ޚަބަރު

ޢަރަފާތު ބިމަކީ ކޮބައިކަމާއި އެބިމުގެ މާތްކަން!


ހައްޖުގެ މަޝްޢަރުތަކުގެ ތެރެއިން އަރަފާތަކީ ގެފުޅުގެ އިރުދެކުނުގައި ބާރަވަރަކަށް މޭލު ދުރުގައި އޮންނަ ތިރި ބިމެކެވެ. މި ބިމުގައި ހުންނަ ކުޑަކުޑަ ފަރުބަދައަށް ޢަރަފާތު ފަރުބަދައޭ ކިޔެއެވެ މި ފަރުބަދައަށް ޖަބަލުއް ރަޙްމަތި، ރަޙްމަތުގެ ފަރުބަދައޭ ވެސް ކިޔައެވެ. މިއީ 230 ފޫޓުގެ އުސް ގްރެނައިޓް ހިލައިގެ ފަރުބަދައެކެވެ.

ޢަރަފާތު ބިމަށް އެ ނަން ދެވިފައިވާގޮތާ ބެހޭ ގޮތުން ތަފާތު ރިވާޔަތްތައް އައިސްފައިވެއެވެ. އެގޮތުން އާދަމުގެފާނާއި ޙައްވާގެފާނު މާތްالله ގެ އަމުރުފުޅާ ޚިލާފުވެ ވަޑައިގެން ފަރިއްކުޅުއްވުން މަނާކުރައްވާފައިވާ ގަހުން ފަރިއްކުޅުވުމުގެ ސަބަބުން އެ ދެކަނބަލުން ބިމަށް ފޮނުއްވާ ލެއްވިއެވެ. މި ދެކަނބަލުންނަށް ފައިބާވަޑައިގެންނެވުނީ މި ބިމުގެ ތަފާތު ދެ ހިސާބަކަށެވެ. ބުނެވޭގޮތުގައި އާދަމުގެފާނަށް ފައިބާ ވަޑައިގެންނެވުނީ އިންޑިޔާގެ ހިސާބަކަށެވެ. އަދި ޙައްވާގެފާނަށް ފައިބާ ވަޑައިގެންނެވުނީ ސަޢޫދީ ޢަރަބިއްޔާގެ ޖިއްދާއަށް ކަމަށް ބުނެވެއެވެ.

މި ދެކަނބަލުން އެއް ބޭފުޅަކު އަނެއް ބޭފުޅަކު ހޯއްދެވުމަށް ޓަކައި ކުރެއްވި ދިގު ދަތުރުފުޅު ނިމުނީ ޢަރަފާތަށެވެ. މި މުޤައްދަސް ބިމުގައި އާދަމުގެފާނާއި ޙައްވާގެފާނު ބައްދަލުވެ ވަޑައިގަތީ މައްކާ ކައިރީގައި އޮންނަ ތިރި ބިމެއްގައި ހުރި ކުޑަކުޑަ ފަރުބަދައެއް މަތީގައެވެ. އެހެންކަމުން އެ ފަރުބަދައަށް "ޢަރަފާތު" އޭ ކިޔުނުކަމަށްވެއެވެ. މީގެ އިތުރުން މި ބިމަށް ޢަރަފާތޭ ކިޔުނީ އެތާނގައި ޙައްޖުވެރީން އެއްބަޔަކު އަނެއްބަޔަކަށް ތަޢާރުފުވެގެން ދާތީއެވެ. މި މުޤައްދަސް ބިމަށް ޢަރަފާތޭ ކިޔުނީ ޙައްޖު މޫސުމުގައި الله ތަޢާލާގެ ރަޙްމަތާއި ފުއްސެވުން ޙައްޖުވެރީންގެ މައްޗަށް ބާވައިލައްވާތީއެވެ.

އަރަފާތުގައި ހުންނަ ޖަބަލު އަރަފާތު ނުވަތަ ޖަބަލުއްރަޙްމާއަކީ ކީރިތި ރަސޫލާ މުޙައްމަދު ޞައްލައްﷲ އަލައިހި ވަސައްލަމަގެ އެންމެ ފުރަތަމަ އަދި އެންމެ ފަހުގެ ޙައްޖުކަމަށްވާ ޙައްޖަތުލްވަދާޢުގައި ޚުތުބާ ދެއްވި ތަނެވެ. މިހާރު އަރަފާތު ދުވަހުގެ ޚުތުބާ އިއްވަނީ މަސްޖިދުއްނަމިރާގައި މެންދުރު ނަމާދަށްފަހުގައެވެ. މިއީ ކީރިތި ރަސޫލާ ހައްޖަތުލް ވަދާއުގައި ދެއްވި ތާރީޚީ ޚުތުބާއަށް ތަބާވެ އެކަމަށް އިޤްތިދާ ވުމުގެ ގޮތުން ދޭ ޚުތުބާއެކެވެ. މުސްލިމުން ހައްޖުގެ އަޅުކަން ކުރަމުންގެންދަނީ ހައްޖަތުލްވަދާޢުގައި އެއްލައްކަ މުސްލިމުންނާއެކު އެކަލޭގެފާނު ހައްޖުކުރެއްވި ގޮތަށެވެ.

އަރަފާތުގެ ބިމުގައި ހައްޖުވެރިން މެންދުރު ނަމާދާއި އަސްރު ނަމާދުކުރާނީ ގަސްރުކޮށް ޖަމްއުކޮށެވެ. އެއީ ކީރިތި ރަސޫލާވެސް އަރަފާތު ދުވަހު މެންދުރުނަމާދާއި އަސްރު ނަމާދު ކުރެއްވި ގޮތެވެ.

ޢަރަފާތު ދުވަހުގެ މަންޒަރަކީ ޤިޔާމަތް ދުވަހުގެ މަންޒަރު ތަޞައްވުރުކޮށްދޭ މަންޒަރެކެވެ. اللهގެ ޙަޟްރަތުގައި އެއް ހެދުމެއްގައި ބިރުވެތިކަމާއި ޚުޝޫޢަތްތެރިކަމުގައި އެކަލާނގެ ރަޙްމަތަށާއި މަޣްފިރަތަށް އެދި ދެ އަތް އުފުލައިގެން ތިބޭ މަންޒަރު ކުރަހައިލަދެނީ މަޙްޝަރު ދުވަހެވެ. ޢަރަފާތުން ފެންނާނީ ނަސްލެއް ޤައުމެއް ޤަބީލާއެއް ކުލައެއް ތަފާތު ނުވާގޮތަށް ތިބި އިންސާނުންގެ ބޮޑު ޖަމާއަތެވެ. މި ދުވަހުގައި ޙައްޖާޖީންގެ ލޯތައް ނިދިފިޔަ ޖަހައިނުލައ،ި އަރާމެއް ރާޙަތެއްނެތި اللهގެ ދަރުބާރުގައި ތިބޭނީ ދުޢާކުރުމާއި ޒިކްރުކުރުމުގެ މަތީގައެވެ.