ޚަބަރު

ޗައިނީސް ޕީޕަލްސް ޕޮލިޓިކަލް ކޮންސަލްޓޭޓިވް ކޮންފަރެންސްގެ ވައިސް ޗެއަރމަން، ރާއްޖެ ވަޑައިގެންފި


  • މި ދަތުރުފުޅުގައި ރައީސުލްޖުމުހޫރިއްޔާ ޑރ. މުޢިއްޒުއާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައި

  • ބަޓީރ ގެ މި ދަތުރުފުޅަކީ މިމަހުގެ 11 އިން 13 އަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް

ޗައިނާގެ ޕީޕަލްސް ޕޮލިޓިކަލް ކޮންސަލްޓޭޓިވް ކޮންފަރެންސްގެ ވައިސް ޗެއަރމަން ރާއްޖެ ވަޑައިގަންނަވައިފިއެވެ.

ޗައިނާގެ ސިޔާސީ ލަފާދޭ އިސް މުއައްސަސާގެ ޕީޕަލްސް ޕޮލިޓިކަލް ކޮންސަލްޓޭޓިވް ކޮންފަރެންސްގެ ވައިސް ޗެއާމަން ބަޓީރ ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދަންނަވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޡިމް އާއި މަޖިލީހުގެ ބައެއް މެންބަރުންނެވެ.

ޗައިނާގެ ސިޔާސީ މަޝްވަރާ އަރުވާ މުއްސާސާގެ ފަރާތުން ބަޓީރ ކުރައްވާ މި ދަތުރުފުޅަކީ، މިމަހުގެ 11 އިން 13 އަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ ތެރެއިން ވައިސް ޗެއާމަން ބަޓީރ، ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުއާ ބައްދަލުކުރައްވާނެއެވެ.

މީގެ އިތުރުން ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޡިމް އާއި ބައްދަލު ކުރައްވާނެއެވެ.

ޗައިނާގެ ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީގެ ސެންޓްރަލް ކޮމިޓީގެ މެންބަރުކަން ވެސް ކުރައްވާ ބަޓީރ، ޗައިނާގެ ވެރިކަންކުރާ ސީސީޕީގެ ލަފާދޭ ބޯޑުގެ ވައިސް ޗެއާމަން ކަމާ ހަވާލުވީ 2018 ވަނަ އަހަރުއެވެ.