ކުޅިވަރު

މާޒިޔާ އާއި ގްރީން އެއްވަރު، އީގަލްސްއަށް ފަސޭހަ މޮޅެއް


އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ކުލަބު ގްރީން ސްޓްރީޓްސް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމުނުއިރު، ޔުނައިޓެޑު ވިކްޓްރީ (ޔޫވީ) އަތުން ކުލަބު އީގަލްސް ފަސޭހަ މޮޅެއް ހޯދައިފިއެވެ.

ގަލޮޅު ފުޓުބޯޅަ ދަނޑުގައި ރޭ ކުލަބް އީގަލްސް ކުޅުނު މެޗު ކާމިޔާބުކޮށްފައިވަނީ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަތުން 4-1 ގެ ނަތީޖާއަކުންނެވެ. އީގަލްސްއަކީ ޔޫތު މުބާރާތްތަކުގައި ފާހަގަކޮށްލެވޭ މޮޅު ޓީމެކެވެ.

ރޭ ކުޅުނު މެޗުގައި އީގަލްސް އިން ލީޑު ނަގާފައިވަނީ މެޗުގެ 17 ވަނަ މިނެޓުގައެވެ. މިއީ އީގަލްސްގެ މުހައްމަދު އައިމަން ހަސަނަށް ޔޫވީގެ ކީޕަރު އިބްރާހީމް ފައިރޫސް ފައިސަލް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެއްގައި އަހުމަދު އަފްލާޒް ކާމިޔާބުކުރި ލަނޑެކެވެ.

މި ލަނޑު ޖެހިތާ ހަތަރު މިނެޓުފަހުން އީގަލްސްއަށް ލީޑު ފުޅާކޮށްދިނީ އައިމަން އެވެ. މިއީ ފުރަތަމަ ލަނޑު ޖެހި އަފްލާޒްގެ އެހީއާއެކު އޭނާ ކާމިޔާބުކުރި ލަނޑެކެވެ. ތިންވަނަ ލަނޑު ޖަހާފައިވަނީ ދެވަނަ ހާފުގައެވެ. މި ލަނޑު ދެވަނަ ހާފުގެ ކުރީކޮޅު ކާމިޔާބުކޮށްދިނީ އައިމަން އެވެ.

ޔޫވީން ފަރަގު ކުރަކުރީ މެޗުގެ 63 ވަނަ މިނެޓުގައެވެ. އީގަލްސްގެ ކީޕަރު ކަޓުވާލުމަށްފަހު މި ލަނޑު ކާމިޔާބުކޮށްދިނީ ޔޫވީގެ ކެޕްޓަން ޝަނާން ރަޝާދެވެ. ނަމަވެސް އޭގެ ހަ މިނެޓުފަހުން އީގަލްސް ވަނީ އެ ޓީމުގެ ހަތަރުވަނަ ލަނޑު ޖަހާފައެވެ. މިއީ ލިބުނު ހިލޭޖެހުމެއްގައި އަލީ ރިޝްވާން ކާމިޔާބުކުރި ލަނޑެކެވެ.

ހޯމަދުވަހުގެ ހަވީރު މާޒިޔާ ސްޕޯޓްސް ކުލަބާއި ކުލަބު ގްރީން ސްޓްރީޓްސް ބައްދަލުކުރި މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދާފައިވަނީ ގްރީން ސްޓްރީޓްސް އިންނެވެ. މި ލަނޑު މެޗު ފަށައިގެން ހަތްވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އާދަމް ސަމާހުއެވެ.

މާޒިޔާއިން ނަތީޖާ ހަމަހަމަކޮށްފައިވަނީ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ދިހަ މިނެޓަށްވެފައި ވަނިކޮށެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ އަބްދުﷲ ލޫތެވެ.

މެޗުގެ ދެވަނަ ހާފުގައި ދެ ޓީމުންވެސް ލަނޑު ޖަހާފައިވަނީ ފަހުކޮޅުގައެވެ. އެގޮތުން ގްރީންގެ ސައްޔާފު އާދަމް ލީޑު ނެގި ނަމަވެސް މާޒިޔާއިން އެ ޓީމު މޮޅުވިޔަނުދީ ހިފެހެއްޓި ލަނޑު 88 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަހުމަދު މިލްހާނެވެ.

މި ފަހަރުގެ މުބާރާތުގެ ގްރޫޕް އޭގައި ހިމެނެނީ ފުރަތަމަ ޑިވިޝަނާއި ޔޫތު ޗެމްޕިއަންޝިޕުގައި މުޅިން އަލަށް ވާދަކުރާ އޮޑި ސްޕޯޓްސް އާ، ޓީސީ އާއި، ބުރު ސްޕޯޓްސް ކުލަބު އަދި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެވެ. އަދި މި މުބާރާތުގެ ދެ ޗެމްޕިއަނުން ހިމެނުނީ ގްރޫޕް ބީގައެވެ. އެ ގޮތުން 2018 ވަނަ އަހަރުގެ ޗެމްޕިއަން ކުލަބު ގްރީން ސްޓްރީޓްސް އާއި، 2022 ވަނަ އަހަރުގެ ޗެމްޕިއަން ކުލަބު އީގަލްސްގެ އިތުރުން ދެން އެ ގްރޫޕުގައި ހިމެނެނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އެވެ.