ޚަބަރު

ބައިޑަންގެ ސުލްޙައިގެ މަގުޗާޓަށް އދގެ ސަލާމަތީ މަޖިލީހުން ރުހުންދީފި


ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ނިމުމަކަށް ގެނައުމާ ގުޅޭ ގޮތުން އެމެރިކާގެ ރައީސް ޖޯ ބައިޑަން ހުށަހަޅުއްވާފައިވާ ސުލްޙައިގެ މަގުޗާޓަށް އދގެ ސަލާމަތީ މަޖިލީހުން ރުހުން ދީފިއެވެ. 15 މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ސަލާމަތީ މަޖިލީހުގައި އެމެރިކާއިން ހުށަހެޅި ޤަރާރު ފާސްވީ 14 މެންބަރުންގެ ތާޢީދާއެކުގައެވެ.

މޭ 31ވަނަ ދުވަހު ބައިޑަން އިޢުލާނު ކުރެއްވި މަގުޗާޓަށް އަމަލު ކުރުމަށް ޔަހޫދީންނާއި, ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ މައްޗަށް ބާރުއެޅުމުގެ ގޮތުން ސަލާމަތީ މަޖިލީހުން ފާސްކުރި ޤަރާރުގެ ވޯޓުގައި ބައިވެރިވެފައި ނުވަނީ ރަޝިޔާއިންނެވެ. ވޯޓުގައި ރަޝިޔާއިން ބައިވެރިވެފައި ނުވާ ސަބަބަކީ ބައިޑަންގެ މަގުޗާޓު ފުރިހަމަ ނުވުމެވެ. އަދި, ރަޝިޔާގެ ސަފީރު ވަސީލީ ނިބިންޒިޔާ ވަނީ ޒަޔަނިސްޓު އިސްރާއީލުން އެއްބަސްވެފައި ވަނީ ކޮން ކަންކަމަކަށް ކަމާ މެދު ސުވާލު އުފައްދަވާފައެވެ. އަދި, ސަލާމަތީ މަޖިލީހުން މިފަދަ "ވާނުވާ ސާފު ނޫން" އެއްބަސްވުންތަކުގައި ސޮއިކޮށްގެން ނުވާނެ ކަމުގައި އޭނާ ވިދާޅުވިއެވެ.

"މިއަދު އަޅުގަނޑުމެން ވޯޓުލާފައި މި ވަނީ ސުލްޙައަށް،" އެމެރިކާގެ ޤަރާރު ފާސްވުމާ ގުޅިގެން އެ ޤައުމުން އދއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ލިންޑާ ތޮމަސް-ގްރީންފީލްޑް ވިދާޅުވިއެވެ. ޣައްޒާ ޢުދުވާން ހުއްޓުމަކަށް ގެނައުމަށް މީގެ ކުރިން އދގެ ސަލާމަތީ މަޖިލީހަށް ހުށަހަޅާފައިވާ ޤަރާރުތަކަށް އެމެރިކާއިން ވަނީ އެކި ގޮތްގޮތުން ހުރަސް އަޅާފައެވެ. ބައެއް ޤަރާރުތައް ވީޓޯގެ ބާރު ބޭނުންކޮށް ފޭލުކޮށްލާފައި ވެސް ވެއެވެ.

ސަލާމަތީ މަޖިލީހުގައި ޢަރަބި ޤައުމުތަކަށް ތަމްސީލު ކުރާ ހަމައެކަނި ޤައުމު, އަލްޖީރިޔާއިން ވަނީ ބައިޑަންގެ ޤަރާރު ފާސްވުމުން އެ ކަމަށް މަރުޙަބާ ކިޔާފައެވެ. "އަޅުގަނޑުމެން ގަބޫލު ކުރާ ގޮތުގައި މިއީ ދެމެހެއްޓެނިވި ގޮތެއްގައި [ޔަހޫދީންގެ] ޢުދުވާން ހުއްޓުމަކަށް ގެނައުމަށް ކުރިއަށް އެޅުނު ހަރުދަނާ ފިޔަވަޅެއް. މިއާ އެކު, ފަލަސްޠީނުގެ ރައްޔިތުންނަށް މި ވަނީ އުންމީދު އައުވެފައި،" އަލްޖީރިޔާގެ ސަފީރު ޢައްމާރް ބިނިޖާމިޢީ ވިދާޅުވިއެވެ.

ބައިޑަންގެ މަގުޗާޓުގައިވާ ކަންކަން އެއްވެސް ޝަރުޠަކާ ނުލައި ބަލައިގަތުމަށް, ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތަށް އެމެރިކާގެ ޤަރާރުގައި ގޮވައިލާފައިވެއެވެ. އަދި, މަގުޗާޓުގެ ދަށުން އެކުލަވައިލެވޭ އެއްބަސްވުމަކަށް ޙަމާސާއި ޔަހޫދީން ފުރިހަމައަށް އިޙުތިރާމު ކުރަން ޖެހޭނެ ކަމުގައި ވެސް ޤަރާރުގައި ބުނެފައިވެއެވެ. ބައިޑަންގެ މަގުޗާޓުގެ މަޤުޞަދެއްގެ ގޮތުގައި ބުނެފައި ވަނީ, ޣައްޒާގައި ޔަހޫދީ ފައުޖުން ހިންގަމުންދާ ޢުދުވާނާއި, ޔަހޫދީންނާއި ޙަމާސްގެ މުޖާހިދުންނާ ދެމެދު ބަދަލު ކުރަމުންދާ ޙަމަލާތައް ދެމެހެއްޓެނިވި ގޮތެއްގައި ހުއްޓުވުމެވެ.

ބައިޑަން ވިދާޅުވީ އޭނާގެ މަގުޗާޓުގައިވާ ކަންކަން ބަލައިގަންނާނެ ކަމުގައި ޔަހޫދީން ބުނެފައިވާ ކަމުގައެވެ. އަދި, ޙަމާސަށް މަގުޗާޓުގައިވާ ކަންކަން ހުށަހަޅާފައިވާ ކަމަށާއި, މަގުޗާޓުގެ ދަށުން އެކުލަވައިލެވޭ އެއްބަސްވުމެއް ފުރިހަމައަށް ތަންފީޒު ކުރަން އެމެރިކާއާއި ޤަޘަރުގެ އިތުރުން މިޞްރުން ގުޅިގެން މަސައްކަތް ކުރާނެ ކަމުގައެވެ. ޔަހޫދީންނާއި ޙަމާސްގެ މުޖާހިދުންނާ ދެމެދު ސުލްހައިގެ މަޝްވަރާތައް ވިލަރެސް ކުރަނީ ޤަޠަރާއި މިޞްރު ގުޅިގެންނެވެ.

ޔަހޫދީން އެއްބަސްވެފައިވާ ކަންކަމުގެ މައްޗަށް ބިނާކޮށް ހުށަހަޅާފައިވާ މަގުޗާޓަކީ ތިން މަރުޙަލާއަކަށް ބިނާ ކޮށްފައިވާ މަގުޗާޓެކެވެ. މިގޮތުން, ފުރަތަމަ މަރުޙަލާގައި ހިމެނެނީ ޣައްޒާގެ މުސްލިމުން ނެތިކޮށްލަން ޔަހޫދީ ފައުޖުން ދެމުންދާ ރަޙުމު ކުޑަ ޙަމަލާތައް ހަ ހަފުތާގެ މުއްދަތަކަށް މެދުކަނޑައިލުމެވެ. އަދި, ޣައްޒާގެ އާބާދީ ބޮޑު ސަރަޙައްދުތަކަށް އަރައިގަނެފައިވާ ޔަހޫދީ ފައުޖުގެ އިސްތިޢުމާރީ ސިފައިންގެ އެ ސަރަޙައްދުތަކުން ފޭބުމެވެ.

ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން ރަހީނު ކޮށްފައިވާ ޔަހުދީ އަސީރުންގެ ތެރެއިން ބައެއް މީހުން, މަގުޗާޓުގެ ފުރަތަމަ މަރުޙަލާގެ ދަށުން މިނިވަން ކުރެވޭނެއެވެ. އޭގެ ތެރޭގައި ހިމެނެނީ އަންހެނުންނާއި އުމުރުން ދުވަސްވީ މީހުންނެވެ. އަދި, އޭގެ ބަދަލުގައި, ޔަހޫދީ ފައުޖުން ހައްޔަރުކޮށް ޖަލަށްލާފައިވާ ފަލަސްޠީނުގެ މުސްލިމުންގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކު ދޫކޮށްލަން ޖެހޭނެއެވެ. އަދި, އެއްވެސް ހުރަހަކާ ނުލައި ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމުގެ ފުރުޞަތު ޔަހޫދީން ފަހިކޮށްދޭން ޖެހޭނެއެވެ.

މީގެ އަށް މަސް ކުރިން ޣައްޒާގައި ޔަހޫދީ ފައުޖުން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 37,124އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭއިރު, ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 84,712އަށް އުފުލިފައެވެ. އދއިން ބުނީ, ޣައްޒާގައި ހައިހޫނުގައި ޖެހިފައިވާ މީހުންގެ ޢަދަދު މިލިޔަނަކަށް އުފުލިފައިވާ ކަމުގައެވެ.