ކުޅިވަރު

ފައިސާގެ މައްސަލަތަކުގައި ސާފްގެ ނުރުހުން އެފްއޭއެމަށް


  • []

ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕު ފުޓުބޯޅަ މުބާރާތުގެ ފައިސާގެ ކަންކަން ހަމަނުޖައްސާތީ، ސާފްގެ ގައުމުތަކުގެ މުބާރާތްތަކުގައި ރާއްޖެއަށް ބައިވެރިނުވެވޭ ގޮތް ހެދުމަށް މަޝްވަރާކޮށްފިއެވެ.

ދެކުނު އޭޝިއާގެ ފުޓުބޯޅައިގެ މައި އިދާރާ ކަމަށްވާ ސާފް އިން ބަލަނީ ރާއްޖޭގައި 2021 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތާ ގުޅޭ ފައިސާތަކުގެ ކަންކަމުގެ މައްސަލައެވެ.

ސާފްގެ އެގްޒެކްޓިވް ކޮމިޓީގެ ބައްދަލުވުމާއި ކޮންގްރެސްގައި ވަނީ 2021 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕާ ގުޅޭ ފައިސާތައް އެފްއޭއެމުން އަދާކޮށްފައިނުވާ މައްސަލައާއި ގުޅޭގޮތުން ގިނަ މަޝްވަރާތަކެއް ކޮށްފައެވެ އެގޮތުން ޗެމްޕިއަންކަން ހޯދި އިންޑިއާއަށް ދޭންޖެހޭ ފައިސާގެ އިނާމާއި ޓީމުތަކުން ބައިވެރިވި ފީ އާއި ސާފްއަށް ދައްކަންޖެހޭ ފީ އެފްއޭއެމުން ނުދައްކައެވެ.

މެމްބަރު ގައުމުތަކުންނާއި ސާފް އިންވެސް ވަނީ މި ފައިސާ އަދާކޮށްދިނުމަށް އެދިފައެވެ. ނަމަވެސް އެކަމެއް ނުކުރެއެވެ. މެމްބަރު ގައުމުތަކަށް ޖަވާބެއްވެސް ނުދެއެވެ. އެއާއެކު ސާފް އިން ވަނީ މި މައްސަލަ އޭއެފްސީއަށް ވެސް ހުށައަޅާފައެވެ. އޭއެފްސީގެ އެހީއާއެކު މި މައްސަލަ ހައްލުކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

މި ބައްދަލުވުމުގައި އެފްއޭއެމުގެ ރައީސް ބައްސާމް އަދީލް ޖަލީލް ބައިވެރިވެވަޑައިގެންނެވީ އޮންލައިންކޮށެވެ. އެއީ، މަނީ ލޯންޑަރިން އާއި ހިޔާނާތުގެ މައްސަލައެއްގައި ކޯޓުން ބައްސާމްގެ ޕާސްޕޯޓް ހިފަހައްޓާފައިވާތީ ދަތުރުކުރެވެން ނެތުމުންނެވެ. ބައްސާމް ވަނީ މި ބައްދަލުވުމުގައި އެ ފައިސާ އެފްއޭއެމުގެ އިންތިޚާބަށްފަހު ދެތިން މަސްދުވަހުގެ ތެރޭގައި ހަމަޖައްސައިދޭނެ ކަމުގެ ޔަގީންކަން ދީފައެވެ.

އެފްއޭއެމް އިން ސާފްއަށް ދައްކަން ޖެހޭ ފައިސާ ނުދޭތީ، ރާއްޖޭގެ ގައުމީ ޓީމުތައް ސާފްގެ މުބާރާތްތަކުގައި ކުޅެން ފުރުސަތު ދިނުމާ މެދު ވެސް ވަނީ މަޝްވަރާކޮށްފައެވެ. ނަމަވެސް އެކަމާ މެދު ގޮތެއް ނުނިންމައެވެ.