ޚަބަރު

ފަލަސްޠީނާއެކު ދިވެހިން ޓެލެތޯން؛ ފައިސާ ހައްގުވެރިންނަށް ފޯރުކޮށްދޭނީ ދެފުށް ފެންނަ ގޮތަށް


  • ޓެލެތޯން ކުރިއަށްދާނީ މިރޭ 12 ޖެހުމާ ހަމައަށް

  • މާލޭގެ 13 ސަރަހައްދެއްގައި ފޮށި ބަހައްޓާނެ

  • އޮންލައިންކޮށްވެސް ފައިސާ ފޮނުވޭނެ

ފަލަސްޠީނަށް އެހީވުމަށް ބާއްވާ ޚާއްސަ ޓެލެތޯނުގެ ކަންކަން ދެފުށް ފެންނަ ގޮތަށް ކުރިއަށް ގެންގޮސް މިހަރަކާތުން ލިބޭ ފައިސާ އޭގެ ހައްގުވެރިންނާ ހަމައަށް ފޯރާތޯ ޔަޤީންކުރުމަށް މިނިވަން އޮޑިޓަރެއް ހަމަޖައްސާފައިވާ ކަމަށް ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ ޒީނާ ޒާހިރު ވިދާޅުވެއްޖެއެވެ.

ޒީނާ މިހެން ވިދާޅުވީ ފަލަސްޠީނާއެކު ދިވެހިންގެ ނަމުގައި ކުރިއަށް ގެންދާ ޓެލެތޯން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ޕީއެސްއެމްގައި ބޭއްވި ރަސްމިއްޔާތެއްގައި މިޓެލެތޯން ފަށްޓަވައިދެއްވީ ރާއްޖޭގެ ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މިރަސްމިއްޔާތުގައި ސަރުކާރުގެ ވަޒީރުންނާއި، ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އެދިވަޑައިގަތުމަށް ޕަބްލިކް ސަރވިސް މީޑިއާ ޕީއެސްއެމުން ކުރިއަށް ގެންދާ ޓެލެތޯން މިރޭ 12 ޖެހުމާ ހަމައަށް ކުރިއަށްދާނެއެވެ.

މިޓެލެތޯން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ ޒީނާ ޒާހިރު ވިދާޅުވީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްދާ މިޓެލެތޯންގައި ހުރިހާ އެންމެން ބައިވެރިވުން މުހިއްމުކަމަށެވެ.
އަދި މިއީ ގިނަ ބައެއްގެ އެހީތެރިކަމާއެކު ކުރިއަށްދާ ހަރަކާތެއްކަމަށެވެ. ޒީނާ ވިދާޅުވީ މި ޓެލެތޯންގެ ފަންޑު ރައިޒިން ހަރަކާތްތައް ކުރިއަށްދާ ގޮތް އަދި ލިބޭ ފައިސާ ފަލަސްޠީނަށް އެހީވުމަށް ކުރެވޭ މަސައްކަތްތައް ބެލުމަށް މިނިވަން އޮޑިޓަރެއްގެ ގޮތުގައި ކްރޯ މޯލްޑިވްސް ހަމަޖެހިފައިވާ ކަމަށެވެ.

"ކްރޯ މޯލްޑިވްސްއިން ވެދޭ އެހީތެރިކަން ފާހަގަކުރަން، ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޮރ ޕަލަސްޓައިން ރެފިއުޖީސް، އަންރުއާ މެދުވެރިކޮށް މި ފައިސާ ފަލަސްޠީނަށް ފޯރުކޮށްދެވޭނީ، އެންމެ ފުރަތަމަ އަޅުގަނޑުމެން މި ފައިސާ ހަވާލުކުރާނީ ފޮރިން މިނިސްޓްރީއަށް، ފޮރިން މިނިސްޓްރީން އަންރުއާއާ ހަވާލުކުރާނީ،" ޒީނާ ވިދާޅުވިއެވެ.

ޒީނާ ވިދާޅުވީ މި ޓެލެތޯން މެދުވެރިކޮށް ނަމޫނާ އަދަދަކަށް ފައިސާ އެއްކުރެވޭނެ ކަމަށް އުއްމީދުކުރައްވާކަމަށެވެ.

ފަލަސްޠީނަށް އެހީވުމަށް ބާއްވާ ޚާއްސަ ޓެލެތޯނުގައި މާލެ ސަރަހައްދުގައި 13 ފަންޑު ފޮށިވަނީ ބަހައްޓާފައެވެ.

މިފަންޑު ފޮށިތަކުގެ ތެރެއިން ޓީވީއެމް ގޯތިތެރޭގައި ހުރި ފަންޑު ފޮށި ފިޔަވާ އެހެން ހުރިހާ ފޮށްޓެއް އިރުއޮއްސެންދެން ހުންނާނެއެވެ. ޓީވީއެމް ގޯތިތެރޭގައި ހުރި ފަންޑުފޮށި މިރޭ 10އެއް ޖަހަންދެން ހުޅުވިފައި ހުންނާނެއެވެ. އަދި ފަންޑު ފޮށިތަކުގެ ރައްކާތެރިކަމަށްޓަކައި ފޮށިތައް ހުންނަ ސަރަހައްދުތަކުގައި ފުލުހުންނާއި ގަރލް ގައިޑް އަދި ސްކައުޓުން ހަރަކާތްތެރިވާނެއެވެ.

ފޮށިތައް ކައިރިއަށް ނުދެވޭ ފަރާތްތަކަށްވެސް ފަސޭހައިން އޮންލައިންކޮށްވެސް ފައިސާ ޖަމާކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް 2 އެކައުންޓެއްވަނީ ހުޅުވާފައެވެ. އެގޮތުން ފައިސާ ޖަމާކުރެވޭނީ ދިވެހި ފައިސާއިންނަމަ 7730000655865 އަދި ޑޮލަރުން ނަމަ، 7730000655866 އެކައުންޓަށެވެ.

މީގެކުރިން ޓެލެތޯންތައް ބާއްވާފައިވަނީ އިންތިޒާމުކުރާ ފަރާތްތަކުން ވަކި އަދަދަކަށް ފައިސާ ނަގައިގެން ނަމަވެސް ޕީއެސްއެމުން މިކަމަށް އެއްވެސް ފައިސާއެއް ނުނަގާނެއެވެ.

މިޓެލެތޯނާ ގުޅުވައިގެން މިއަދު ހަވީރު ޓީވީއެމް ގޯތިތެރޭގައި ކުޑަކުދިންގެ ޚާއްސަ ހަރަކާތްތަކެއް ކުރިއަށްގެންދާނެއެވެ. އެގޮތުން ފޭސް ޕެއިންޓިންގ އަދި ކުރެހުމާއި ކުލަ ޖެއްސުން ފަދަ ހަރަކާތްތައް ކުރިއަށްދާނެއެވެ.