ޚަބަރު

ކުލަގަދަ ހަރަކާތްތަކާއެކު މުޅި ރާއްޖޭގައި ޢީދު ފާހަގަކުރަނީ


  • ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރާނެ

  • ބޮޑު ހުޅު އަދި ސަޤާފީ ޢީދު ކުޅިވަރުތައް މާލޭގައިވެސް އޮންނާނެ

  • އަތޮޅުތަކުގެ 3 ރަށެއްގައި ޤައުމީ ފެންވަރުގައި ޢީދު ފާހަގަކުރޭ

މިއަހަރު ޢީދު ފާހަގަކުރުމަށް މާލެއާއި އަތޮޅުތަކުގައި ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ރާވައިފިއެވެ. މިފަހަރުވެސް "ޢީދު އަލި" ހަރަކާތާއި އަދި ސަޤާފީ ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދާނެއެވެ.

ކޮންމެ އަހަރެއްގެވެސް ޢީދު ނަމާދު ކުރުން އޮންނަނީ ބޮޑު ޖަމާޢަތުގައެވެ. މިފަހަރުގެ ޢީދުގައިވެސް މާލެއާއި އަތޮޅުތަކުގެ ގިނަ ރަށްތަކުގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރުން އޮންނާނެއެވެ. ޢީދު ނަމާދު ކުރާނީ ހެނދުނު 07:00ގައެވެ.

ޢީދު ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް މާލޭގައި ކުރިއަށްގެންދިއުމަށް ސިޓީ ކައުންސިލާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ދަނީ ތައްޔާރުވަމުންނެވެ. މާލޭގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި ޢީދު ސައި، ސަޤާފީ ހަވީރު އަދި ޢީދު ޝޯވ ބާއްވާނެ ކަމަށް ސިޓީ ކައުންސިލުން މަޢުލޫމާތުދެއެވެ.

ގިނަ ހަރަކާތްތަކެއް މާލެ ސަރަޙައްދުގައި ކުރިއަށްދާނީ ހުޅުމާލޭގައެވެ. އެޗްޑީސީއާއި ދިރާގު ގުޅިގެން، 3 ދުވަހަށް ބަހާލައިގެން ގިނަ ހަރަކާތްތަކެއް ވަނީ ރާވާފައެވެ.

އެގޮތުން ޢީދު ވިލޭރޭ ހުޅުމާލޭގައި ވެދުމާ ދިއުން އަދި ޢީދު ބޮޑު ހުޅު އޮންނާނެއެވެ. ބޮޑު ހުޅު އޮންނާނީ ހުޅުމާލެ ޗެނަލް ބީޗު ސަރަޙައްދުގައި އެރޭ 21:00ގައެވެ.

16ވަނަ ދުވަހު ޢީދު ނަމާދަށްފަހު ހުޅުމާލެ ސިންތެޓިކް ޓްރެކްގައި "ދިރާގު ޢީދު ބޮނޑިބަތް" ހަރަކާތް އޮންނާނެއެވެ. އެދުވަހު ހަވީރު ކުޑަކުދިންގެ ހަވީރާއި، މާލި ޕެރޭޑު އަދި ރޭގަނޑު ބޮޑު މަސް ބޭނުމާ ހަވާ އެރުވުންވެސް އޮންނާނެއެވެ. ހަވާ އެރުވުން އޮންނާނީ އެރޭ 21:00ގައި ސެންޓްރަލް ޕާކުގައެވެ.

17ވަނަ ދުވަހުގެ ހަވީރު ކޯޑި ކެނޑުމާ ކުޑަކުދިންގެ ހަވީރު އަދި ރޭގަނޑު "ދިރާގު ޢީދު ޝޯވ" އޮންނާނެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެޗްޑީސީގެ އެސިސްޓެންޓް މެނޭޖަރ، ޕަބްލިކް ރިލޭޝަން މުޙައްމަދު ސިރާޖު ވިދާޅުވީ ޢީދުގެ ހަރަކާތްތައް ރޭވުމުގައި މުޖުތަމަޢުގެ ހުރިހާ އުމުރުފުރައެއްގެ މީހުންނަށްވެސް ބައިވެރިވޭގޮތަށް ހަރަކާތްތައް ކުރިއަށްގެންދިއުމަށް ޚާއްސަ އިސްކަމެއް ދީފައިވާނެކަމަށެވެ. އަދި މިފަހަރުގެ ޢީދު ކުޅިވަރުތަކުގައި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ބޭނުންކުރާ ސަޤާފަތްތައް ދައްކުވައިދޭގޮތަށް މާލޭގެ ހަރަކާތްތައް ކުރިއަށްދާނެކަމަށް އޭނާ ވިދާޅުވިއެވެ.

"ބަލާފައިވާނެ ރާއްޖޭގެ އެކި ހިސާބުތަކުގައި ޢީދުގެ ސަޤާފީ ކުޅިވަރުތަކަށް. ގިނަ ހިސާބުތަކުގައި ކުޅިވަރުތައް ގެންދާގޮތަށް މިފަހަރު ހުޅުމާލޭގައިވެސް މި ކުޅިވަރުތައް ކުރިއަށްދާނެ. އިންތިޒާމްތައްވެސް ހަމަޖައްސާފައިވާނީ ވީހާވެސް ގިނަ މީހުންނަށް ބައިވެރިވެވޭގޮތަށް." އެޗްޑީސީގެ އެސިސްޓަންޓް މެނޭޖަރ، ޕަބްލިކް ރިލޭޝަން މުޙައްމަދު ސިރާޖު ވިދާޅުވިއެވެ.

ފިޠުރު ޢީދެކޭ އެއްގޮތަށް ރާއްޖޭގެ ހުރިހާ ސަރަޙައްދުތައް ދިއްލާލުން، މިޢީދުގައިވެސް ކުރިއަށްދާނެއެވެ. އެގޮތުން މާލޭ ހުޅުމާލެ، ވިލިމާލެ އަދި އަތޮޅުތަކުގައި ވެރިކަން ކުރާ ހުރިހާ ރަށްތައް ދިއްލާލުމަށް ވަނީ ހަމަޖެހިފައެވެ.

އިހުގެ ކުޅިވަރުތަކާއެކު ޤައުމީ ފެންވަރުގައި އަޟްހާ ޢީދު ފާހަގަކުރުމަށް 3 ރަށްވެސް ވަނީ ކަނޑައަޅާފައެވެ. އެ 3 ރަށަކީ ރާއްޖޭގެ އުތުރުން މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރާއި މެދުތެރޭ އަތޮޅުތަކުން ނިލަންދެ އަތޮޅު ދެކުނުބުރީ ކުޑަހުވަދޫއާއި ދެކުނުން ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިއްޔެވެ.