ޚަބަރު

ޣައްޒާ ޢުދުވާން ހުއްޓުވުމާ ގުޅޭ އދގެ ޤަރާރަށް ޙަމާސުން މަރުޙަބާ ކިޔައިފި


ފަލަސްޠީނުގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ހުއްޓުމަކަށް ގެނައުމަށް ގޮވައިލާ އދގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފައިވާ ޤަރާރަށް, ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން މަރުޙަބާ ކިޔައިފިއެވެ. ސަލާމަތީ މަޖިލީހުން ފާސްކޮށްފައިވާ ޤަރާރަކީ, ޣައްޒާ ޢުދުވާން ހުއްޓުމަކަށް ގެނައުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ހުށަހަޅުއްވާފައިވާ ސުލްޙައިގެ މަގުޗާޓަށް ޢަމަލު ކުރުމަށް ގޮވައިލާފައިވާ ޤަރާރެކެވެ.

މި ކަމާ ގުޅޭ ގޮތުން ޙަމާސްގެ އިސް އޮފިޝަލެއް ކަމުގައިވާ ސާމީ އަބޫ ޛުހްރީ ވިދާޅުވީ, ބައިޑަންގެ މަގުޗާޓުގައިވާ ކަންކަމުގެ ތަފްސީލުތައް ފުރިހަމަ ކުރަން ބާއްވާ މަޝްވަރާތަކުގައި ބައިވެެރިވާން އެ ޖަމާޢަތުން ތައްޔާރަށް އޮތް ކަމުގައެވެ. އަދި, މަގުޗާޓުގެ ދަށުން އެކުލަވައިލެވޭ އެއްބަސްވުމަކަށް ޔަހޫދީން އަމަލު ކުރާ ކަން އެމެރިކާއިން ކަށަވަރު ކުރުމަކީ އެމެރިކާގެ ކޮނޑުގައި އެޅިފައި އޮތް ޒިންމާއެއް ކަމުގައެވެ.

އަބޫ ޛުހްރީ ވިދާޅުވީ, ޣައްޒާގައި ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ހުއްޓުވައި, އެ ސަހަރަށް އަރައިގަނެފައިވާ ޔަހޫދީ ފައުޖުގެ އިސްތިޢުމާރީ ސިފައިން އެ ސަހަރުން ބާލައި, އަސީރުން ބަދަލު ކުރުމަށް އެ ޖަމާޢަތުން އެއްބަސްވާނެ ކަމުގައެވެ. "މިއީ, [ޔަހޫދީންގެ] އިސްތިޢުމާރީ ފައުޖުން ހިންގަމުންދާ ޢުދުވާން ހުއްޓުވަން ބާރުއެޅުމަށް އެމެރިކާއިން ވެފައިވާ ވަޢުދު ފުއްދައި, އދގެ ސަލާމަތީ މަޖިލީހުގެ ޤަރާރު ފުރިހަމައަށް ތަންފީޒު ކުރުމަށް އެމެރިކާގެ ސަރުކާރަށް ހުށަހެޅިފައިވާ ވަރުގަދަ އިމްތިހާނެއް،" އަބޫ ޛުހްރީ ވިދާޅުވިއެވެ.

ޙަމާސުން ސަލާމަތީ މަޖިލީހުގެ ޤަރާރަށް ތާޢީދުކޮށް, އެއަށް މަރުޙަބާ ކިޔުމުން އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން ވަނީ އެއީ އުންމީދީ ޖަވާބެއް ކަމުގައި ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ, ޙަމާސްގެ ވެރިން ވިދާޅުވެފައިވާ ބަސްފުޅުތައް އެމެރިކާއިން ބަލައިގަންނަ ކަމަށާއި, އެއަށް އިތުބާރު ކުރާނެ ކަމުގައެވެ.

ޢުދުވާންތަކަށް ހުއްޓުމެއް ގެނައުމަށް ފަހު ޣައްޒާގެ ކުރިމަގު ބައްޓަން ކުރާނެ ގޮތަކާ ގުޅޭ ގޮތުން ދެ ފަރާތުގެ ދެމެދުގައި ކުރިއަށް އޮތް ދުވަސްތަކުގައި މަޝްވަރާތައް ވިލަރެސް ކުރާނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. "މި ފަދަ ރޭވުންތެރި ހުށަހެޅުންތަކެއް އޮތުމަކީ ކޮންމެހެން މުހިންމު ކަމެއް،" ބްލިންކަން ވިދާޅުވިއެވެ.

ބައިޑަން ވިދާޅުވެފައި ވަނީ އޭނާގެ މަގުޗާޓުގައިވާ ކަންކަން ބަލައިގަންނާނެ ކަމުގައި ޔަހޫދީން ބުނެފައިވާ ކަމުގައެވެ. އަދި, ޙަމާސަށް މަގުޗާޓުގައިވާ ކަންކަން ހުށަހަޅާފައިވާ ކަމަށާއި, މަގުޗާޓުގެ ދަށުން އެކުލަވައިލެވޭ އެއްބަސްވުމެއް ފުރިހަމައަށް ތަންފީޒު ކުރަން އެމެރިކާއާއި ޤަޘަރުގެ އިތުރުން މިޞްރުން ގުޅިގެން މަސައްކަތް ކުރާނެ ކަމުގައެވެ. ޔަހޫދީންނާއި ޙަމާސްގެ މުޖާހިދުންނާ ދެމެދު ސުލްހައިގެ މަޝްވަރާތައް ވިލަރެސް ކުރަނީ ޤަޠަރާއި މިޞްރު ގުޅިގެންނެވެ.

ޔަހޫދީން އެއްބަސްވެފައިވާ ކަންކަމުގެ މައްޗަށް ބިނާކޮށް ހުށަހަޅާފައިވާ މަގުޗާޓަކީ ތިން މަރުޙަލާއަކަށް ބިނާ ކޮށްފައިވާ މަގުޗާޓެކެވެ. މިގޮތުން, ފުރަތަމަ މަރުޙަލާގައި ހިމެނެނީ ޣައްޒާގެ މުސްލިމުން ނެތިކޮށްލަން ޔަހޫދީ ފައުޖުން ދެމުންދާ ރަޙުމު ކުޑަ ޙަމަލާތައް ހަ ހަފުތާގެ މުއްދަތަކަށް މެދުކަނޑައިލުމެވެ. އަދި, ޣައްޒާގެ އާބާދީ ބޮޑު ސަރަޙައްދުތަކަށް އަރައިގަނެފައިވާ ޔަހޫދީ ފައުޖުގެ އިސްތިޢުމާރީ ސިފައިންގެ އެ ސަރަޙައްދުތަކުން ފޭބުމެވެ.

ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން ރަހީނު ކޮށްފައިވާ ޔަހުދީ އަސީރުންގެ ތެރެއިން ބައެއް މީހުން, މަގުޗާޓުގެ ފުރަތަމަ މަރުޙަލާގެ ދަށުން މިނިވަން ކުރެވޭނެއެވެ. އޭގެ ތެރޭގައި ހިމެނެނީ އަންހެނުންނާއި އުމުރުން ދުވަސްވީ މީހުންނެވެ. އަދި, އޭގެ ބަދަލުގައި, ޔަހޫދީ ފައުޖުން ހައްޔަރުކޮށް ޖަލަށްލާފައިވާ ފަލަސްޠީނުގެ މުސްލިމުންގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކު ދޫކޮށްލަން ޖެހޭނެއެވެ. އަދި, އެއްވެސް ހުރަހަކާ ނުލައި ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމުގެ ފުރުޞަތު ޔަހޫދީން ފަހިކޮށްދޭން ޖެހޭނެއެވެ.

މީގެ އަށް މަސް ކުރިން ޣައްޒާގައި ޔަހޫދީ ފައުޖުން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 37,124އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭއިރު, ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 84,712އަށް އުފުލިފައެވެ. އދއިން ބުނީ, ޣައްޒާގައި ހައިހޫނުގައި ޖެހިފައިވާ މީހުންގެ ޢަދަދު މިލިޔަނަކަށް އުފުލިފައިވާ ކަމުގައެވެ.