ޚަބަރު

ފަލަސްޠީނާއެކު ދިވެހިން ޓެލެތޯން: މާލެ ސަރަހައްދުގައި އެކަނިވެސް 13 ފަންޑު ފޮށި


  • ޓެލެތޯން ކުރިއަށްދާނީ މާދަމާ ހެނދުނު 8އިން ރޭގަނޑު 12އަށް

  • ފައިސާ ޖަމާކުރަން ބޭނުންވާ ފަރާތްތަކަށް ޚާއްސަކޮށް 2 އެކައުންޓެއްވަނީ ހުޅުވާފައި

  • ބޭރުތެރޭގައި ފަންޑު ފޮށި ބަހައްޓާފައި ހުންނާނީ އިރުއޮއްސެންދެން

ފަލަސްޠީނަށް އެހީވުމަށް ޕީއެސްއެމުން އިންތިޒާމްކޮށްގެން "ފަލަސްޠީނާއެކު ދިވެހިން"ގެ ނަމުގައި ކުރިއަށްގެންދާ ޚާއްސަ ޓެލެތޯނުގައި މާލެ ސަރަހައްދުގައި އެކަނިވެސް 13 ފަންޑު ފޮށި ބަހައްޓަން ނިންމައިފިއެވެ.

މިޓެލެތޯން ކުރިއަށް ގެންދާނީ މާދަމާ ހެނދުނު 8 އިން ދަންވަރު 12 އަށެވެ. މި ޓެލެތޯން ފައްޓަވައިދެއްވާނީ ރާއްޖޭގެ ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

މިޓެލެތޯންގެ އެންމެފަހުގެ ތައްޔާރީތައް ޓީވީއެމްގެ ހެނދުނު ހެނދުނާ ޕްރޮގްރާމުގައި ހިއްސާކުރައްވަމުން ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ ޒީނާ ޒާހިރު ވިދާޅުވީ ފަންޑު ފޮށިތައް ބެހެއްޓުމުގައި އާއްމުކޮށް މީހުން ޖަމާވާ ހިސާބުތަަކަށް އިސްކަންދެއްވާފައިވާ ކަމަށެވެ.

"ހުޅުމާލެ ފޭސް 2 ހިޔާ ޓަވަރު ސަރަހައްދު، ހުޅުމާލެ ހޮސްޕިޓަލް، ވެލާނާ ބިލްޑިންގ ސަރަހައްދު، އެސްޓީއޯ ބިލްޑިންގ ސަރަހައްދު، އެމްޕީއެލް، ސްޓެލްކޯ، ފެރީ ޓަރމިނަލްތައް، އެސްޓީއޯ ސުޕަރމާކެޓު ކައިރީ ބަހައްޓާނެ، އަދި ޓީވީއެމް ގޯތިތެރޭގައި ބަހައްޓާނެ، މިނޫން ސަަރަހައްދުތަކުގައިވެސް ހުންނާނެ،" ޒީނާ ވިދާޅުވިއެވެ.

މިފަންޑު ފޮށިތަކުގެ ތެރެއިން ޓީވީއެމް ގޯތިތެރޭގައި ބަހައްޓާ ފަންޑު ފޮށި ފިޔަވާ އެހެން ހުރިހާ ފޮށްޓެއް އިރުއޮއްސެންދެން ހުންނާނެއެވެ. ޓީވީއެމް ގޯތިތެރޭގައި ބަހައްޓާ ފަންޑުފޮށި މާދަމާ ރޭ 10އެއް ޖަހަންދެން ހުޅުވިފައި ހުންނާނެއެވެ. އަދި ފަންޑު ފޮށިތަކުގެ ރައްކާތެރިކަމަށްޓަކައި ފޮށިތައް ބަހައްޓާ ސަރަހައްދުތަކުގައި ފުލުހުންނާއި ގަރލް ގައިޑް އަދި ސްކައުޓުން ހަރަކާތްތެރިވާނެއެވެ.

ފަންޑު ފޮށިތައް ކައިރިއަށް ނުދެވޭ ފަރާތްތަކަށްވެސް އެހީތެރިކަން ފޯރުކޮށްދިނުމަށް ފަސޭހަކޮށްދިނުމުގެ ގޮތުން އޮންލައިންކޮށް ފައިސާ ޖަމާކުރެވޭނެ އިންތިޒާމްވެސްވަނީ ހަމަޖައްސާފައެވެ. އެގޮތުން މިކަމަށް ޚާއްސަ 2 އެކައުންޓެއް މިހާރު ހުޅުވާފައިވާކަން ޒީނާ ފާހަގަކުރެއްވިއެވެ. އަދި މިއެކައުންޓުތަކުގެ ނަމްބަރު ޓެލެތޯން ފެށުމާއެކު ހިއްސާކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ޕީއެސްއެމްގެ މޭނެޖިނގ ޑިރެކްޓަރ ވިދާޅުވީ މާދަމާ ހަވީރު ޓީވީއެމް ގޯތިތެރޭގައި ކުޑަކުދިންގެ ޚާއްސަ ހަރަކާތްތަކެއް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާކަމަށެވެ. އެގޮތުން ފޭސް ޕެއިންޓިންގ، ކުރެހުމާއި ކުލަ ޖެއްސުން ފަދަ ހަރަކާތްތައް ކުރިއަށްދާނެ ކަމަށް ޒީނާ ވިދާޅުވިއެވެ.

ޒީނާ ވިދާޅުވީ މީގެކުރިން ޓެލެތޯންތަކުގައި އިންތިޒާމްކުރާ ފަރާތުން އެކަމަށް ޚަރަދެއް ނެގިނަމަވެސް މިޓެލެތޯންގައި ޕީއެސްއެމުން މިކަމަށް އެއްވެސް ފައިސާއެއް ނުނަގާނެ ކަމަށެވެ. އަދި މި މަސައްކަތް ވީހާވެސް ދެފުށް ފެންނަ ގޮތަކަށް ކުރިއަށް ގެންދިޔުމަށް އިންޑިޕެންޑެންޓް އޮޑިޓަރެއް ހޯދުމުގެ މަސައްކަތް ކުރައްވަމުންދާކަމަށް ވިދާޅުވިއެވެ. އަދި މިއީ ހިލޭ ސާބަހަށް ކުރާ މަސައްކަތަކަށްވާތީ އޮޑިޓަރ ހޯދުމުގެ މަސައްކަތްވެސް ކުރިއަށް ގެންދާނީ ސީއެސްއާރްގެ ދަށުންކަމަށް ޒީނާ ވިދާޅުވިއެވެ.

ޒީނާ ވިދާޅުވީ މި ޓެލެތޯނުން އެއްކުރެވޭ ފައިސާ ފަލަސްޠީނުގެ ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތްކުރާނީ ރާއްޖޭގެ ޚާރިޖީ ވުޒާރާ މެދުވެރިކޮށްކަމަށެވެ. އެގޮތުން މިހާރު އދގެ އިދާރާއެއް މެދުވެރިކޮށް އެފައިސާ ޚަރަދުކުރުމަށް ހަމަޖެހިފައިވާކަމަށް ވިދާޅުވިއެވެ.

"ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޮރ ޕަލަސްޓައިން ރެފިއުޖީސް، މި އިދާރާއަކީ އދ. ގެ އާއްމު މަޖިލީހުން ފާސްކުރި ގަރާރެއްގެ ދަށުން ވުޖޫދަށް ގެނެސްފައިވާ އިދާރާއެއް، މިއިދާރާ މެދުވެރިކޮށް ފަލަސްޠީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެވޭނީ،" ޒީނާ ވިދާޅުވިއެވެ.

މި ޓެލެތޯންގައި ބައިވެރިވާން ބޭނުންވާ ހުރިހާ ފަރާތްތަކަށްވެސް އެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.