ޚަބަރު

އިމާމުވެ ހުކުރުނަމާދާއި ޢީދުނަމާދާއި ކޭތަނަމާދު ކުރުމަށް ހުއްދަ ދިނުމުގެ އުސޫލެއް


  • އިމާމުންނާއި ގުޅޭ ގިނަ ކަންތައްތަކެއް މި އުސޫލުގައިވޭ

ދިވެހިރާއްޖޭގައި އިމާމުވެ ހުކުރުނަމާދާއި ޢީދުނަމާދާއި ކޭތަނަމާދު ކުރުމަށް ހުއްދަ ދިނުމުގެ އުސޫލެއް އެކުލަވާލައި، ގެޒެޓްކޮށްފިއެވެ.

މިއ،ީ ދިވެހިރާއްޖޭގެ އެއްވެސް ތަނެއްގައި އިމާމުވެ ހުކުރުނަމާދާއި ޢީދުނަމާދާއ،ި ކޭތަނަމާދު ކުރުމަށް ބޭނުންވާ އިންތިޒާމުތައް ހަމަޖެއްސުމާއ،ި އެ އިންތިޒާމުތައް ހަމަޖެހިފައިވާކަން ކަށަވަރުކުރުމާއ،ި ޚަޠީބުކަމުގެ ހުއްދަ ދޫކުރުމުގައި ޢަމަލުކުރާނެ ގޮތްތަކާއި، ޚަޠީބުކަމުގެ ހުއްދަ ދީފައިވާ ފަރާތްތައް ހިފަހައްޓަންޖެހޭ ފަންނީ ހަމަތަކާއ،ި އިޖުތިމާޢީ ސުލޫކު ބަޔާންކުރުމަށްޓަކައި އެކުލަވާލާފައިވާ އުސޫލެކެވެ.

މި އުސޫލުގެ މަގުސަދުތަކުގެ ތެރޭގައި ތަޖުވީދުގެ ހަމަތަކާއެކު ރީތިކޮށް ޤުރްއާން ކިޔަވާ ނަމާދުގެ ފިޤުހަށް އަހުލުވެރި ޒުވާނުންނަށް އިމާމުވެ ހުކުރުނަމާދާއި ޢީދުނަމާދާއި ކޭތަނަމާދު ކުރުމުގެ ފުރުޞަތު ފަހިކޮށްދިނުން ހިމެނެއެވެ. މީގެއިތުރުން އަތޮޅުތަކުގައި އިމާމުންނާއި ޚަޠީބުން ލިބުމުގެ ދަތިކަމަށް ޙައްލެއް ގެނައުމަށް ޓަކައި އިމާމުންނާއި ޚަޠީބުންގެ ޒުވާން ޖީލެއް އުފެއްދުމަކީވެސް މި އުސޫލު އެކުލަވާލުމުގެ މަޤްސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މީގެ އިތުރުން ގައުމީ ވަޙްދަތާއި ރިވެތި އަޚްލާޤީ ސިފަތައް ހިފަހައްޓާ މުޖުތަމަޢު ބަލައިގަންނަ އާންމުން އިތުބާރުކުރާ ބަޔަކަށް ޚަޠީބުން ހެދުމަކީވެސް އުސޫލުގެ މަޤްސަދެކެވެ.

އުސޫލުގައިވާ ގޮތުން ރާއްޖޭގެ އެއްވެސް ތަނެއްގައި އިމާމުވެ ހުކުރުނަމާދާއި ޢީދުނަމާދާއި ކޭތަނަމާދު ކުރެވޭނ،ީ މި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހަމައެކަނި މިނިސްޓްރީން އެކަމުގެ ހުއްދަ ދީފައިވާ މީހުންނަށެވެ. އަދި އިމާމުވެ ނަމާދުކުރަން އަލަށް ހުށަހަޅާއިރު ސާނަވީ އިމްތިޙާނަކުން ނުވަތަ އެއަށްވުރެ މަތީ އިމްތިޙާނަކުން އިސްލާމާއި ދިވެހި މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން ނުވަތަ އިމާމުކަމުގެ ދާއިރާއިން ދަށްވެގެން އެމްއެންކިއުއެފް ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވާން ޖެހެއެވެ. މީގެ އިތުރުން މިއުސޫލުގައި ހުއްދަ ދެވޭ ފަރާތުގައި ހުންނަންޖެހޭ އެހެނިހެން ޝަރުޠައްވެސް ބަޔާން ކޮށްފައިވެއެވެ.

ހުއްދައަށް އެދި އެޕްލިކޭޝަން ފޯމު ހުށަހެޅުމަށް މިނިސްޓްރީގެެ ވެބްސައިޓުން ފޯމު ޑައުންލޯޑު ކުރެވޭނެކަމަށާއި އަދި މާލޭގައި ދިރިއުޅޭ ފަރާތްތަކުން އެޕްލިކޭޝަން ފޯމު ހުށަހަޅާންޖެހެނީ މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީގެ އީމެއިލް މެދުވެރިކޮށްކަމަށްވެސް އުސޫލުގައިވެއެވެ.

މާލެ ފިޔަވައި އެހެން ސިޓީތަކުގައި އުޅޭ ފަރާތްތަކުން ފޯމު ހުށަހަޅާނީ އެ މީހަކު ދިރިއުޅޭ ސިޓީއެއްގެ ސިޓީ ކައުންސިލް މެދުވެރިކޮށެވެ. ރަށްރަށުގައި ނަމަ ހުށަހަޅާން ޖެހެނީއެ ރަށެއްގެ ރަށު ކައުންސިލް މެދުވެރިކޮށެވެ. މީގެ އިތުރުން ހުއްދައަށް އެދި އެޕްލިކޭޝަން ފޯމާއިއެކު ހުށަހަޅަން ޖެހޭ ލިޔެކިޔުންތަކުގެ ތަފްސީލުވެސް މި އުސޫލުގައި ތަފްސީލް ކޮށްފައިވެއެވެ.

އުސޫލުގައިވާ ގޮތުން ހުއްދައަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކުގެ ކިބައިގައ،ި އިމާމުވެ ހުކުރުނަމާދާއި ޢީދުނަމާދާއި ކޭތަނަމާދު ކުރުމުގެ ފެންވަރު ހުރިތޯ ބެލުމަށްޓަކައި އިމްތިޙާނެއް ދެވޭނެއެވެ.

މި އުސޫލުގެ ދަށުން ހުއްދަ ދޫކުރެވިފައިވާ ފަރާތްތަކަށް މިނިސްޓްރީން ދޫކުރާ ހުއްދައާ އެއްގޮތަށް ޢަމަލުނުކޮށް ނުވަތަ މިނިސްޓްރީއާއެކު ސޮއިކޮށްފައިވާ އެއްބަސްވުމާއި ޚިލާފުވާ ނުވަތަ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތާ ޚިލާފުވެއްޖެނަމަ ފިޔަވަޅު އެޅުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.