކުރުމުގައި ވެސް އެއްވެ އުޅުން ގިނަވެގެންދާނެ ދުވަސްތަކަަކަށްވާތީ، ޗުއްޓީގެ ޙަރަކާތްތަކުގައި ޝާމިލުވެ އުޅޭ އިރު، ގައިންގަޔަށް އަރާ ބަލިތަކުން ރައްކާތެރިވެ ތިބުމަކީ މުހިންމުކަމެކެވެ.

އަދި މިދުވަސްވަރަކީ އެފަދަ ބައެއް ބަލިތައް އާންމު ދުވަސްކޮޅަކަށްވާތީ، ބަލިތަކުން ރައްކާތެރިވުމުގެ ފިޔަވަޅު އެޅުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

އެޗްޕީއޭއިން ވަނީ، މިދުވަސްވަރު، ޑެންގީ، ޗިކުންގުންޔާ، އިންފްލުއެންޒާ އަދި ބޭރަށްހިންގުން ފަދަ ގައިގަޔަށް އަރާ ބަލިތައް އިތުރުވެފައިވާކަމަށް ވިދާޅުވެފައެވެ. އެފަދަ ބަލިތަކުން ރައްކާތެރިވެތިބުމަށްޓަކައި އެޅިދާނެ ބައެއް ފިޔަވަޅުތައް އެޗްޕީއޭއިން ވަނީ ޙިއްސާކޮށްފައެވެ.

މީގެ އިތުރުން ޙައްޖުގެ އަޅުކަން އަދާކުރުމަށްފަހު ގިނަބަޔަކު އެނބުރި އަންނަ އިރު ރޯގާތަށް ގިނަވާކަން ފާހަގަކުރައްވައި އެޗްޕީއޭގެ ޕަބްލިކް ހެލްތް ކޯޑިނޭޓަރ މުޙައްމަދު ހަމްޒަތު ވިދާޅުވީ، އެދުވަސްވަރާ ދިމާކޮށް އެޗްޕީއޭއިން ޚާއްސަ އިލްތިމާސްތަކެއް ކުރައްވަނެކަމަށާއި އެކަންތައްތަކަށް ސަމާލުވުމަކީ މުހިންމުކަމެއްކަމަށެވެ.

"ޙައްޖުން އެކަންޏެއްނޫން، ޚާއްސަކޮށް ދަތުރުގޮސް އަންނަ އިރު، އަޅަންޖެހޭ ފިޔަވަޅުތައް އެޅުން މުހިންމު، އެގޮތުން، ބައްޔެއްވެފަ ހުރި ފަރާތެއްނަމަ ގޭގަ މަޑުކޮށްލާ ދުވަްކޮޅަކު އަރާމުކޮށްލުން، އަދި ގިނަބަޔަކު އެއްވެ އުޅޭތަންތަނަށް ނުދިއުން ފަދަކަންކަން ހިމެނޭ" ހަމްޒާ ވިދާޅުވިއެވެ.

ކޯވިޑް 19، އިންފްލުއެންޒާ ފަދަ އަރިދަފުސް ރޯގާތަކުން ރައްކާތެރިވުމަށް، ކުރެވިދާނެ ކަންކަން:

- ރޯގާޖެހި ރަނގަޅުނުވެ ދިގުލައިގެންދާނަމަ ޑޮކްޓަރެއްގެ ލަފާހޯދުން
- ރޯގާގެ އަލާމާތެއް ހުރި ނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ނިކުންނައިރު، މާސްކު އަޅާ، އަނގަޔާއި ނޭފަތް ނިވާކުރުން
- ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވުން، ސެނިޓައިޒަރ އިން އަތް ސާފުކުރުން
- ނުރައްކާވުމުގެ ފުރުސަތު ބޮޑު މީހުން ވެކްސިންގެ ޑޯޒްތައް ފުރިހަމަކުރުން
- ބަލިމީހުން ޑޮކްޓަރަށްދައްކަންދާއިރު ވީހާވެސް މަދުމީހުން ދިއުން
- ބަލިމީހުންނަށް ޒިޔާރަތްކުރުމަށް، ކުދަކުދިންނާއި އުމުރުން ދުވަސްވީމީހުން ނުދިއުން
- މާބަނޑުމީހުން ކޮންމެހެން ދާންޖެހޭ ޙާލަތެއްގައި ނޫނީ ހޮސްޕިޓަލަށް ނުދިއުން

ބޭރަށް ހިންގުމާއި ހޮޑުލުމުން ރައްކާތެރިވުމަށް އެޅުން މުހިންމު ފިޔަވަޅުތައް:

- ކެއުމުގެ ކުރިންނާއި ކާބޯތަކެތި ތައްޔާރުކުރާނަމަ ސައިބޯނިލައިގެން ރަނގަޅަށް އަތްދޮވުން
- ފާޚާނާކުރުމަށްފަހު އަދި ނެޕީބަދަލުކުރުމަށްފަހު ސައިބޯނިލައިގެން ރަނގަޅަށް އަތްދޮވުން
- ކާބޯތަކެތި ރަނގަޅަށް ކައްކައިގެން ބޭނުންކުރުން
- ރޯތަރުކާރީ އާއި މޭވާ ރަނގަޅަށް ދޮވެގެން ބޭނުންކުރުން
- ކާބޯތަކެތި ތައްޔާރުކުރާ ތަންތަނާއި ރައްކާކުރާ ތަންތަނާއި ތަކެތި ސާފުތާޙިރުކޮށް ބެހެއްޓުން
- ކާބޯތަކެތި ތާޒާކަމާއިއެކު ބޭނުންކުރުމާއި ހަލާކުނުވާނެހެން ރައްކާތެރިކުރުން
- ކާބޯތަކެއްޗަށް ދިރޭއެއްޗިއްސަށް ނޭރޭނެހެން ރައްކާކުރުން
- ކެއްކުމާއި ބުއިމަށް، ފުޅީގައި ބަންދުކޮށްފައި ހުންނަފެން ބޭނުންކުރުން
- ސަޕްލައި ފެން ނަމަ ކައްކައިގެން ފެން ބޭނުންކުރުން
- ކުނި އެޅުމަށް އެކަށީގެންވާ މަތިޖެހޭ ޑަސްބިން ބޭނުންކުރުމާއި އަވަހަށް ކުނި ނައްތާލުން
- ބޭރަށްހިންގުމުގެ އަލާމާތެއް ފެނިއްޖެނަމަ ކުދިން ސްކޫލަށް ނުފޮނުވުން

ބޭރަށް ހިންގާނަމަ ސަމާލުކަން ދޭންވީ ކަންކަން

- ގިނަގިނައިން ލޮނުޕެކެޓު (އޯ.އާރ.އެސް)، ފެން ބޭނުންކުރުން
- ސޫޕް، ކުރުނބާ ފެންފަދަ ދިޔާތަކެތި ބޭނުންކުރުން
- ތުއްތު ކުދިންނަށް ގާތުން ދިނުން ކުރިއަށް ގެންދިޔުން
- އާދަޔާ ޚިލާފަށް ކަރުހިއްކުމާއެކު ބޮލަށް އެނބުރުން އެރާފާނެކަމަށް ސަމާލުވުން
- މާބޮޑަށް ވަރުދެރަވުން، ކުޑަކަމުދެވޭމިންވަރު މަދުވެދާނެތީ ރައްކާތެރިވުން
- ގިނަގިނައިން ހޮޑުލެވުން އަދި ލެވޭ ހޮޑުގައި ލޭގެ އަސަރު ހުރިތޯ ބެލުން
- އާދަޔާ ޚިލާފަށް ބަނޑުގައި ރިއްސާ ނަމަ އަވަހަށް ޑޮކްޓަރަށް ދެއްކުން
- ބޭރަށް ހިންގުމުގެ އަލާމާތެއް ނެތިވެސް 2 ދުވަސް އަރާމު ކުރުން
- އާންމުން އެއްވެ އުޅޭ ސަރަހައްދުތަކަށް ނިކުމެ އުޅުން މަދުކުރުން

ޑެންގީ އަދި ޗިކުންގުންޔާއިން ރައްކާތެރިވުމަށް ކުރެވިދާނެ މުހިއްމު ކަންތައްތަކުގެ ތެރޭގައި:

- މަދިރިން ރައްކާތެރިވުމުގެ ގޮތުން ހަށިގަނޑު ރަގަޅަށް ނިވައިވާ ގޮތަށް ހެދުން އެޅުން
- މަދިރި ލޯޝަން، ސްޕްރޭ އަދި މޮސްކިޓޯ ރެޕެލެންޓް ބޭނުން ކުރުން
- ރެޕެލެންޓް ބޭނުން ކުރުމުގައި މި މާއްދާތައް ހިމެނޭ ރެޕެލެންޓް ބޭނުންކުރުން މުހިއްމު: (DEET, Picaridin (KBR3023 or Icaridin), IR3535, OLE,PMD and 2-undecanone)
- މަދިރި އެންމެ ގިނަވާ ވަގުތުތަކުގަ ގޭގެ ކުޑަދޮރުތައް ލައްޕާފައި ބެހެއްޓުން
- ހުސް ފުޅި/ދަޅު ފަދަ ފެން ހަރުލާ ތަކެތި ގޯތިތެރެއާއި މަގުމައްޗަށް އުކާނުލުން

ބަލިވެއްޖެނަމަ ގޭގައި ދެވިދާނެ ފަރުވާ:

- އަރާމު ކުރުމުން
- ގިނަގިނައިން ދިޔާއެއްޗެހި ބޭނުންކުރުން
- ފައިދާހުރި ދިޔާތަކެތީގެ ތެރޭގައި ކުރުބާފެން، ލޮނުޕެކެޓް، ސޫޕް ފަދަ ތަކެތި ހިމެނޭ
- ހުން މަޑުކުރުމާއި ރިއްސުންތަކަށް ޑޮކްޓަރުގެ ލަފާގެ މަތިން ޕެރެސެޓެމޯލް ބޭނުން ކުރުން
- ތިން ދުވަހަށް ވުރެ އިތުރަށް ހުން އަންނަ ނަމަ ޑޮކްޓަރަށް ދެއްކުން
- ދިޔާއެއްޗެހި ބޭނުން ނުކުރެވޭނަމަ، ނުވަތަ މާ ބޮޑަށް ވަރު ދެރަވާނަމަވެސް ޑޮކްޓަރެއްގެ ލަފާ ހޯދުން

މީގެ އިތުރުން ފާނަބަސަންދު ފަދަ ބަލިތައް ވެސް ފެތުރެމުންދާތީ، އެކަމަށް ޚާއްސަ ސަމާލުކަން ދިނުމަށްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ.
ފާނަބަސަންދުން ރައްކާތެރިވުމަށްޓަކައި ވެކްސިން ދިނުމަކީ ވަރަށް މުހިންމުކަމެއް ކަމަށް ކުދަކުދިންގެ ޑޮކްޓަރު ޑރ. އަޙްމަދު ފައިސަލް ވިދާޅުވިއެވެ.

"ފާނަބަަސަންދުން ރައްކާތެރިވުމަށް އެންމެ މުހިންމު ކަމަކީ ވެކްސިން ދިނުން، އެހެން ނަމަވެސް ކުރެވިދާނެ އެހެންކަންކަން ވެސް ހުންނާނެ، މިސާލަކަށް، ބަލި ޖެހިފައިތިބޭ މީހުން އެހެން މީހުން އުޅޭ ތަންތަކަށް ނުދިއުން، އަދި ގެއެއްގައި ނަމަ ބަލި ނުޖެހި ތިބި މީހުން އެހެންތަނަކަށް ދިއުން" ޑރ. ފައިސަލް ވިދާޅުވިއެވެ.

ގައިންގަޔަށް އަރާ ބަލިތަކަކީ އެ އެއްޗެއް ހިމެނިގެންވާ ބަޔޮލޮޖިކަލް އޭޖެންޓެއްގެ ސަބަބުން ނުވަތަ އޭގައި ހިމެނިގެންވާ ވިހަ މާއްދާއެއްގެ ސަބަބުން، އެކެއްގެ ގައިން އަނެކެއްގެ ގަޔަށް އެ ބަދަލުވުމުގެ ކުޅަދާނަކަން ލިބިގެންވާ ބާވަތުގެ ބަލިބައްޔަށެވެ. އަދި ބަލިޖެހިފައިވާ މީހާގެ ގައިން ނުވަތަ ޖަނަވާރެއްގެ ކިބައިން އެ ބަލި، ސީދާގޮތެއްގައި ނުވަތަ ނުސީދާ ގޮތެއްގައި، އެހެން މީހެއްގެ ގަޔަށް އެރުމުގެ ކުޅަދާނަކަން ލިބިފައިވާ ބައްޔަށެވެ. އޭގެތެރޭގައި ނުރައްކާތެރި ބައްޔާއި ރިޕޯޓުކުރަންޖެހޭ ބަލި ހިމެނެއެވެ.