ކުޅިވަރު

މޯލްޑިވްސް ޕްރޯ 2024 ރަސްމީކޮށް ލޯންޗުކޮށްފި


އިންޓަރނޭޝަނަލް ބޮޑީބޯޑިން ކޯޕަރޭޝަން (އައިބީސީ) ބޮޑީބޯޑިން ވޯލްޑް ޓުއާގައި ހިމެނޭ "މޯލްޑިވްސް ޕްރޯ" ރަސްމީކޮށް ލޯންޗުކޮށް، މުބާރާތުގެ ރަސްމީ ޕޯސްޓަރު ދައްކާލައިފިއެވެ.

މި އަހަރުގެ އޮގަސްޓު މަހު ބޭއްވުމަށް ތާވަލުކޮށްފައިވާ ބޮޑީބޯޑިންގެ އެންމެ މަތީ ފަންތީގެ މުބާރާތްތަކުގެ މައްޗަށް އެކުލަވާލާފައިވާ ވޯލްޑް ޓުއާގައި ހިމެނޭ "މޯލްޑިވްސް ޕްރޯ" އޮންނާނީ އޮގަސްޓު މަހުގެ 1-9 ގެ ނިޔަލަށެވެ. މި މުބާރާތް ވަނީ މިދިޔަ ދެ އަހަރުވެސް ކާމިޔާބުކަމާއެކު މާލޭގެ ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައި ކުރިއަށް ގެންގޮސްފައެވެ.

މި އަހަރުގެ މޯލްޑިވްސް ޕްރޯގައި ތިން ކެޓެގަރީއެއް ހިމެނެއެވެ. އެއީ މެންސް އޯޕަން އާއި، ވިމެންސް އޯޕަން އަދި ޕްރޯ ޖޫނިއަރ މެންސްއެވެ. މޯލްޑިވްސް ޕްރޯ އަކީ އައިބީސީގެ ދެވަނައަށް އެންމެ އަގުބޮޑު މުބާރާތެވެ.

މުބާރާތުގެ ޕޯސްޓަރު ދައްކާލުމަށް ބޭއްވި ހާއްސަ ޕްރެސް ކޮންފަރެންސްގައި ޕޯސްޓަރު ހާމަކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިއު އެވެ.

މި ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަވަމުން ވަޒީރު ރާފިއު ވިދާޅުވީ މި މުބާރާތަކީ ހާއްސަ މުބާރާތެއް ކަމަށާއި މުބާރާތަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމަށެވެ.

މޯލްޑިވްސް ޕްރޯ ގެ ތަޖުރިބާއާއެކު ރާއްޖޭގެ ބޮޑީބޯޑަރުން އަންނަނީ ވޯލްޑް ޓުއާ މުބާރާތްތަކުގައި ބައިވެރިވަމުންނެވެ. އައިބީސީން ހާމަކޮށްފައިވާ ގޮތުން ރާއްޖޭގައި ބާއްވާ މުބާރާތަކީ އިންތިޒާމުގެ ގޮތުންނާއި، ފެންވަރުގެ ގޮތުން ރަނގަޅު މުބާރާތެއް ކަމަށެވެ. އަދި ރާއްޖޭގެ ބޮޑީބޯޑިން ކުރިއެރުވުމަށް ކުރަމުން އަންނަ މަސައްކަތަށް އެ އިދާރާއިން ވަނީ ތައުރީފުކޮށްފައެވެ.