ކުޑަކުދިންނަށް ކުރާ އަނިޔާއިން އެކުދިން ރައްކާތެރިކުރުމަށާއި އެކަމަށް ފިޔަވަޅު އެޅުމަށް ޤައުމީ އެކްޝަން ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފިއެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާއިން 2024 އިން 2028އަށް އެކުލަވާލާ ޤައުމީ އެކްޝަން ޕްލޭން އާ ގުޅޭގޮތުން 2 ދުވަހުގެ މަޝްވަރާ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައިވެއެވެ.
ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާއިން މި މަޝްވަރާ ބައްދަލުވުން ކުރިއަށް ގެންދިޔައީ އިއްޔެއިން ފެށިގެން މިއަދުގެ ނިޔަލަށް ބަނޑޮސް މޯލްޑިވްސްގައެވެ. ބައްދަލުވުމުގައި ކުރިއަށްދިޔަ ސެޝަންތަކުގައި ކަމާއި ގުޅުންހުރި ސަރުކާރުގެ މުއައްސަސާތަކާއި، އިދާރާތަކާއި ބައިނަލްއަޤުވާމީ ޖަމިއްޔާ ޖަމާޢަތްތަކުގެ އިތުރުން ކުޑަކުދިންގެ ރަޢުޔު ހޯދުމަށްޓަކައި ސްކޫލް ދަރިވަރުންވެސް ބައިވެރިވެފައިވާކަމަށް ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
From the Opening Ceremony of the Technical Session to Validate the Draft National Action Plan on Prevention and Responding to Violence Against Children 2024-2028.@aishathshiham @UNICEFMaldives pic.twitter.com/GMBTrpPEZd
— Ministry of Social and Family Development (@MSFDmv) June 9, 2024
ނޭޝަނަލް އެކްޝަން ޕްލޭން 2024-2028 އެކުލަވާލުމަށް ކުރިއަށް ގެންދާ މި މަޝްވަރާތަކުގައި މިކަމުގައި ހުރި ގިނަ ގޮންޖެހުންތައް ފާހަގަކޮށް ކުޑަކުދިންނަށް ކުރާ އަނިޔާއާއި ދެކޮޅަށް މަސައްކަތްކުރުމުގައި ހުރި ޤާނޫނީ ގޮންޖެހުންތަކާއި ގުޅޭ ގޮތުން މަޝްވަރާކުރެވިފއިވާކަށް ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
އަދި މުއައްސަސާތަކާއެކު ގުޅިގެން ކުރެވޭ މަސައްކަތްތަކުގައި ދިމާވާ ދަތިތަކާއި، ވަސީލަތްތައް ލިބުމުގެ ދަތިކަމާއި، ކުޑަކުދިންގެ ހައްޤުތަކާއި ކުޑަކުދިންގެ ޒިންމާތައް ހަމަހަމަކުރުމުގައި ހުރި ގޮންޖެހުންތަކާއި، ރައްކާތެރިކަމުގެ މަސައްކަތްތައް އިތުރުކުރުމުގެ މުހިންމުކަމަށްވެސް މި މަޝްވަރާތަކުގައި އަލިއަޅުވާލެވުނުކަމަށްވެސް ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާއިން ވިދާޅުވީ ދެ ދުވަހުގެ މި ޓެކްނިކަލް ސެޝަންތަކުގައި ކުރިއަށް ގެންދެވުނު މަޝްވަރާތަކަކީ ނަތީޖާއަށް ބިނާކުރެވިގެން ކުރިއަށް ގެންދެވުނު މަޝްވަރާތަކެއްކަމަށެވެ. މިގޮތުން ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމާއި ރައްދު ދިނުމުގައި ވަށާޖެހޭ ހައްލެއް ކަށަވަރުކޮށްދީ، ކުޑަކުދިން ރައްކާތެރިކުރުމުގެ އެންމެހާ ދާއިރާތައް އެކްޝަން ޕްލޭންގައި ހިމެނުމަށް ވަރަށް ބޮޑު އިސްކަމެއް ދޭނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.