ޚަބަރު

ފަލަސްތީނަށް އެހީވާ އދ.ގެ ފަންޑަށް މިއަހަރު ރާއްޖެއިން ދޭ އެހީ 50000 ޑޮލަރަށް


  • ޕަލަސްޠީނަށް އެހީވާން ރާއްޖެއިން ކޮންމެ އަހަރަކު ފަންޑަށް ފައިސާ ޖަމާކުރޭ

  • ރާއްޖެއިން ފަލަސްޠީނަށް އެހީވާން މުހިންމު ސިޔާސަތުތައް ވަނީ ކަނޑައަޅާފައި

ފަލަސްޠީނަށް އެހީވުމަށް އދގެ ރިލީފް ފަންޑަށް ކޮންމެ އަހަރަކު ސަރުކާރުން ދެމުން އަންނަ ފައިސާގެ އެހީ މިއަހަރު 50 ހާސް ޑޮލަރަށް އިތުރުކުރުމަށް ނިންމާފައިވާ ކަމަށް ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ޚާރިޖީ ވަޒީރު މޫސާ ޒަމީރު މިހެން ވިދާޅުވީ ރާއްޖެއިން ފަލަސްޠީނަށް އެހީވުމަށް ކުރިއަށްގެންދާ ޓެލެތޯން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ފަލަސްޠީނަށް އެހީވުމަށް އުފައްދާފައިވާ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ޕަލަސްޓައިން ރެފިއުޖީސް "އަންރުވާ" އަކީ ޔޫއެންއިން 1948 ވަނަ އަހަރު ފާސްކުރި ޤަރާރަކުން ވުޖޫދަށް އައި ގޮތްޕެކެވެ. މި ފަންޑަށް ރާއްޖެއިން ކޮންމެ އަހަރަކު 5000 ޑޮލަރުގެ އެހީއެއް އައީ ދެމުންނެވެ.

ޚާރިޖީ ވަޒީރު ވިދާޅުވީ ޔަހޫދީ އިސްރާއީލުން ދެމުންދާ ލާއިންސާނީ ޙަމަލާތަކާއި ގުޅިގެން، މިއަހަރު ރާއްޖެއިން ދޭ އެހީ 10 ގުނަ އިތުރުކުރައްވަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމަވާފައިވާކަމަށެވެ.

"ރާއްޖެއިން ދެމުން އަންނަނީ އަހަރަކު 5000 ޑޮލަރު. އެކަމަކު 7 އޮކްޓޯބަރުން ހިންގަމުންދާ އިސްރާއީލުން ދެމުންދާ ޙަމަލާތަކާ ގުޅިގެން، މިއަހަރު ރާއްޖެއިން އެހީގެ ގޮތުގައި 50000 ޑޮލަރު ދޭން ވަނީ ނިންމާފައި. އެއީ މިހާރު ދޭ މިންވަރަށްވުރެ 10 ގުނަ އިތުރު އަދަދު." ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މި ފައިސާ ހަވާލުކުރާނީ ފިނޭންސް މިނިސްޓްރީއާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެމްއެމްއޭ މެދުވެރިކޮށް، ޚާރިޖީ ވުޒާރާގެ ބެއްލެވުމުގެ ދަށުންކަމަށެވެ. އަދި މަސައްކަތް ކުރިއަށްގެންދިއުމަށް "ކްރޯ މޯލްޑިވްސް އެލްއެލްބީ" ކިޔާ މިނިވަން އޮޑިޓަރެއް ހަމަޖައްސާފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މި ޓެލެތޯންގައި ލިބޭ ފައިސާ، ފަލަސްޠީނަށް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ އދ. އެކަމަށް ޚާއްސަ ކޮށްފައިވާ ޖަމްޢިއްޔާ މެދުވެރިކޮށް ވަރަށް ދެފުއްފެންނަ ގޮތަށްކަމަށެވެ.

ވަޒީރު ވިދާޅުވީ އަންރުވާއިން މިފައިސާ ޚަރަދުކުރާނީ، އެހީތެރިވުމަށް ކަނޑައަޅާފައިވާ ބައިނަލްއަޤްވާމީ މިންގަޑުތަކުންކަމަށެވެ. އަދި މިއީ އދ.ން ކޮންމެ އަހަރަކު އޮޑިޓްކުރާ ފަންޑެއްކަމަށްވެސް ވަޒީރު މޫސާ ޒަމީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މިމަހުގެ 2 ވަނަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ފަލަސްޠީނަށް އެހީވުމަށް މުހިންމު ސިޔާސަތުތަކެއް ކަނޑައަޅާފައިވާކަމަށެވެ.

ފަލަސްޠީނާމެދު ރާއްޖޭން ގެންގުޅޭ ސިޔާސަތު ހާމަކުރައްވާ ޚާރިޖީ ވަޒީރު ވިދާޅުވީ 1967 ވަނަ އަހަރުން ފެށިގެން އިސްރާއީލުން ހިފާފައިވާ ފަލަސްޠީނުގެ ހުރިހާ ބިންތަކުން، ޝަރުތެއް ނެތި އިސްރާއީލުން ފޭބުމާ، ފަލަސްޠީނުގެ ރައްޔިތުންގެ އަމިއްލަ އިޚްތިޔާރު އޮތުމުގެ ފުރުޞަތު ފަހިކުރުމަށް ގޮވާލާކަމަށެވެ. އަދި އދ.ގެ ސަލާމަތީ މަޖިލީހުގެ ޤަރާރު 242 އަދި 338ގެ މައްޗަށް ބިނާކޮށް އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިރަށްކަމަށް ކަނޑައެޅުމާއި އަމިއްލަ މިނިވަން އިސްތިޤްލާލެއް އޮތް ދަޢުލަތެއް ޤާއިމުކޮށް، އިސްރާއީލުން ފަލަސްޠީނުގެ ރައްޔިތުންގެ ޙައްގުތަކަށް އަރައިގަނެ، ހުއްޓުމެއްނެތި ހިންގަމުންދާ ޢަމަލުތައް ކުށްވެރިކުރާކަމަށް ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ފަލަސްޠީނުގެ ދަޢުލަތަކީ އދ.ގެ ފުރިހަމަ މެންބަރެއްގެ ގޮތުގައި ބަލައިގަތުމަށް އަރަބި ގްރޫޕްގެ ފަރާތުން އެކުވެރި އަރަބި އިމާރާތް ޔޫއޭއީން ހުށައެޅި ގަރާރު ރާއްޖޭން ކޯ ސްޕޮންސަރކޮށްފައިވާކަމަށެވެ. މި ގަރާރު 10މޭގައި އދ.ގެ އާއްމު މަޖިލީހުން ފާސްކޮށްފައިވާއިރު، އެކަމުގެ ޑްރާފްޓް ޤަރާރު އެންމެ ފުރަތަމަ ކޯ-ސްޕޮންސަރކުރި ގައުމުތަކުގެ ތެރޭގައިވެސް ރާއްޖެ ހިމެނޭކަން ފާހަގަކުރެއްވިއެވެ. އަދި މިމަހުގެ 10ވަނަ ދުވަހު އދ.ގެ ސަލާމަތީ މަޖިލީހުން ފާސްކުރި ޤަރާރު، ފަލަސްޠީނުގައި ހިންގަންމުންދާ ހަނގުރާމަ ހުއްޓާލަން ފާސްކުރި ޤަރާރަށް ރާއްޖެއިން ތާޢީދުކޮށް މަރުހަބާ ކިޔާކަމަށްވެސް ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވިއެވެ.