ޚަބަރު

މިނާއަކީ މާތް ﷲއަށް ކުއްތަންވުމުގައި އަޅުތަކުންގެ ޤުރުބާނީ ހަނދާން ކޮށްދޭ ތާރީޚީ މުހިއްމު ތަނެއް


  • މިނާއަކީ އިބްރާހިމްގެފާނުގެ ދަރިކަލުން ޒަބަހަ ކުރެއްވުމަށް ވަޑައިގެންނެވި ތަން

ޙައްޖުގެ މަތިވެރި އަޅުކަމުގައި ހިމެނޭ ކޮންމެ ކަމަކީވެސް އިބްރަތުން ފުރިގެންވާ އެތައް ހާދިސާތަކެއްގެ ހަނދުމަ އައު ކުރުމުގެ ގޮތުން ކުރަން ޖެހޭ ކަންތައްތަކެވެ. ޙައްޖުގެ މަޝާއިރުތަކުގައި ހިމެނޭ ކޮންމެ ކަމަކީ އެކަންކަން ކުރުން ދޫކޮށް ނުލެވޭ ކަންކަމެވެ. އެގޮތުން މިފަދަ އެއްތަނަކީ މިނާއެވެ.

ޙައްޖުގެ މަޝާއިރުތައް ފަށަނީ މައްކާގެ ސަރަޙައްދާ ގުޅިގެން މާތް ﷲ މާތް ކުރައްވާފައިވާ މިނާއިންނެވެ. ޙައްޖު މަހުގެ 8 ވަނަ ދުވަހު މިނާގައި މަޑު ކުރުމަށްފަހު އަރަފާތާއި މުޒްދަލިފާގައި މަޑުކުރުމަށްފަހު އަނެއްކާވެސް އެނބުރި ދާން ޖެހެނީ މިނާއަށެވެ. އެގޮތުން ޙައްޖު މަހުގެ 11،12 އަދި 13 ވަނަ ދުވަސްވެސް ހޭދަކުރަނީ މިނާގައެވެ. މިނާއަކީ މުސްލިމުންނަށް ވަރަށް ބޮޑު ތާރީޚެއް އޮތް ތަނެކެވެ.

މިނާއަކީ މާތް ﷲއަށް ކުއްތަންވުމުގައި އެއިލާހުގެ އަޅުތަކުންގެ ޤުރުބާނީ ހަނދާން ކޮށްދޭ ތާރީޚީ މުހިންމު ތަނެކެވެ. އެއީ އިބްރާޙިމް އަލައިހިސަލާމް އިމްތިޙާން ކުރެއްވި ތަނެވެ. މާތް ﷲ އިބްރާހިމްގެފާނު އިމްތިޙާނު ކުރެއްވީ އެކަލޭގެފާނުގެ ލޮބުވެތި ދަރިކަލުން އިސްމާއިލްގެފާނު ޒަބަހަ ކުރެއްވުމަށެވެ. މާތް ﷲގެ އެއެންގެވުމަށް ހަމައެކަނި ހުންނެވި ދަރިކަލުން ގޮވައިގެން ޒަބަހަކުރެއްވުމަށް އިބްރާހިމްގެފާނު ވަޑައިގަތީ މިނާއަށެވެ. މިނާއަށް އެ ދެބަފައިކަލުން ވަޑައިގަތްއިރު ތިއްބެވީ އެކަން ކުރެއްވުމަށް ހިތުން ރުހުމުންނެވެ.

އެހެންނަމަވެސް އިބްރާހިމްއަލައިހި ސަލާމްގެ އެ ޤުރުބާނީ ހުއްޓުވުމަށް އިބިލީސް މަސައްކަތް ކުރިއެވެ. އިންސާނެއްގެ ސޫރައިގައި ހުރެގެން ޝައިތާނާ އިބްރާހީމްގެފާނަށް ވިސްނައިދެމުން ގެންދިޔައީ ޤުރުބާން ކުރުމަކީ އިންސާނުން ކޮށް އުޅޭކަމެއް ނޫންކަމަށެވެ. މާތް ﷲ އެކަމުން ފުދިވޮޑިގެންވާކަން ވިސްނައިދެމުން ގެންދިޔައެވެ. އިބްރާހިމްގެފާނުގެ އިތުރަށް އެކަލޭގެފާނުގެ ދަރިކަލުން އިސްމާއިލްގެ ފާނަށްވެސް އިބިލީސް ވިސްނައިދެމުން ގެންދިޔައީ ހަމަ އެބީދައިންނެވެ.

އިސްމާއިލްގެފާނަށް އިބިލީސް ހުށައެޅީ ތިއީ ޒުވާން ކުއްޖެއްކަމާއި ދުނިޔޭގައި ހުރެއްޖެނަމަ ވަރަށް ބޮޑެތި ހެޔޮ ކަންތައްތައް ކޮށްދެވޭނެކަމަށެވެ. މާތް ﷲ އިންސާނެއް ޒަބަހަ ކުރެއްވުމަށް އެދިވަޑައި ނުގަންނަވާނެ ކަމަށްވެސް ޝައިޠާނާ ވިސްނައިދެމުން ގެންދިޔައެވެ. ނަމަވެސް މާތް ﷲގެ ރަޙްމަތުން ޝައިޠާނާގެ އެނުބައި ވަސްވާސްތަކުން އިބްރާހިމްގެ ފާނާއި ދަރިކަލުން ސަލާމަތްކުރެއްވިއެވެ. ޝައިޠާނާގެ ބަހަށް ހެއްލުމުގެ ބަދަލުގައި ބިން މަތިން ހިލަ ހޮއްވަވާ އިބްރާހިމްގެފާނު އިބިލީސް ފައްސާލެއްވިއެވެ. އެކަން ތިން މަޤާމެއްގައި އިބްރާހިމްގެފާނު ކުރެއްވިއެވެ.

"އިބިލީހުގެ ކަންބޮޑުވުން ވަރަށް ބޮޑުވާނެ، މުއުމިނު އަޅުތަކުން މާތް ﷲއަށް ކުއްތަންވާ ކޮންމެ ވަގުތެއްގައި. ވުޟޫ ކުރުމާއި، ނަމާދު ކުރުމާއި ޒަކާތް ދޭއިރު އަދި ޙައްޖުގެ މަތިވެރި އަޅުކަމަށް އަންނައިރުވެސް ވަރަށް ކަންބޮޑުވާނެ." އާދަމް ޝަމީމް ވިދާޅުވިއެވެ

އިބްރާހިމްގެފާނުގެ ޤުރުބާނީ ޤަބޫލުކުރައްވާ އިސްމާއީލްގެ ފާނު ޒަބަހަ ކުރެއްވުމުގެ ބަދަލުގައި އުޟްޙިޔާގެ ޤުރުބާނީދެއްވިއެވެ. އެގޮތުން ޖަންނަތުން ކަންބަޅި ބަކަރިއެއް މާތް ﷲ ފޮނުއްވެވުމުން އިބްރާހިމްގެ ފާނު އެކަންބަޅި ބަކަރި ޤުރުބާން ކުރައްވާ އެސުންނަތް އަންނަން އޮތް އިސްލާމީ އުއްމަތަށް ޝަރުޢުކުރެއްވިއެވެ. ޙައްޖަށް ނާދެވޭ މީހުންވެސް އުޟުހިޔާގެ ޤުރުބާނީ ކުރުން ސުންނަތް ވެގެންވެއެވެ. އަދި ޙައްޖުގައި ބައިވެރިވާ ހުރިހާ ޙާޖީން ހަދްޔުގެ ގޮތުގައި އެއްޗެއް ކަތިލުން ވާޖިބުވެގެންވެއެވެ.
މި ޤުރުބާނީ މިނާއާ ގުޅިގެން ހަނދާން ކުރަންޖެހެއެވެ.