ޚަބަރު

ޤައުމު ކުޑަނަމަވެސް ދިވެހީން ފަލަސްޠީނާއެކު ތިބިކަން ދަނީ ދުނިޔެއަށް ދައްކައިދެމުން: ފައިޞަލް


  • ފަލަސްޠީނުގެ ހައްގުގައި ދިވެހީން އަބަދުވެސް އަޑުއުފުލާ

  • ދުޢާއަކީ މުސްލިމުންގެ ހަތިޔާރު، އެހެންކަމުން ދުޢާކުރުން ގިނަކުރުމަށް އެދިވަޑައިގެންނެވި

ދިވެހި ޤައުމު ކުޑަނަމަވެސް، ފަލަސްޠީނުގެ ރައްޔިތުންގެ ހައްގުގައި ދިވެހީން އަބަދުވެސް ތިބޭނީ ސާބިތުކަމާއެކުގައިކަން މުޅި ދުނިޔެއަށް ދައްކާދެމުންދާކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމަށް ޕީއެސްއެމުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ޚާއްސަ ޓެލެތޯންގައި ފަތުރުވެރިކަމާއި ބެހޭ ވުޒާރާއާއި އެވުޒާރާގެ ދަށުން ހިންގަމުން އަންނަ ބައެއް އިދާރާތަކުގެ ފަރާތުން ފަލަސްޠީނަށް ހަދިޔާކުރާ އެހީ ޙަވާލުކުރުމަށް ޕީއެސްއެމްއަށް ވަޑައިގެން ވާހަކަފުޅުދައްކަވަމުން ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހީމް ފައިސަލް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ފެއްޓެވި މި ހަރަކާތަކީ ވަރަށް މުހިއްމު ހަރަކާތެއްކަމަށެވެ. ދިވެހީން އަބަދުވެސް ފަލަސްޠީނުގެ ރައްޔިތުންގެ ހައްގުގައި އަޑުއުފުލާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، ރާއްޖެ ކިތަންމެ ކުޑަނަމަވެސް ފަލަސްޠީނުގެ ރައްޔިތުންނަށްޓަކައި ދިވެހީން އަބަދުވެސް ދެގޮތެއްނުވެ ސާބިތުކަމާއެކު ތިބޭކަމަށެވެ.

"ވަރަށް ކުރީއްސުރެ ހަނދާންހުރޭ ފަލަސްޓީނަށްޓަކައި ދިވެހީން އަޑުއުފުލާ ހަނދާން. އެންމެ ގުޅިގެންކުރެވޭ މަސައްކަތުގައި އުއްމީދުކުރަނީ ފަލަސްޠީނުގެ މައްސަލައިގައި އަވަސް ޙައްލެއް ލިބިގެންދިޔުން." ފަތުރުވެރިކަމާ ބެހޭ ވަޒީރު ވިދާޅުވިއެވެ.

ދިވެހި ބަހާއި ޘަޤާފަތާއި ތަރިކައާއި ބެހޭ ވުޒާރާގެ ފަރާތުން ފަލަސްޠީނަށްޓަކައި ފޯރުކޮށްދޭ އެހީ ޕީއެސްއެމާއި ޙަވާލުކުރައްވާ ވާހަކަފުޅުދައްކަވަމުން ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވީ ފަލަސްޠީނު މައްސަލައަކީ އެއްގޮތަށް ވުރެ ގިނަ ގޮތްގޮތުން ދިވެހީންނާއި ގުޅިފައިވާ މައްސަލައެއްކަމަށެވެ. އަދި މިއީ ފެށުނީއްސުރެ ދިވެހީންގެ އިޙްސާސްތަކާއި ގުޅިފައިވާ މައްސަލައެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ފައިސާއަކީ މާއްދީ އެއްޗެއްކަމަށާއި މުސްލިމުންގެ ދުޢާއަކީ އެންމެ ބާރުގަދަ ހަތިޔާރުކަން ފާހަގަކުރައްވާ ދުޢާކުރުން ގިނަ ކުރެއްވުމަށް ވަޒީރުވަނީ އެދިވަޑައިގެންފައެވެ.

"އެއްކަމަކަށް، ބައެއްގެ ބިން ނުޙައްގުން ފޭރިގެންފައިވާކަން، އަނެއްކަމަކަށް، އިންސާނުންތަކަކަށް އެފަދަ ނިކަމެތި ޙާލު ޖެހިފައިވުން، އަނެއްކަމަކަށް، މުސްލިމުންނަށްވީތީ އިސްލާމީ އުއްމަތުގެ ބަޔަކަށް އެފަދަ ވޭންތަކެއް ލިބެމުންދާއިރު ދުވަހުން ދުވަހަށް މިކަން ގޯހުން ގޯހަށް ނަސްލު ނެތެމުންދާއިރު މުޅި ދުނިޔެ ކަންބޮޑުވާންޖެހޭ މައްސަލައެއް މިއީ." ވަޒީރު ވިދާޅުވިއެވެ.

ފަލަސްޠީނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އެދިވަޑައިގަތުމަށް ޕީއެސްއެމްއިން ކުރިއަށްގެންދާ މިޓެލެތޯނަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަންދަނީ ލިބެމުންނެވެ.