ޚަބަރު

މީޑިއާތަކަށް ބަޖެޓު ދިނުމުގެ އުސޫލު އެކުލަވާލުމުގެ މަސައްކަތް ފަށައިފި


  • މީޑިއާތައް ހިންގުމަށް ދައުލަތުގެ ބަޖެޓުން އެހީތެރިކަން ދިނުމަކީ ރައީސުލްޖުމްޙޫރިއްޔާގެ ރިޔާސީ ވައުދެއް

މީޑީއާތައް ހިންގުމަށް ދައުލަތުގެ ބަޖެޓުން އެހީތެރިކަން ދިނުމަށް އުސޫލުތަކެއް ކަނޑައެޅުމުގެ މަސައްކަތް ފަށައިފިއެވެ.

މީޑިއާތައް ހިންގުމަށް ދައުލަތުގެ ބަޖެޓުން އެހީތެރިކަން ދިނުމަކީ ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާބެހޭ ވުޒާރާއިން، ވިދާޅުވީ މީޑިއާތައް ހިންގުމަށް ދައުލަތުގެ ބަޖެޓުން އެހީތެރިކަން ދިނުމަށްޓަކައި މީޑިއާތަކުގެ އެޑިޓަރުންނާއެކު ބައްދަލުވުމެއް ބާއްވާފައިވާކަމަށެވެ.

ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާއި ބެހޭ ވަޒީރު އިބްރާހީމް ވަހީދު ވިދާޅުވީ، މީޑިއާތަކަށް ފައިސާ ދިނުމުގެ އުސޫލުތަކާއި ހަމަތައް ކަނޑައެޅުމަށްޓަކާ އެންމެ ފުރަތަމަ ރާއްޖޭގެ އެންމެ ސީނިއަރ އެޑިޓަރުންނާއެކު މަޝްވަރާކުރުމަކީ މުހިންމުކަމެއްކަމަށް ދެކިވަޑައިގަންނަވާކަމަާއި، އެގޮތުން އޮންލައިން އަދި ޕްރިންޓް މީޑިއާތަކުގެ އިސްވެރިންނާއެކު އެވުޒާރާއިން ވަނީ ބައްދަލުވުމެއް ބާއްވާފައިވާކަމަށެވެ. އަދި އޭގެ އިތުރުން ޓީވީ ސްޓޭޝަންތަކުގެ އިސްވެރިންނާއެކުވެސް މަޝްވަރާކުރައްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މިޑިއާތަކަށް ބަޖެޓު ދިނުމަށް ސަރުކާރުން ކަނޑައެޅުއްވި ސިޔާސަތުގެ ބޭނުމަކީ އަމިއްލަ ފައިމައްޗަށް ތެދުވެ، މިނިވަންކަމާއެކު މަސައްކަތްކުރާ މީޑިއާއެއް އޮތް ޤައުމަކަށް ހެދުންކަމަށެވެ.

" މީގެ އެންމެ ބޮޑު ބޭނުމަކީ، ރާއްޖޭގެ ނޫސްވެރިކަމަކީ އަބުރުވެރި މަސައްކަތެއްގެގޮތުގަ، ސަލާންޖަހަން ނުޖެހި، ވަކި ބައެއްގެ މުށުތެރޭގަ އޮތްއޮތުންނިމުމަކަށް ގެނެސް، އަމިއްލަ ފައިމައްޗަށްތެދުވެ، މިނިވަން ނޫސްވެރިކަމެއް އޮންނަ ގައުމެއްގެ ގޮތުގަ އޮތުން، މިމަސައްކަތް ކުރުމަށްޓަކާ ފަށާ ސިލްސިލާ މަސައްކަތެއްގެ ފެށުން މިއީ" ވަޒީރު އިބްރާހީމް ވަހީދު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މަޖިލީހުން އަންނަ އަހަރުގެ ބަޖެޓް އެކުލަވާލައިރު މީޑިއާތަކަށް ދޭނެ ފައިސާ ހިމަނާނެކަމަށެވެ.

މީޑިއާތައް ހިންގަން ދައުލަތުގެ ބަޖެޓުން ފައިސާ ކަނޑައެޅުމުގެ އިތުރުން މީޑިއާތައް ހިންގުމަށް ރަނގަޅު މާހައުލެއް ގާއިމް ކުރުމަށް، މީޑިއާ ވިލެޖެއް ގާއިމްކުރުމުގެ މަސައްކަތްވެސް ސަރުކާރުން ވަނީ ފައްޓަވާފައެވެ.