ޚަބަރު

ސަރުކާރުން ޤައުމުތަކާއެކު ގުޅުން ބަދަހިކުރާނީ ސިޔާދަތީ ރަތް ރޮނގު ހުރަސްނުކޮށް: މެންބަރު އަޒާން


  • ރާއްޖެއާއި އިންޑިއާއާއި ދެމެދު އޮތީ ހަމައެކަނި އަސްކަރީ ގުޅުމެއްކަން ދައްކަން ބަޔަކުވަނީ މަސައްކަތްކޮށްފައި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޤައުމުތަކާއެކު ގުޅުން ބަދަހިކުރާނީ ރާއްޖޭގެ ސިޔާދަތީ ރަތް ރޮނގު ހުރަސް ނުކޮށްކަމަށް ހިތަދޫ ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރުޒޫޤު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ފޮޓޯއަކާއެކު އެކްސްގައި ކުރެއްވި ޕޯސްޓަކާއި ގުޅިގެން ބައެއް ފަރާތަކުން އަމާޒުކުރި ވާހަތަކާއި ގުޅިގެން މެމްބަރު އަޒާން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ސާބިތުކޮށްދެއްވަމުން ގެންދަވަނީ ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލަށް ބުރު ނާރާގޮތަށް އިންޑިއާ އާއެކުވެސް ގުޅުން ބޭއްވިދާނެކަމުގެ މިސާލުކަމަށެވެ.

މެންބަރު އަޒާން ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލައިފިނަމަ ރާއްޖެއަށް ކާޑުގެ ދަތިކަން ކުރިމަތިވާނެކަމަށް އެމްޑީޕީގެ ނިމިދިޔަ ސަރުކާގެ ވެރިން ބުނަމުންދިޔަކަން ފާހަގަކޮށް އެމްޑީޕީގެ ސަރުކާރުން އެފަދަ ކަންކަމުގައި އަމަލުކުރަމުންދިޔަ ގޮތަށް ފާޑުވިދާޅުވެފައެވެ.

އިންޑިއާއަކީ ޒަމާނުއްސުރެ ރާއްޖޭގެ އެންމެ ގާތް ޤައުމުކަން ފާހަގަކުރައްވަމުން މެންބަރު އަޒާން ވިދާޅުވީ ރާއްޖެއާއި އިންޑިއާގެ ގުޅުން ބިނާވެގެންވަނީ ހަމައެކަނި އަސްކަރީ ގުޅުމުގެ މައްޗަށްކަމަށް ވިސްނައިދޭން ބަޔަކު މީގެކުރިން މަސައްކަތްކޮށްފައިވާކަމަށެވެ. އެހެންނަމަވެސް ރާއްޖެއާއި އިންޑިއާގެ ގުޅުން އެއަށްވުރެ ފުޅާކަން ފާހަގަކޮށް އަޒާންވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޢިއްޒުގެ ސަރުކާރުން އިންޑިއާއާއެކު ގުޅުން ޤާއިމުކުރަނީ ރާއްޖޭގެ ސިޔާދަތީ ރަތް ރޮނގު ހުރަސްނުކޮށްކަމަށް ވިދާޅުވެފައެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަދި އިންޑިއާ ސަރުކާރުގެ ކައުންސިލު އޮފް މިނިސްޓަރސް ހުވާކުރެއްވުގެ ރަސްމިއްޔާތަށް ވަޑައިގެންނެވުމަށް އިންޑިއާގެ ބޮޑުވަޒީރު ދެއްވި ދަޢުވަތު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެޤައުމަށް ވަޑައިގެން ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުވާކުރެއްވުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.

އަދި މިދަތުރުފުޅުގައި އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫއާ ބައްދަލުކުރައްވާފައިވާއިރު، އެޤައުމުގެ ސަރުކާރުގެ އިސް ބައެއް ވަޒީރުން ވަނީ އެމަނިކުފާނުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތްވެސް ކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ދެޤައުމުގެ ދެމެދު އޮންނަ ތާރީޚީ ގާތް ރަހުމަތްތެރިކަމުގެ ގުޅުން އެގޮތުގައި ދެމެހެއްޓުމާއި، ދެޤައުމުން ގުޅުންބަދަހިކޮށްފައިވާ ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރެއްވުމަށް މުހިއްމުކަން މިދަތުުރފުޅުގެ ތެރެއިންވެސް ފާހަގަކުރައްވާފައެވެ.